ދުނިޔޭގެ ތަށި ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލާއި މޮރޮކޯ ބައްދަލުކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވިއިރު، މިމެޗްގައި ބްރެޒިލް ސަލާމަތްކޮށްދިނީ ވިނީޝިއަސް ޖޫނިއާ ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. ނިއު ޖާޒީގައި ކުޅުނު މި މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗަށް ވާއިރު، މެޗުގެ ބޮޑު ބައެއް ފެނިގެންދިޔައީ މޮރޮކޯގެ ކޮންޓްރޯލްގެ ދަށުގައި އޮތް ތަނެވެ.
މޮރޮކޯގެ ކޯޗު މުހައްމަދު އުއާބީގެ އިރުޝާދާ އެކު މޮރޮކޯއިން މެޗު ފެށީ ވަރަށް އިތުބާރާއެކުގައެވެ. މިގޮތުން މެޗުގެ ފުރަތަމަ ލަނޑު ސައިބާރީ ކާމިޔާބު ކުރީ ބްރަހީމް ދިއާޒް ދިން މޮޅު ބޯޅައަކުންނެވެ. އޭނާ ވަނީ ބްރެޒިލްގެ ވަރުގަދަ ދެ ޑިފެންޑަރުން ކަމަށްވާ މާކީނިއޯސް އާއި ގަބްރިއެލް މަގަލްހައެސް ކައިރިން ނައްޓާލުމަށްފަހު، ކުރިއަށް ނުކުމެ ހުރި ކީޕަރު އެލިސަން ބެކާގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
ބްރެޒިލުން މިމެޗްގައި ނަތީޖާ ހަމަހަމަކުރި ލަނޑު ވިނީޝިއަސް ކާމިޔާބު ކުރީ ބްރޫނޯ ގިމަރޭސް ދިން ބޯޅައެއް ހޯދައި، އަރިމަތިން އޭރިއާ ތެރެއަށް ވަދެ، މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯއަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި ލަނޑަށްފަހު ބްރެޒިލްގެ ކުޅުން ކުޑަކޮށް ރަނގަޅުވި ނަމަވެސް، މުޅި މެޗުގައިވެސް ބްރެޒިލް ޓީމުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލޫކަސް ޕަކޭޓާ އަށް ލިބުނު ބޯޅައެއްގައި ފޮނުވާލި ހަމަލާއެއް މޮރޯކޯގެ ކީޕަރު ބޯނޯ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ބްރެޒިލުން އަވަސް އެއްލުމެއްގެ ބޭނުން ހިފައިގެން އުފެއްދި ފުރުސަތެއްގައި، އިގޯ ތިއާގޯ ފޮނުވާލި ބޯޅަވެސް މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން ރަފީނިއާ އާއި ޑެނީލޯ ފޮނުވާލި ހަމަލާތައް ދިޔައީ ސީދާ ކީޕަރުގެ އަތަށެވެ.
މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި މޮރޮކޯއަށް މެޗުން މޮޅުވުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އަލް އައިނައީ ދުރުން ފޮނުވާލި ބާރު ހަމަލާ އެލިސަން ދިފާއުކުރި ނަމަވެސް، ރީބައުންސްގައި ނުކުތް ބޯޅަ ޗެމްސުއްދީން ތަލްބީ ފޮނުވާލުމުން އެލިސަން ވަނީ ވަރަށް ހުޝިޔާރުކަމާއެކު އެ ބޯޅަވެސް ބްލޮކްކޮށްފައެވެ.
ބްރެޒިލުން މިފަހަރު އަމާޒު ހިފާފައިވަނީ ހަވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށެވެ. އެޓީމުން އެންމެ ފަހުން ތަށި އުފުލާލީ މީގެ 24 އަހަރު ކުރިންނެވެ. ނަމަވެސް، ކޯޗު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގެ ކުޅުމަށް ބަލާއިރު، ތަށި ހޯދުމަށްޓަކައި އެޓީމުން އަދި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ފާހަގަ ކުރެވުނެވެ.
މި މެޗު ބަލާލުމަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑުން ކަމަށްވާ ރޮނާލްޑޯ، ރޮބާޓޯ ކާލޯސް އަދި ކަކާ ފަދަ ތަރިން ދަނޑަށް ހާޒިރުވެ ތިއްބެވެ.
އަންޗެލޮޓީ އަކީ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވި ބޭރުގެ ފުރަތަމަ ކޯޗެވެ. ސައުތު އެމެރިކާގެ ކޮލިފައިންގައި ބްރެޒިލަށް ފަސްވަނަ ލިބުމަކީ އޭނާއަށް އޮތް ބޮޑު ގޮންޖެހުމެއް ނަމަވެސް، 48 ޓީމު ވާދަކުރާ މި މުބާރާތުގައި ބްރެޒިލަކީ ކޮންމެ ޓީމަކާވެސް ވާދަކުރެވޭނެ ފެންވަރުގެ ޓީމެއް ކަމަށް އޭނާ ބުނެއެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ބްރެޒިލް ބައްދަލުކުރާނީ ހައިޓީއާއެވެ. އަދި މޮރޮކޯ ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

