އައްޑޫ މީދޫގައި ކުރިއަށްދާ "މިނިވަން އުފާ 2026" ގެ ހަރަކާތްތަކުގެ ތެރެއިން، މިއަދު ހަވީރު ބޭއްވުނު އާއިލީ ހަވީރު ވަރަށް ކުލަގަދަ ގޮތެއްގައި ނިންމާލައިފިއެވެ.
މިއަދު ހަވީރު 4:00 އިން ފެށިގެން މީދޫ ބީވާ ޓާފްގައި ކުރިއަށްދިޔަ މި ހަރަކާތަކީ، މިނިވަން ދުވަހުގެ އުފާ ފާޅުކުރުމަށާއި ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ބޭއްވުނު ހަރަކާތެކެވެ. މި ހަވީރުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ވަނީ ތަފާތު ގިނަ ކުޅިވަރުތަކެއް އިންތިޒާމުކުރެވިފައެވެ.
އާއިލީ ހަވީރުގެ ތެރެއިން ކުރިއަށްދިޔަ ފާހަގަކޮށްލެވޭ ބައެއް ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ބޭއްވުނު ދުވުމުގެ މުބާރާތްތަކާއި، މިއުޒިކަލް ޗެއާ އަދި އެކިއެކި ސަގާފީ ކުޅިވަރުތައް ހިމެނެއެވެ. މީގެ އިތުރުން، ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފޯރިގަދަ ކުޅިވަރުތަކުން މުޅި މާހައުލަށް އުފާވެރިކަން ގެނުވިއެވެ.
މި ހަރަކާތްތަކުގައި ވާދަކޮށް ކާމިޔާބީ ހޯދި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ކުޅިވަރުތަކުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ވަނީ ހާއްސަ އިނާމުތަކެއް ހަވާލުކޮށްފައެވެ. މީގެއިތުރަށް މިހަރަކާތުގައި ބައިވެރިވި ކުޑަކުދީންގެ ތެރެއިން ކޮންމެ ކުއްޖަލކަށްވެސް ހަދިޔާ ދެވުނެވެ. އިނާމާއި ހަދިޔާ ހަވާލުކޮށްދެއްވީ ހަރަކާތް އިންތިޒާމުކުރި ކޮމިޓީގެ މެންބަރުންނެވެ.
މިއަދުގެ މި އާއިލީ ހަވީރަކީ މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ބައިވެރިވުމާއެކު، ނުހަނު ފޯރީގައި ކުރިއަށްދިޔަ ކާމިޔާބު ހަރަކާތެއްކަން ފާހަގަކުރެވެއެވެ. "މިނިވަން އުފާ 2026" ގެ އިތުރު ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށްދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ.
"އައްޑޫމީދޫ މިނިވަން އުފާ 2026" ގެ ދަށުން ކުރިއަށްދާ ހަރަކާތްތަކުގެ މައުލޫމާތު ހޯދުމަކީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ. މި ހަރަކާތްތަކަށް ހާއްސަކޮށްގެން ހިންގާ ފޭސްބުކް ޕޭޖުން ކުޅިވަރުތައް ކުރިއަށްދާނެ ތާވަލާއި، ތަފްސީލީ މައުލޫމާތުތައް ވަގުތުން ވަގުތަށް ލިބެމުންދާނެއެވެ. މިއީ ދުރާލާ ރޭވުންތައް ރޭވުމަށްޓަކައި، ކުޅިވަރުތައް ބަލަންދާން ބޭނުންވާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މި ޕޭޖު މެދުވެރިކޮށް ކޮންމެ ދުވަހެއްގެވެސް މުހިންމު ހަރަކާތްތަކާއި، ވަގުތުތަކުގެ އިތުރުން ހަރަކާތްތައް ބޭއްވޭ ތަންތަން ސާފުކޮށް އެނގެން ހުންނާނެއެވެ. އެހެންކަމުން، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މީދޫއަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކުން މި ޕޭޖަށް ޒިޔާރަތްކޮށް، މައުލޫމާތު އޮޅުންފިލުވުމަކީ ވަރަށް މުހިންމު ކަމެކެވެ. މީދޫ ކައުންސިލްގެ އުންމީދަކީ ވީހާވެސް ގިނަ ބަޔަކު މި ހަރަކާތްތަކުގައި ބައިވެރިވެ، މިނިވަންކަމުގެ އުފަލުގައި ބައިވެރިވުމެވެ. މިފަދަ ބޮޑު ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންނެވެ. ކުޅިވަރުތައް ބަލަން އަންނަ މެހެމާނުންނަށް ބޭނުންވާނެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމުގައި ރަށުގެ ވޮލަންޓިއަރުންނާއި ކައުންސިލްގެ މުވައްޒަފުން ދަނީ ރޭދުވާލު ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

