2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއިން، މުބާރާތުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ދެކުނު އެފްރިކާގެ މައްޗަށް 2-0 އިން ކުރިހޯދައިފިއެވެ.
މެޗްފަށައިގެން މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި މެކްސިކޯއިން ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔައެވެ. މިގޮތުން އިސްރާއީލް ރޭޔޭސް ނަގައިދިން ހުރަހަކުން ހިމެނޭޒް ފޮނުވާލި ހަމަލާ، ދެކުނު އެފްރިކާގެ ގޯލްކީޕަރު ރޮންވެން ވިލިއަމްސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ނަމަވެސް، މެކްސިކޯއިން ލަނޑު ޖެހުމަށް ގިނަ ވަގުތުތަކެއް ނުނެގިއެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އެރިކް ލީރާ ހޯދައިދިން ފުރުސަތެއްގައި، ކީނޯނޭސް ވަނީ ކީޕަރުގެ ފައިދަށުން ބޯޅަ ގޯލަށް ފޮނުވާލައި މެކްސިކޯއަށް ކުރިހޯދައިދީފައެވެ.

ކޯޗު ހާވިއޭ އަގީރޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ މެކްސިކޯއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއްވެސް ތަނަވަސްކުރިއެވެ. އެގޮތުން ކީނޯނޭސް ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުނުއިރު، ބްރަޔަން ގުޓިއަރޭޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ ނުސީދާކޮށެވެ.
ދެވަނަ ހާފްގެ ކުޅުން ފަށައިގެން ހާފުގެ ކުރީކޮޅު ދެކުނު އެފްރިކާގެ ސުޕެފެލޯ ސިތޯލޭއަށް ރަތް ކާޑު ދެއްކުމުން، އެ ޓީމަށް މެޗުގެ ތެރެއަށް އެނބުރި އައުމަށް ބޮޑު ހުރަހެއް ކުރިމަތިވިއެވެ. އޭނާ މި ކާޑު ހޯދީ ލަނޑެއް ޖަހަން ހުސްކޮށް ދިޔަ މެކްސިކޯގެ ގުޓިއަރޭޒްއަށް ކުރި ފައުލަކަށެވެ.

މެކްސިކޯއިން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރީ މެޗުގެ މެދުތެރެއިން ރޮބާޓޯ އަލްވަރާޑޯ ނަގައިދިން ހުރަހަކުން ހިމެނޭޒް ބޮލުން ޖެހި ލަނޑުންނެވެ. މިއީ އުމުރުން 35 އަހަރުގެ ހިމެނޭޒް ވޯލްޑް ކަޕެއްގައި ޖެހި ފުރަތަމަ ލަނޑެވެ.
މެޗުގެ ފަހުކޮޅު ދެކުނު އެފްރިކާގެ ތެމްބާ ޒްވާނީއަށް ވެސް ރަތް ކާޑެއް ދެއްކިއެވެ. އޭނާ ކާޑު ހޯދީ މެކްސިކޯގެ އަލްވަރާޑޯގެ މޫނުމަތީގައި ޖެހުމުންނެވެ. ހަމައެއާއެކު، މެކްސިކޯގެ ކެޕްޓަން ސޭސާ މޮންޓޭސްއަށް ވެސް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

