މިއީ ކްރިސްޓިއާނީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ކަމަށް ގަބޫލުކުރި ނަމަވެސް، ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ މެދު ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ވަކި ގޮތެއް ނުނިންމާކަން ހާމަވާގޮތައް ރޮނާލްޑޯ ވާހަކަ ދައްކައިފިއެވެ.
ކުރިއަށް އޮތް ޔޫރަޕިއަން ޗެމްޕިއަންޝިޕަށް ބާކީ ދެ އަހަރު އޮތްއިރު، ފަސް ފަހަރު ބެލޮންޑިއޯ ހާސިލްކޮށްފައިވާ ރޮނާލްޑޯގެ މިވާހަކަތަކުން ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ އުފެދިފައެވެ. އެއީ 2028 ވަނަ އަހަރުގެ ޔޫރޯ އަންނައިރު އޭނާގެ އުމުރުން 43 އަހަރު ވީނަމަވެސް، އެ މުބާރާތުގައި އޭނާ ފެނިދާނެކަމުގެ އުންމީދު އާވެފައިވާތީއެވެ.
ސްޕޭން އަތުން ބަލިވެ ޕޯޗުގަލް ވޯލްޑް ކަޕުން ކެޓުމާއެކު، ރޮނާލްޑޯ ދަނޑުން ފޭބީ ވަރަށް ބޮޑަށް އަސަރުކޮށް، ރޮމުންނެވެ. މިއީ ރެއާލް މެޑްރިޑް، މެންޗެސްޓާ ޔުނައިޓެޑް އަދި ޔުވެންޓަސްގެ ކުރީގެ ތަރި، ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު ނެތި އޭނާގެ ކެރިއަރު ނިންމާލަން ޖެހޭނެ ކަމުގެ ނިޝާނެކެވެ.
އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ލިއޮނަލް މެސީ ވަނީ މިހާރުވެސް މި ތަށި ހާސިލްކޮށްފައެވެ. އަދި މިފަހަރުގެ މުބާރާތުގައިވެސް އާޖެންޓީނާއާއެކު ދެވަނަ ތަށްޓަކަށް މެސީ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، ރޮނާލްޑޯގެ 23 އަހަރުވީ ބައިނަލްއަޤްވާމީ ކެރިއަރާ މެދު ވާހަކަ ދައްކަމުން އޭނާ ބުނީ:
"ވޯލްޑް ކަޕުން މިގޮތަށް ވަކިވާން ޖެހުމުން ވަރަށް ދެރަވޭ. އެކަމަކު އަހަރެން ހުރިހާ ހިތްވަރެއް ނެރުނިން. އަހަރެންގެ އެންމެ ފުރިހަމަ ކުޅުން ދެއްކިން. އެހެންކަމުން އަހަރެން މުބާރާތުން މި ވަކިވަނީ ހިތްހަމަޖެހުމާއެކު."
އޭނާ އިތުރަށް ބުނީ ފުޓްބޯޅައަކީ މޮޅުވުމާއި ބަލިވުން އެކުލެވޭ ކުޅިވަރެއް ކަމަށާއި، ކޮންމެ ހާލަތެއްގައިވެސް ކުރިއަށް ދާންޖެހޭނެ ކަމަށެވެ.
"މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕްކަން އެދީ ތެދެއް. ނަމަވެސް މިހާރު އަހަރެން ބޭނުމީ އާއިލާއާއެކު ވަގުތު ހޭދަކޮށް، ވިސްނާލަން. އަވަސް އަރުވާލައިގެން ގޮތްތަކެއް ނިންމުމުގެ ބަދަލުގައި، ހަމަޖެހިލައިގެން ދިރިއުޅުމުގެ ކަންކަމައިގެން ކުރިއަށް ދާނީ،"
ރޮނާލްޑޯ ބުންޏެވެ.
ކުޅުން ކުރިއަށް ގެންދިއުމާ މެދު ވިސްނާނެ ކަމަށް ބުނުމަށްފަހު، ރޮނާލްޑޯ ވަނީ ޔޫރޯ މުބާރާތަށް އޭނާގެ ހިތުގައި އޮތް ލޯބި ހާމަކޮށްފައެވެ. 2016 ވަނަ އަހަރު ޕޯޗުގަލްއާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ ބުނީ، އޭނާ ގައުމީ ޓީމަށް ކުޅެން ފެށުމުގެ ކުރިން ޕޯޗުގަލްއިން އެއްވެސް ބޮޑު ތަށްޓެއް ހޯދާފައި ނުވާ ކަމަށެވެ.
"އަހަރެން ޕޯޗުގަލްއަށް ތިން ތަށި ހޯދައިދީފިން. އަހަރެން ގަބޫލުކުރާ ގޮތުގައި 2016 ގައި އަހަރެމެން ހޯދި ޔޫރޯ ތަށީގެ އަގު ވޯލްޑް ކަޕް ތަށްޓާ އެއްވަރު. އެހެންވީމާ އަހަރެން މިހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. މާދަމާއަކީ އާ ދުވަހެއް، ދިރިއުޅުން ކުރިއަށްދާނެ،"
އޭނާ ބުންޏެވެ.
ރޮނާލްޑޯ މިހާރު ކުޅެމުންދާ ސައުދީ އަރަބިއްޔާގެ އަލް-ނަސްރު ކްލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދެމިއޮންނާނެއެވެ. އޭރު އޭނާގެ އުމުރަކީ 42 އަހަރެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާގެ ރެކޯޑް އޮތް ރޮނާލްޑޯ، މިހާރު އަމާޒު ހިފާފައިވަނީ ކެރިއަރުގައި 1,000 ލަނޑު ހަމަކުރުމަށެވެ. އެ ލަނޑުދަނޑިއަށް ވާސިލްވުމަށް އޭނާއަށް ބޭނުންވަނީ އެންމެ 24 ލަނޑެވެ. އުންމީދު ކުރެވެނީ އަންނަ ސީޒަނުގައި އޭނާ އެ ރެކޯޑް މުގުރާލާނެ ކަމަށެވެ.
ރޮނާލްޑޯގެ ޕޯޗުގަލް ކެރިއަރުގެ އަދަދުތަކާއި ތަފާސްހިސާބު:
ކުޅުނު މެޗު: 232
ޖެހި ގޯލު: 146
އެސިސްޓް: 5
ބައިނަލްއަގުވާމީ ފުރަތަމަ މެޗު: 20 އޮގަސްޓް 2003 (ކަޒަކިސްތާނާ ދެކޮޅަށް)
ދައުރު: ކެޕްޓަން (2008 އިން ފެށިގެން)
މުހިންމު ކާމިޔާބީތައް:
ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ 2016): ޗެމްޕިއަން
ޔޫއެފާ ނޭޝަންސް ލީގު (2019، 2025): ޗެމްޕިއަން
ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ 2004): ރަނަރަޕް
ފީފާ ވޯލްޑް ކަޕް (2006): 4 ވަނަ
ފާހަގަކޮށްލެވޭ ރެކޯޑުތަކާއި ކާމިޔާބީތައް:
ދުނިޔޭގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ: ބައިނަލްއަގުވާމީ ފުޓްބޯޅައިގައި 100 ގޯލާއި 140 ގޯލުގެ ހަރުފަތް ގިރާކުރި ފުރަތަމަ ފިރިހެން ކުޅުންތެރިޔާ.
އެންމެ ގިނަ ޔޫރޯ މުބާރާތް: ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ތަފާތު ހަ މުބާރާތެއްގައި (2004، 2008، 2012، 2016، 2020، 2024) ކުޅެ، ގޯލު ޖެހި ހަމައެކަނި ފިރިހެން ކުޅުންތެރިޔާ.
ޔޫރޯގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ: ޔޫރޯގެ ތާރީޚުގައި އެންމެ ގިނަ ގޯލު (14 ގޯލު) ޖެހުމުގެ ރެކޯޑު އޮތީ އޭނާގެ އަތުގައެވެ.
އެންމެ ގިނަ ވޯލްޑް ކަޕް މުބާރާތް: ތަފާތު ހަ ވޯލްޑް ކަޕެއްގައި (2006، 2010، 2014، 2018، 2022، 2026) ކުޅެ، ގޯލު ޖެހި ހަމައެކަނި ފިރިހެން ކުޅުންތެރިޔާ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

