ފުވައްމުލަކުން: އިބްރާހިމް
ފުވައްމުލަކަކީ ގުދުރަތީ ރީތިކަމާއި، ވަށައިގެންވާ ކަނޑުގެ ނޫކުލައާއި، ރަށުގެ މެދުގައިވާ ފެހިކަން ގަދަ ކުޅިތަކުގެ ސަބަބުން ރާއްޖޭގެ އެހެން ރަށްތަކާ މުޅިން ތަފާތު ސިފަތަކެއް ލިބިފައިވާ ރަށެކެވެ. މި ތަފާތު ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ، ފުވައްމުލަކު ސިޓީ ކައުންސިލުން އިސްނަގައިގެން އެ ސިޓީގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ތަރައްޤީކޮށްފައިވާ "ބޮޑު ފަންނު" ސަރަހައްދުންނެވެ.

މި ސަރަހައްދަކީ ހަމައެކަނި މޫދަށް އެރިލާ ތަނެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، މިތަނަކީ މިޒަމާނުގެ ފެންވަރަށް ފަރުމާކުރެވިފައިވާ، ގިނަ ބަޔަކު އެއްވެ އުޅެން ފަސޭހަ ގޮތަކަށް ތައްޔާރު ކުރެވިފައިވާ އިޖުތިމާއީ ސަރަހައްދެކެވެ. ބޮޑު ފަންނު ފަރުމާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެ ތަނަކީ އާއިލާތަކަށާއި، ޒުވާނުންނަށް އަދި ކުޑަކުދިންނަށް ވެސް އެއްވެސް ދަތިކަމެއް ނެތި ވަގުތު ހޭދަކޮށްލެވޭނެ އަމާން މާހައުލަކަށް ހެދުމަށެވެ. މިގޮތުން މި ސަރަހައްދުގައި ގާއިމުކޮށްފައިވާ ހިތްގައިމު ހަޓުތަކަކީ ހޫނުގަދަ މެންދުރުގެ ވަގުތުތަކުގައި ވެސް އަރާމުކޮށްލުމަށް ލިބޭ ބޮޑު ފަސޭހައެކެވެ. މީގެ އިތުރުން، އާއިލީ ބައްދަލުވުންތަކާއި، ރައްޓެހިންނާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބާބަކިއު ހެދޭނެ ފުރިހަމަ އިންތިޒާމުތައް ވަނީ މިތަނުގައި ހަމަޖައްސާފައެވެ. މިއީ ރަށުގެ އިޖުތިމާއީ ގުޅުންތައް ވަރުގަދަކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ.

މި ސަރަހައްދުގެ އެންމެ ހާއްސަ އެއް ސިފައަކީ ޕިކްނިކަށް ދާފަރާތްތަކުގެ ތެރެއިން ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވަސީލަތްތަކެވެ. ވޮލީބޯޅަ އާއި ފުޓްބޯޅަ ފަދަ ކުޅިވަރުތައް ކުޅެވޭނެ ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅިފައި އޮތުމަކީ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ޒުވާނުންނަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ޚާއްސަކޮށް ޕިކްނިކްދާ ފަރާތްތަކަށް ހިތްފަސޭހަކަމާއެކު މި ކުޅިވަރުތަކުގައި ބައިވެރިވުމަކީ ހަށިގަނޑަށް ލިބޭ ދިރުމެއްގެ އިތުރުން، ނަފްސާނީ ގޮތުން ވެސް އުފާވެރިކަން ލިބޭނެ ކަމެކެވެ. ބޮޑު ފަންނު ތަރައްޤީކުރުމުގައި ސިޓީ ކައުންސިލުން ވިސްނާފައިވަނީ ހަމައެކަނި މުނިފޫހިފިލުވުމަކަށް ނޫނެވެ. އެހެނެއްކަމަކު، މި ސަރަހައްދަކީ ރައްޔިތުންގެ އެކުވެރިކަން އާލާވެ، އެކި އުމުރުފުރާގެ މީހުން އެކަކު އަނެކަކާ ބައްދަލުވެ، ހިޔާލު ބަދަލުކުރެވޭނެ މާހައުލަކަށް ހެދުމެވެ. ފުވައްމުލަކުގެ މޫސުމާއި، ވަށައިގެންވާ މާހައުލާ ގުޅޭގޮތަށް ބޭނުންކޮށްފައިވާ ތަކެއްޗާއި، ފަރުމާގެ ސަބަބުން މި ސަރަހައްދުގައި ހޭދަކުރާ ކޮންމެ ސިކުންތަކީ ވެސް ހިތްހަމަޖެހުން ލިބޭނެ ވަގުތެކެވެ. މިކަމުން ދޭހަވަނީ ރަށެއްގެ ތަރައްޤީގައި އިޖުތިމާއީ ބިނާތަކުގެ މުހިންމުކަން ކައުންސިލުން ވަޒަންކުރާ މިންވަރެވެ.

މީގެ އިތުރަށް ބޮޑު ފަންނު ސަރަހައްދަކީ މޫދަށް އެރުމަށް ލޯބިކުރާ ފަރާތްތަކަށްވެސް ހާއްސަ ސަމާލުކަމެއް ދީގެން ތަރައްޤީކޮށްފައިވާ ތަނެކެވެ. ފުވައްމުލަކުގެ މޫދަކީ ބައެއް ފަހަރު ބާނި ބޮޑު އަދި އެރުމަށް އުނދަގޫ ތަނަކަށް ވީނަމަވެސް، ބޮޑު ފަންނުގައި މޫދަށް ފޭބުމަށްޓަކައި ޚާއްސަ ސަރަހައްދެއް ވަނީ ތައްޔާރުކުރެވިފައެވެ. ދެ ކައްސާ ހަރު ނުވަތަ ރޭމްޕް ބަހައްޓާފައިވުމަކީ ޒުވާނުންނާއި ކުޑަކުދީން މޫދަށް އެރިއުޅުމަށް ކުރެވިފައިވާ ވަރަށް މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ކުޑަކުދިންނާއި، ޒުވާނުންނަށް އެއްވެސް ބިރެއް ނެތި، ފަސޭހަކަމާއެކު މޫދަށް ފޭބުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި މީގެ އިތުރަށް މޫދަށް އެރުމަށްފަހު ސާފު ފެނުން ފެންވެރޭނެ އިންތިޒާމުތަކާއި، ފާޚާނާގެ ޚިދުމަތް އެ ސަރަހައްދުން ލިބެން ހުރުމަކީވެސް އެ ސަރަހައްދަށް ޕިކްނިކް ދާފަރާތްތަކަށް ލިބިގެންދާ ވަރަށްބޮޑު ފަސޭހައެކެވެ. މިފަދަ ވަސީލަތްތަކަކީ އާންމުކޮށް ރާއްޖޭގެ ގިނަ ރަށްރަށުގެ މޫދަށް އެރޭ ސަރަހައްދުތަކުން ފެންނަން ނެތް، ނަމަވެސް މިއަދު ކޮންމެހެން ބޭނުންތެރި ޚިދުމަތްތަކެކެވެ.

މި ހުރިހާ މުނިފޫހިފިލުވުމެއްގެ ތެރޭގައި ވެސް، އިސްލާމީ ސަގާފަތާއި ދީނީ ހަމަތަކަށް ދީފައިވާ އިސްކަން މި ސަރަހައްދުން ވަރަށް ބޮޑަށް ފާހަގަވެއެވެ. އެގޮތުން ބޮޑު ފަންނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވުމަކީ، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި އުޅޭއިރު ވެސް ނަމާދު ވަގުތުތަކަށް ސަމާލުކަން ދިނުމަށް ލިބޭ ބޮޑު ބާރެކެވެ. މިކަމުގެ ސަބަބުން، ނަމާދު ވަގުތު ޖެހުމުން ގެއަށް ދާން ނުޖެހި، އެތަނުގައި ތިބެ އަޅުކަން އަދާކުރުމަށްފަހު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބެއެވެ. މިފަދަ ފުރިހަމަ ވަސީލަތްތަކަކާއެކު ތަރައްޤީކޮށްފައިވާ ބޮޑު ފަންނަކީ، ފުވައްމުލަކު ސިޓީ ކައުންސިލުން ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރި އަގުބޮޑު މަސައްކަތެއްގެ ފޮނި ނަތީޖާއެވެ.

ނިންމާލަމުން ދަންނަވާނީ، ފުވައްމުލަކު "ބޮޑު ފަންނު" އަކީ ހަމައެކަނި ރީތި މަންޒަރެއް ނޫނެވެ. އެއީ ދިވެހިވަންތަކަމާއި، ޒަމާނީ ތަރައްޤީއާއި، އިޖުތިމާއީ އެކުވެރިކަން އެއްތަނަކުން ފެނިގެންދާ ނަމޫނާ ސަރަހައްދެކެވެ. ފުވައްމުލަކަށް ޒިޔާރަތްކުރާ ކޮންމެ މީހަކު ވެސް މި ސަރަހައްދަށް ޒިޔާރަތްކޮށް، އެތަނުގެ ހިތްފަސޭހަކަން ތަޖުރިބާކޮށްލުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިފަދަ ތަންތަނުގެ ސަބަބުން ރަށުގެ ފަތުރުވެރިކަމަށް ވެސް އާ ދިރުމެއް ލިބިގެންދާނެކަން ކަށަވަރެވެ.

ފުވައްމުލަކު ބޮޑު ފަންނަކީ ރާއްޖޭގެ އެހެން ރަށްރަށަށް ވެސް ނަމޫނާއަކަށް ބަލައިގަނެވިދާނެ ފަދަ ފުރިހަމަ މަޝްރޫއެކެވެ. އުއްމީދަކީ މިފަދަ ގިނަ ތަންތަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާވެ، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދިއުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

