2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި އިރާގާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗް 1-1 އިން އެއްވަރުވެއްޖެއެވެ.
ސްޕެއިންގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ސްޕެއިނުން ވަނީ މެޗު ކޮންޓްރޯލްކޮށް، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފައެވެ. މި ލަނޑަކީ ބާސެލޯނާގެ ފޯވާޑް ފެރަން ޓޮރޭޒް ކާމިޔާބުކުރި ލަނޑެކެވެ. ޑެނީ އޮލްމޯ ދިން ފުރިހަމަ ޕާހަކުން ބޯޅަ ހޯދައި، އޭރިއާ ތެރެއަށް ވަދެ ޓޮރޭޒް ފޮނުވާލި ހަމަލާ އިރާގުގެ ގޯލްކީޕަރު އަހުމަދު ބާސިލްއަށް ދިފާއެއް ނުކުރެވުނެވެ.
މި ލަނޑާއެކު ސްޕެއިނުން ކުޅުން ވަރުގަދަކުރި ނަމަވެސް، އިރާގުން ވަނީ ވަރަށް އަވަހަށް ރައްދުދީ މެޗުގެ 27 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑަކީ އިރާގުގެ ލެފްޓް ބެކް މަރްޗާސް ދޮސްކީ ވަނީ އަމިއްލަ ހުނަރު ބޭނުންކޮށްގެން ކާމިޔާބުކޮށްދިން މޮޅު ލަނޑެކެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރުމަށް ސްޕެއިންގެ ގޯލްކީޕަރު ޖޯން ގާސިއާ މަސައްކަތް ކުރިނަމަވެސް އަތްނުފޯރާ ހިސާބުން ދިޔަ ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ.
މި ލަނޑަށްފަހު ދެ ޓީމުންވެސް ހަމަލާތައް އުފައްދަމުން ދިޔަ ނަމަވެސް، ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައިވެސް ސްޕެއިނުން ބޮޑަށް ކުރިއަށް ޖެހި، އިރާގުގެ ޑިފެންސަށް ބާރުބޮޑު ކުރަމުން ދިޔައެވެ. އަދި ސްޕެއިންގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ވަނީ ޓީމުގެ އެޓޭކް ވަރުގަދަ ކުރުމަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެހެންނަމަވެސް، އިރާގުގެ ޑިފެންސް ލައިން އޮތީ ވަރަށް ވަރުގަދަކޮށް ކަމުން، ސްޕެއިނަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
އަނެއްކޮޅުން އިރާގުން ބޮޑަށް މަސައްކަތް ކުރީ ޑިފެންސްގައި މަޑުކޮށްގެން ތިބެ، ލިބޭ ފުރުސަތުތަކުގައި ކައުންޓަރ އެޓޭކްތައް އުފެއްދުމަށެވެ. ގްރަހަމް އާނޯލްޑްގެ އިރުޝާދުގެ ދަށުން ކުޅުނު އިރާގު ޓީމަށް ބައެއް ނުރައްކާތެރި ފުރުސަތުތައް ލިބުނު ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 1-1 އެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ސްޕެއިން ހިމެނެނީ ގްރޫޕް H ގައެވެ. އެ ގްރޫޕުގައި ދެން އޮތީ އުރުގުއޭ، ސައުދީ އަރަބިއްޔާ އަދި ކޭޕް ވާޑޭއެވެ. އިރާގު ވާދަކުރާނީ ގްރޫޕް I ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ފްރާންސް، ސެނެގޯލް އަދި ނޯވޭއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

