"އައްޑޫމީދޫ މިނިވަންއުފާ 2026" ގެ ހަރަކާތްތަކުގެ ތެރެއިން ހިމެނިގެން ބޭއްވި "މީދުވަން" ދުވުން، މިއަދު ހަވީރު ވަރަށް ކުލަގަދަގޮތެއްގައި ބާއްވައިފިއެވެ.
ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވި މި ދުވުން ފެށުނީ މިއަދު ހަވީރު 4:30 ގައި މީދޫ ބަނދަރު ސަރަޙައްދުންނެވެ.
ޖުމްލަ 4.2 ކިލޯމީޓަރުގެ މި ދުވުން ކުރިއަށްދިޔައީ މީދޫ ބަނދަރުން ފެށިގެން، ހުޅުދޫ އަދި މީދޫގެ ބޮޑުމަގުތަކުގައެވެ. ދުވުމުގެ ބައިވެރިންގެ ފަރާތުން ފެނިގެންދިޔަ ފޯރިއާއި ރޫޙަކީ މި ދުވުން އިތުރަށް ފުރިހަމަވެގެންދިޔަ ސަބަބެކެވެ. މި ދުވުން ކާމިޔާބީއާއެކު ނިންމާލި ކޮންމެ ބައިވެރިއަކަށްވެސް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ މެޑަލްއެއް ދެވުނެވެ.

"އައްޑޫމީދޫ މިނިވަންއުފާ 2026" ގެ ދަށުން ކުރިއަށްދާ އެކި ހަރަކާތްތަކުގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ވަނީ ވަރަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.
އެގޮތުން މި ހަރަކާތްތަކަށް ޚާއްޞަކޮށްގެން ހިންގާ ފޭސްބުކް ޕޭޖު މެދުވެރިކޮށް، ކުޅިވަރުތައް ކުރިއަށްދާނެ ތާވަލާއި، ތަފްސީލީ މަޢުލޫމާތުތައް ވަގުތުން ވަގުތަށް ލިބެމުންދާނެއެވެ. މިއީ ދުރާލާ ރޭވުންތައް ރޭވުމަށާއި، ކުޅިވަރުތައް ބަލަންދާން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

މި ފޭސްބުކް ޕޭޖުން ކޮންމެ ދުވަހެއްގެވެސް މުހިންމު ހަރަކާތްތަކާއި، ވަގުތުތަކުގެ އިތުރުން ހަރަކާތްތައް ބޭއްވޭ ތަންތަން ސާފުކޮށް އެނގެން ހުންނާނެއެވެ. އެހެންކަމުން، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މީދޫއަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކުން މި ޕޭޖަށް ޒިޔާރަތްކޮށް، މަޢުލޫމާތު އޮޅުންފިލުވުމަކީ ވަރަށް މުހިންމު ކަމެކެވެ.
މީދޫ ކައުންސިލްގެ އެންމެ ބޮޑު އުންމީދަކީ ވީހާވެސް ގިނަ ބަޔަކު މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވޭ މި ހަރަކާތްތަކުގައި ބައިވެރިވެ، މިނިވަންކަމުގެ އުފަލުގައި ބައިވެރިވުމެވެ. މިފަދަ ބޮޑު ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެން ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ކުޅިވަރުތައް ބަލަން އަންނަ މެހެމާނުންނަށް ބޭނުންވާނެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމުގައި ރަށުގެ ވޮލަންޓިއަރުންނާއި ކައުންސިލްގެ މުވައްޒަފުން ދަނީ ހުއްޓުމެއްނެތި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

