ފުވައްމުލައް ސިޓީގެ ރައްޔިތުންނާއި އެ ސިޓީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާޙައުލެއްގައި މޫދަށް އެރިލައި، ވަގުތު ހޭދަކޮށްލެވޭނެ ފަދަ ޚާއްޞަ މައިޒާނެއް ޤާއިމުކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްރޫޢު ނިންމައި، "ކަނދޮވަލި އަތިރި" ފަންނު ރަސްމީކޮށް ހުޅުވައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްޤީކުރި މި ފަންނަކީ ވަރަށް ފުރިހަމަ ފަރުމާއަކަށް، ޒަމާނީ ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ ތަނެކެވެ.
މި ފަންނުގައި މޫދަށް އެރޭ މީހުންނަށް ބޭނުންވާނެ ފެންވަރާ އިސްކުރުބަރިތަކުގެ އިތުރުން، އިށީނދެލައިގެން ތިބެވޭނެ ފަދަ ތަންތަނާއި ހިތްގައިމު ޖަގަހަތަކެއް ވަނީ ތައްޔާރުކުރެވިފައެވެ. މިއީ މިސަރަހައްދުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން ފަރުމާކޮށްފައިވާ ނަމޫނާ ފަންނެކެވެ.
މި ފަންނާ ގުޅޭގޮތުން" ވޮއިސްއޮފްމީދޫއަށް " މަޢުލޫމާތު ދެއްވަމުން ފުނާޑު ކައުންސިލަރު އިނާޔާ ވިދާޅުވީ، މިތަން ބެލެހެއްޓުމުގެ ޒިންމާ މިވަގުތު ކައުންސިލުން ކުރިއަށް ގެންދިޔަނަމަވެސް، ކައުންސިލުން ތައްޔާރުކުރަމުންދާ ފަންނުތައް ބެލެހެއްޓުމާ ބެހޭ އުސޫލުތައް ކަނޑައެޅި ނިމުމުން ދާއިމީ ގޮތެއްގައި އެތަން ބަލަހައްޓަން ބަޔަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިނާޔާ އިތުރަށް ވިދާޅުވީ، އެ އުސޫލުތައް ހަމަޖެހުމުން ޕާޓީތަކަށާއި އެހެނިހެން ކަންތައްތަކަށް މި ފަންނު ބޭނުންވާ ފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން ތަން ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް މިވަގުތު މިތަން ބަލަހައްޓަމުންދާނީ ސީދާ ކައުންސިލުންކަމަށް އިނާޔާ ވިދާޅުވިއެވެ.
"ކަނދޮވަލި އަތިރި" އަށް ޒިޔާރަތްކުރާ ފަރާތްތަކުން ތަން ސާފުތާހިރުކޮށް ބެހެއްޓުމަށް ކައުންސިލަށް އެއްބާރުލުން ދިނުމަށް އިނާޔާ އެދިވަޑައިގެންނެވިއެވެ. ތަނުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށްވާތީ، އާންމުން މިކަމަށް ސަމާލުކަން ދެއްވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން "އަނބުލަސް" ފަންނާއި "ދަނޑިމަގު ވެލިގަނޑު ފަންނު" ގެ އިތުރުން "ރަސްގެ ފަންނު" ގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކަނދޮވަލި އަތިރި" ހުޅުވިގެން ދިއުމަކީ ފުވައްމުލައް ސިޓީގެ އިޖުތިމާޢީ ދިރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވަމުން އިނާޔާ ވިދާޅުވީ، މިއީ އާއިލާތަކާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއް ކަމަށެވެ. ސިޓީ ކައުންސިލްގެ އަމާޒަކީ މިފަދަ ވަސީލަތްތަކުގެ އެހީގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.








ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

