2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށުމަށް މިހާރު ދެތިން ދުވަހަށް ވެފައިވާއިރު، އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބުރާސްފަތި ދުވަހު ބާއްވާ މިމުބާރާތަށް ޓީމުތަކުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
މިއީ 48 ޓީމު ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕަށް ވުމުން، ދުނިޔޭގެ އެންމެ ބޮޑު މި މުބާރާތުން އަލަށް ފެންނާނެ ކުޅުންތެރިންގެ އަދަދު މިފަހަރު ވަރަށް ގިނައެވެ.
މިފަހަރު އަލަށް ފެންނަ ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބައެއް ފުޓްބޯޅަ ތަރިން ހިމެނެއެވެ. ބައެއް ކުޅުންތެރިންނަށް މީގެ ކުރިން ފުރުސަތު ނުލިބުނީ އުމުރުގެ ގޮތުން ކަމަށްވީ ނަމަވެސް، އަނެއްބައި ތަރިންނަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދުން ފުރުސަތު ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަންޖެހުނު ކުޅުންތެރިންނެވެ.
އަލަށް ފެންނަ ކުޅުންތެރިންގެ ތެރެއިން އަޅުގަނޑުމެން މިވަތު ބަލާލަން ބޭނުންވާ 10 ތަރިންނަކީ "ގޯލް. ކޮމް" އިން ހޮވާލި އެންމެ މުހިންމު 10 ކުޅުންތެރިންނެވެ.

އާލިން ހާލަންޑް (ނޯވޭ )
1998 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕަށް ކޮލިފައިވެފައި ނުވި ނަމަވެސް، ނޯވޭ ޓީމުގައި ތިބި ތަރިންގެ ސަބަބުން އެ ޓީމަކީ މި މުބާރާތުގައި ހައިރާންކުރުވަނިި ނަތީޖާއެއް ނެރެދާނެ ޓީމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މާޓިން އޮޑެގާޑް، އެންޓޯނިއޯ ނޫސާ އަދި އެލެގްޒެންޑާ ސޯލޮތު ފަދަ މަޝްހޫރު ކުޅުންތެރިން ވޯލްޑް ކަޕަށް އަލަށް ނުކުންނައިރު، ދަނޑުމަތީގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓޭނީ ކާކަށްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ހާލަންޑްގެ ރެކޯޑަކީ އާދަޔާ ހިލާފު ރެކޯޑެކެވެ. 49 މެޗުން 55 ގޯލް އޭނާ ވަނީ ޖަހާފައެވެ. މިއީ މެންޗެސްޓާ ސިޓީގެ ފޯވާޑްގެ ފުރަތަމަ ވޯލްޑް ކަޕްގެ އިތުރުން، އޭނާ ބޮޑު މުބާރާތެއްގައި ކުޅޭނެ ފުރަތަމަ ފަހަރުވެސް މެއެވެ. ނޯވޭ ހިމެނޭ ގްރޫޕުގައި އިރާގު، ސެނެގޯލް އަދި ފްރާންސް އޮތްއިރު، ހާލަންޑްގެ ހަލުވި ދުވުމާއި ހަމަލާތަކުން ސަލާމަތްވުމަށް އިދިކޮޅު ޑިފެންޑަރުން މިހާރުވެސް ތިބީ ޖެހިލުންވެފައެވެ.

ލަމީން ޔަމާލް (ސްޕެއިން)
ލަމީން ޔަމާލްއަކީ ސްޕެއިންގެ ފުޓްބޯޅައިގެ އާ އުންމީދެވެ. އުމުރުން އެންމެ 15 އަހަރުގައި ބާސެލޯނާއަށް ކުޅެން ފެށި މި ކުޅުންތެރިޔާއަކީ މިހާރުވެސް ދުނިޔޭގެ ފެންވަރުގެ ތަރިއެކެވެ. ޔޫރޯ 2024 ގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު އޭނާގެ ފެންވަރު ދުނިޔެއަށް ސާބިތުކޮށްދިނެވެ. ޚާއްޞަކޮށް ސެމީ ފައިނަލްގައި ފްރާންސް ކޮޅަށް ޖެހި ހިތްގައިމު ގޯލާއި، މުބާރާތުގައި ހެދި ހަތަރު އެސިސްޓާއެކު އޭނާ ވެގެންދިޔައީ ސްޕެއިން ޗެމްޕިއަންކަން ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެކަކަށެވެ. މިހާރު އުމުރުން 18 އަހަރުގެ ޔަމާލް، އަނިޔާގެ މައްސަލަތަކުން ސަލާމަތްވެ ހުރެ މި ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކައިފިނަމަ، އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާނެ ކުޅުންތެރިއެކެވެ.

ފްލޯރިއަން ވާޓްޒް (ޖަރުމަނުވިލާތް)
ފްލޯރިއަން ވާޓްޒްއަކީ މިދިޔަ ހޫނު މޫސުމުގައި ލިވަޕޫލާ ގުޅުނު އެންމެ އަގުބޮޑު އެއް ކުޅުންތެރިޔާއެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކަކުލުގެ އަނިޔާއެއްގެ ސަބަބުން އޭނާއަށް ގެއްލުނު ނަމަވެސް، މިފަހަރުގެ މުބާރާތަށް އޭނާ ހުރީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ޖަރުމަނުގެ ކޯޗު ޖޫލިއަން ނަގަލްސްމަންގެ އިރުޝާދުގެ ދަށުން މެދުތެރެއިން ކުޅުން އުފައްދައިދޭ މައި ތަރިއަކީ އޭނާއެވެ. އޭނާއާއެކު ޖަމާލް މުސިއާލާ ގުޅިގެން ޖަރުމަނުގެ އެޓޭކް ވަރުގަދަކުރާނެއެވެ.

ލުއިސް ޑިއާޒް (ކޮލަމްބިއާ)
ބަޔާން މިއުނިކްގައި ހެރީ ކޭން އަދި މައިކަލް އޮލީސޭއާއެކު އާދަޔާ ހިލާފު ކުޅުމެއް ދައްކަމުންދާ ޑިއާޒްއަކީ މިހާރު އުމުރުން 29 އަހަރުގެ ކުޅުންތެރިއެކެވެ. ކޮލަމްބިއާ 2022 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައި ނުވުމުން އޭނާއަށް މިހާތަނަށް ވޯލްޑް ކަޕެއްގައި ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ބަޔާންއަށް ޖަހައިދިން 26 ގޯލާއި 19 އެސިސްޓާއެކު، އޭނާ ހުރީ ކޮލަމްބިއާ ގޮވައިގެން މުބާރާތުގެ ދުރަށް ދިއުމުގެ އަޒުމުގައެވެ.

މައިކަލް އޮލީސޭ (ފްރާންސް)
ބަޔާން މިއުނިކްގައި ދައްކަމުންދާ މޮޅު ކުޅުމާއެކު އޮލީސޭއަކީ މިހާރު ބެލޮންޑިއޯއަށް ވާދަކުރާ ފެންވަރުގެ ކުޅުންތެރިއެކެވެ. ފްރާންސްގެ ގައުމީ ޓީމުގައި އޭނާ ދައްކަމުންދާ ކުޅުމުގެ ސަބަބުން، ޕީ.އެސް.ޖީގެ ތަރި ޑެސިރޭ ދޫއަށްވުރެ ކުރިން އޭނާއަށް ފުރަތަމަ އެގާރައިން ޖާގަ ލިބޭނެ ކަމަށް ބެލެވެއެވެ. މިއީ އޭނާގެ ފެންވަރު ދުނިޔެއަށް ދައްކާލުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.

ޖޮއާއޯ ނެވޭސް (ޕޯޗުގަލް)
2024 ވަނަ އަހަރު ޕީ.އެސް.ޖީއަށް ބަދަލުވި ފަހުން ނެވޭސް ވަނީ ޔޫރަޕްގެ އެންމެ މޮޅު އެއް މިޑްފީލްޑަރަށް ވެފައެވެ. އުމުރުން އެންމެ 21 އަހަރުގައި ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ މި ކުޅުންތެރިޔާއަކީ ޕޯޗުގަލްގެ މެދުތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެކެވެ.

ނިކޯ ޕާޒް (އާޖެންޓީނާ)
އިޓަލީގެ ކޯމޯގައި ސެސް ފެބްރެގާސްގެ އިރުޝާދުގެ ދަށުން ކުރިއެރުން ހޯދަމުންދާ ޕާޒްއަކީ މިހާރު ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ބޭނުންވާ ތަރިއެކެވެ. އާޖެންޓީނާގެ އުންމީދަކީ ލިއޮނަލް މެސީގެ ވަށައިގެން މިފަދަ ހުނަރުވެރި ޒުވާން ކުޅުންތެރިން ބައިތިއްބައިގެން ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ.

ފޮލަރިން ބަލޯގަން (އެމެރިކާ)
މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއަށް ކުރިމަތިވެފައިވާ ގޯލް ނުޖެހުމުގެ މައްސަލައަށް އޮތް ހައްލަކީ ބަލޯގަންއެވެ. މޮނާކޯގައި މިދިޔަ ސީޒަނުގައި 19 ގޯލް ޖެހި މި ފޯވާޑަކީ ހަލުވި އަދި ނިންމާލުން ރަނގަޅު ކުޅުންތެރިއެކެވެ. މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެމެރިކާ މުބާރާތުގެ ދުރަށް ގެންގޮސްދިނުމުގެ ޒިންމާ އޮތީ އޭނާގެ ބޮލުގައެވެ.

އާޑާ ގުލާ (ތުރުކީ)
ރެއާލް މެޑްރިޑްގެ ޒުވާން ތަރި އާޑާ ގުލާއަކީ ޔޫރޯ 2024 ގައި ވިދާލި ކުޅުންތެރިއެކެވެ. ކިލިއަން އެމްބާޕޭއާއެކު ރެއާލްގައި ދައްކަމުންދާ މޮޅު ކުޅުން އޭނާ ވޯލްޑް ކަޕަށް ގެންނާނެ ކަމަށް ތުރުކީގެ ސަޕޯޓަރުން އުންމީދު ކުރެއެވެ. އޭނާއާއި ކެނާން ޔިލްޑިޒްއަކީ ތުރުކީ ފުޓްބޯޅައިގެ މުސްތަގުބަލެވެ.

ޔާން ދިއޮމަންޑޭ (އައިވަރީ ކޯސްޓް)
އާރް.ބީ ލައިޕްޒިގަށް ކުޅޭ އުމުރުން 19 އަހަރުގެ ދިއޮމަންޑޭއަކީ މިހާރު ލިވަޕޫލާއި ޕީ.އެސް.ޖީ ފަދަ ކްލަބުތަކުން ފާރަލަމުންދާ ހުނަރުވެރި ކުޅުންތެރިއެކެވެ. އޭނާގެ ހަލުވި ދުވުމާއި ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން އޭނާ ބެލެވެނީ މިހާރު ޔޫރަޕްގައި ހުރި އެންމެ އުންމީދީ އެއް ވިންގަރަށެވެ. މިއަހަރުގެ ކުރީކޮޅު ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ދެއްކި މޮޅު ކުޅުމާއެކު، އައިވަރީ ކޯސްޓުން މިފަހަރުގެ ވޯލްޑް ކަޕްގައި ނުކުންނައިރު ހުރިހާ އެންމެންގެ ސަމާލުކަން ހުންނާނީ މި ޒުވާން ތަރިއަށެވެ. މި ބޮޑު މުބާރާތުގެ ތަޚުތުގައި އޭނާގެ ހުނަރު ދައްކާލުމަށް ދިއޮމަންޑޭ ހުރީ މުޅިން ތައްޔާރަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

