17 އަހަރުން ދަށުގެ ޔޫރޯ ފައިނަލުން ފުރަތަމަ ޖާގަ ބެލްޖިއަމް ހޯދައިފިއެވެ.
ބެލްޖިއަމް ފައިނަލުން ޖާގަ ހޯދީ މިއަދު ކުޅެވުނު ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ފްރާންސް 2 ލަނޑު 1 ލަނޑުން ބަލިކުރުމަށްފަހުގައެވެ.
އެސްޓޯނިޔާގެ ޓަލިންގެ ކަޑްރިއޯރު ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ފެށިގެން ކުރީކޮޅު ފްރާންސުން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ 25 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ކުރި ހޯދީ ބެލްޖިއަމްއެވެ. މި ލަނޑު ބެލްޖިއަމްއަށް ކާމިޔާބުކޮށްދިނީ ޖޭޑަން އޮނިއާ ސެކޭއެވެ. އޭނާ މި ލަނޑު ޖެހީ މެޗްގެ 24 ވަނަ މިނިޓްގައި ފްރާންސްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ފްރާންސްގެ އެރޯން ގަޑޫ އާއި ޔާނިސް އަދިޗް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ބެލްޖިއަމްގެ ކީޕަރު މެޓިސް ސީގާސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ބެލްޖިއަމް އިން ވަނީ ފުރަތަމަ ހާފުގެ ލީޑު ދެވަނަ ހާފަށް ދަމަހައްޓާފައެވެ. އަދި މެޗުގެ 52 ވަނަ މިނެޓުގައި އިލިޔާސް ބެންކްޓިބް ވަނީ ހިތްގައިމު ލަނޑެއް ޖަހައި ބެލްޖިއަމްގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ލީޑު ފުޅާވިތާ 12 މިނެޓް ފަހުން، ފްރާންސްގެ މެތިސް ޝެމްބަން ނެގި ހުރަހަކުން އެރޯން ގަޑޫ ބޮލުން ޖެހި ލަނޑާއެކު ފްރާންސުން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ނަތީޖާ އެއްވަރުކުރުމަށް ފްރާންސްގެ ނޯއާ ލޫފައުންޑޫ ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ކީޕަރު ސީގާސް ދިފާއުކުރުމާއެކު، ފްރާންސަށް މެޗު އެއްވަރުކުރެވޭ ގޮތެއް ނުވިއެވެ.
ބެލްޖިއަމް މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ނަމަވެސް، މިއީ އެ ޓީމު މުބާރާތުގެ ފައިނަލުން ޖާގަހޯދި ފުރަތަމަ ފަހަރެވެ.
މެޗަށް ފަހު ބެލްޖިއަމްގެ ކޯޗު ސްވެން ވަރމަންޓް މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ފައިނަލަށް ދެވުނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.
"96 މިނެޓު ވަންދެން އަހަރެމެން މެޗްގެ ލީޑު ދިފާއުކުރުމަށް މަސައްކަތްކުރިން. އަދި އަހަރެމެން މަސައްކަތް ކުރީ ރީތި ފުޓްބޯޅައެއް ކުޅެން، އެކަމަކު އިދިކޮޅަށް ނުކުތީ ވަރަށް ވަރުގަދަ ޓީމެއް. އެހެންކަމުން އަހަރެންގެ ކުޅުންތެރިން ދެއްކި ކުޅުމާއި، ސާބިތުކޮށްދިން ހިތްވަރަށް އަހަރެން ފަޚުރުވެރިވަން. ތާރީޚީ ފައިނަލަކުން އަހަރެމެންނަށް ޖާގަ މިލިބުނީ ވަރަށް ބޮޑު މަސައްކަތަކުން،"
ކޯޗު ބުންޏެވެ.
ބެލްޖިއަމްއަށް ލަނޑު ކާމިޔާބުކޮށްދިން ޖޭޑަން އޮނިއާ ސެކޭ ބުނީ،
"މުޅި ޓީމަށްޓަކައި އަހަރެން ވަރަށް އުފާވޭ. މިއީ އަހަރެމެން އެންމެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ، އެހެންކަމުން އަހަރެމެންނާ މެދު އަހަރެން ވަރަށް ފަޚުރުވެރިވޭ. އަހަރެން ހުރީ ވަރަށް ފޯރީގައި، އަދި އާދީއްތަ ދުވަހުގެ ފައިނަލް ކާމިޔާބުކުރަން ބޭނުންވޭ."
ފައިނަލް މެޗުގައި ބެލްޖިއަމްއާ ދެކޮޅަށް ނުކުންނާނީ އިޓަލީ ނުވަތަ ސްޕެއިންއެވެ. މި ދެ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖޭގެ ގަޑިން 22:00 ގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

