ފީފާ ވޯލްޑް ކަޕްގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގަތަރު ބަލިކޮށް، ކެނެޑާއިން އެ ގައުމުގެ ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބޮސްނިއާއާ ވާދަކޮށް ކެނެޑާ އެއްވަރުވިއިރު، ގަތަރުގެ ފުރަތަމަ މެޗު ސްވިޒަލެންޑާ ބައްދަލުކޮށް ނިމުނީ އެއްވަރުވެގެންނެވެ. ރޭގެ މެޗުތަކަށްފަހު، ކެނެޑާ އާއި ސްވިޒަލެންޑަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މިއާއެކު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެ ދެ ޓީމަށް މިވަނީ ވަރަށް ބޮޑަށް ތަނަވަސްވެފައެވެ.
ރޭގެ މެޗުގެ 16 ވަނަ މިނެޓުގައި ކެނެޑާއަށް ލީޑު ނަގައިދިނީ ކައިލް ލަރީންއެވެ. އޭނާއަކީ ބޮސްނިއާ މެޗުގައިވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ލަނޑު ޖެހި ކުޅުންތެރިއެކެވެ. އޭގެ ފަހުން، މެޗުގެ 29 ވަނަ މިނެޓުގައި ޖޮނަތަން ޑޭވިޑް ވަނީ އިތުރު ލަނޑެއް ޖަހައި ކެނެޑާގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ 33 ވަނަ މިނެޓުގައި ކެނެޑާގެ ޓަޖޯން ބުކާނަންއަށް ކުރި ފައުލަކާ ގުޅިގެން ގަތަރުގެ ހޮމާމް އެލް އަމީނަށް ރަތް ކާޑެއް ދެއްކި ހިސާބުންނެވެ. މި ސަބަބާހުރެ މެޗުގެ ބޮޑުބައި ގަތަރަށް ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ. މި ފުރުސަތުގެ ބޭނުން ހިފައި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޑޭވިޑް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ތިން ލަނޑުގެ ލީޑެއް ކެނެޑާއަށް ހޯދައިދީފައެވެ.
ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގަތަރަށް އިތުރު ހީނަރުކަމެއް ކުރިމަތިވީ އެ ޓީމުގެ އާސިމް މޮޑީބޯއަށްވެސް ރަތް ކާޑު ދެއްކުމުންނެވެ. ކެނެޑާގެ އިސްމާއިލް ކޯނޭއަށް އޭނާ ކުރި ނުރައްކާތެރި ފައުލާ ގުޅިގެން ފުރަތަމަ ރީންދޫ ކާޑެއް ދެއްކި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެއީ ރަތް ކާޑެއް ކަމަށް ނިންމާފައެވެ. މިއާއެކު ގަތަރުން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ ނުވަ ކުޅުންތެރިންނާއެކުގައެވެ.
އަނިޔާވި ކޯނޭގެ ބަދަލުގައި ކުޅެން އެރި ނެތަން ސަލީބާ ވަނީ ކުޅެން އެރިތާ ހަތް މިނެޓު ތެރޭގައި ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 75 ވަނަ މިނެޓުގައި ގަތަރުގެ މުހައްމަދު އަލް މަނާއީ އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވާއިރު، މެޗުގެ އިތުރު ވަގުތުގައި ޑޭވިޑް ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ފެނުނު ދެވަނަ ހެޓްރިކެވެ.
މި ކާމިޔާބީއާއެކު ކެނެޑާ މިވަނީ ގުރޫޕު "ބީ" ގެ އެއްވަނައަށް ޖެހިލާފައެވެ. ޕޮއިންޓުގެ ގޮތުން ސްވިޒަލެންޑާ އެއްވަރުވި ނަމަވެސް، ޖެހި ލަނޑުގެ ތަފާތުން ކުރި ހޯދަނީ ކެނެޑާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

