"މިނިވަން އުފާ 2026" ފާހަގަކުރުމަށް މީދޫގައި ކުރިއަށްދާ ޚާއްޞަ ޙަރަކާތްތަކުގެ ތެރެއިން، ރޭ ކުޅެވުނު ފޯރިގަދަ ހޭންޑް ބޯލް މެޗު ހިތަދޫ މައިލޯ ޓީމުން ކާމިޔާބުކޮށްފިއެވެ.
މީދޫ ޓާފް ދަނޑުގައި ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ހިތަދޫ މައިލޯ ޓީމާއި މީދޫގެ ޓީމެކެވެ. ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ހިތަދޫ މައިލޯ ޓީމުން ކާމިޔާބުކުރީ 14 - 12 އިންނެވެ.

މެޗުގެ ކުރީކޮޅު މީދޫ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި ލީޑު ނެގި ނަމަވެސް، މެޗުގެ ފަހު ދަނޑިވަޅުގައި މައިލޯ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ އެމީހުންގެ ކޮޅަށް އަނބުރާލާފައެވެ. މި މެޗު ބަލާލުމަށްޓަކައި މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން ދަނޑަށް ޖަމާވެފައިވެއެވެ.
"މިނިވަން އުފާ 2026" އަކީ ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ސިލްސިލާ ޙަރަކާތްތަކެކެވެ.

މީދޫގައި ކުރިއަށްދާ މި ޙަރަކާތްތަކުގެ ތެރޭގައި ތަފާތު ކުޅިވަރު ހަރަކާތްތައް ހިމެނިފައިވާކަން ފާހަގަކުރެވެއެވެ.
އައްޑޫމީދޫ މިނިވަން އުފާ 2026" ގެ ދަށުން ކުރިއަށްދާ ހަރަކާތްތަކުގެ މައުލޫމާތު ހޯދުމަކީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ. މި ހަރަކާތްތަކަށް ހާއްސަކޮށްގެން ހިންގާ ފޭސްބުކް ޕޭޖުން ކުޅިވަރުތައް ކުރިއަށްދާނެ ތާވަލާއި، ތަފްސީލީ މައުލޫމާތުތައް ވަގުތުން ވަގުތަށް ލިބެމުންދާނެއެވެ. މިއީ ދުރާލާ ރޭވުންތައް ރޭވުމަށްޓަކައި، ކުޅިވަރުތައް ބަލަންދާން ބޭނުންވާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މި ޕޭޖު މެދުވެރިކޮށް ކޮންމެ ދުވަހެއްގެވެސް މުހިންމު ހަރަކާތްތަކާއި، ވަގުތުތަކުގެ އިތުރުން ހަރަކާތްތައް ބޭއްވޭ ތަންތަން ސާފުކޮށް އެނގެން ހުންނާނެއެވެ. އެހެންކަމުން، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މީދޫއަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކުން މި ޕޭޖަށް ޒިޔާރަތްކޮށް، މައުލޫމާތު އޮޅުންފިލުވުމަކީ ވަރަށް މުހިންމު ކަމެކެވެ. މީދޫ ކައުންސިލްގެ އުންމީދަކީ ވީހާވެސް ގިނަ ބަޔަކު މި ހަރަކާތްތަކުގައި ބައިވެރިވެ، މިނިވަންކަމުގެ އުފަލުގައި ބައިވެރިވުމެވެ. މިފަދަ ބޮޑު ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންނެވެ. ކުޅިވަރުތައް ބަލަން އަންނަ މެހެމާނުންނަށް ބޭނުންވާނެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމުގައި ރަށުގެ ވޮލަންޓިއަރުންނާއި ކައުންސިލްގެ މުވައްޒަފުން ދަނީ ރެއާދުވާލު ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

