އައްޑޫސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ ދަށުން، ލިންކް ރޯޑް ފުޅާކުރުމަށާއި އިތުރު ލޭންތައް ހެދުމަށްޓަކައި މިހާތަނަށް ޖުމްލަ 4,120 މީޓަރުގެ (4.1 ކިލޯމީޓަރު) ސަރަހައްދެއް ސާފުކޮށް ނިންމާލައިފި އެވެ.
މަގު ހެދުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނިގޮތުގައި، މި މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ކަނޑާލަންޖެހޭ ރުއްތަކާއި ގަސްތައް ނަގައިގެން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ދަނީ ވަރަށް ހަލުވިކަމާއެކު ކުރަމުންނެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި މި ބިޔަ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ޖުމްލަ 92.7 ކިލޯމީޓަރުގެ މަގު އަލުން ތަރައްގީކުރާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ ކުރިން ސިމެންޓް ޓްރީޓެޑް ބޭސް (ސީޓީބީ) އަޅައިގެން ހަދާފައިވާ 67.58 ކިލޯމީޓަރުގެ މަގުގައި ތާރު ނުވަތަ ގާ އެޅުމާއި، 6.63 ކިލޯމީޓަރުގެ ތާރު މަގުތައް ރީސާފޭސްކޮށް އާބާތުރަ ފިލުވުމެވެ.
މީގެ އިތުރުން، މިހާރު ގާ އަތުރާފައިވާ 0.720 ކިލޯމީޓަރުގެ މަގު އެއްކޮށް ތާރު މަގުތަކަށް ބަދަލުކުރާއިރު، މުޅިން އަލަށް ހަދާ 5.5 ކިލޯމީޓަރުގެ މަގުވެސް މި މަޝްރޫއުގެ ތެން ހިމެނެ އެވެ. މި ބޮޑު ނެޓްވޯކުގެ ތެރެއިން އެންމެ މުހިންމު އެއް ބަޔަކީ އައްޑޫގެ ގުޅިފައިވާ ރަށްތައް ގުޅާލާ ލިންކް ރޯޑުގެ 12.3 ކިލޯމީޓަރުގެ ސަރަހައްދު ޒަމާނީ ފެންވަރަށް ބަދަލުކުރުމެވެ.
މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީއަށް ދިމާވެފައިވާ އެހެނިހެން ބޮޑެތި މައްސަލަތަކަށްވެސް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ. އެގޮތުން ވިއްސާރަ ދުވަސްވަރު ފޭދޫގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސްޓޯމްވޯޓާ (ފެންހިންދާ) ސިސްޓަމެއް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އީދިގަލިކިޅި ސަރަހައްދުން 5.9 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މިހާރު އޮތް ލިންކް ރޯޑްގެ ބައެއް ބުރިތައް ސީދާކޮށް، ކުޑަގެދެރި މަގާ ސީދާ ގުޅާލުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ.
އައްޑޫ ލިންކް ރޯޑަކީ އެންމެ ފުރަތަމަ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު (1942 ގައި) އިނގިރޭސި ސިފައިން ހެދި ކޯޒްވޭތަކަކުން ފެށި، 2003 ވަނަ އަހަރު އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކްގެ އެހީގައި ތާރު އަޅައިގެން ހެދި ރާއްޖޭގެ އެންމެ ދިގު އެއް ހައިވޭ އެވެ.
މީގެ ކުރިން އައްޑޫގެ މަގުތައް ހެދުމުގެ ފުރަތަމަ ފޭސްގެ މަސައްކަތް އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދިޔަ ނަމަވެސް، އެ މަސައްކަތް ދިގުލައިގެން ދިއުމާއި ފިނިޝިންގެ މައްސަލަތަކާ ހުރެ އާންމުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހުނެވެ. ނަމަވެސް، މިހާރު އާރްޑީސީން ކުރިއަށް މިގެންދާ ލިންކް ރޯޑް އަލުން ތަރައްގީކުރުމުގެ ބޮޑު މަޝްރޫއަކީ ސީދާ ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 829 މިލިއަން ރުފިޔާ ހަރަދުކޮށްގެން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންގާ ދިވެހި ދައުލަތުގެ އަމިއްލަ މަޝްރޫއެކެވެ.
މި މަޝްރޫ ނިމުމުން އައްޑޫގެ މަގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، އިގްތިސާދީ ހަބަކަށް ބޭނުންވާ ފެންވަރުގެ އިންފްރާސްޓްރަކްޗާއެއް ގާއިމުވެގެންދާނެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

