މިފަހަރުގެ މުބާރާތުގައި އަލަށް ތައާރަފުކުރާ ގަވާއިދުތަކުގެ ތެރޭގައި، ވާހަކަދައްކާއިރު އަނގަމަތީގައި އަތްއެޅުމުން ރަތް ކާޑު ދެއްކުމާއި، ވަގުތު ބޭކާރުކުރުމުން އިދިކޮޅު ޓީމަށް ކޯނަރު ދިނުމުގެ އިތުރުން ވީއޭއާރްގެ ބޭނުން ފުޅާދާއިރާއެއްގައި ހިފުން ހިމެނެއެވެ.

ޖޫން 11 ގައި ފަށާ ވޯލްޑް ކަޕަށް ހަފުތާއެއް ބާކީ އޮއްވައި، ފުޓްބޯޅައިގެ ގަވާއިދުތައް ކަނޑައަޅާ ބައިނަލްއަގުވާމީ އިދާރާ (އައިއެފްއޭބީ) އިން ވަނީ މުބާރާތުގައި އަމަލުކުރާނެ އާ ގަވާއިދުތަކެއް އިއުލާނުކޮށްފައެވެ. އައިއެފްއޭބީން މިދިޔަ އާދިއްތަ ދުވަހު ހާމަކުރި ގޮތުގައި، މި ބަދަލުތަކަކީ 2026-2027 ވަނަ އަހަރުގެ ސީޒަނުން ފެށިގެން ދާއިމީކޮށް އަމަލުކުރަން ހަމަޖެހިފައިވާ ބަދަލުތަކެކެވެ.

ފީފާގެ ޗީފް ރެފްރީ އޮފިސަރު ޕިއެރުލުއިޖީ ކޮލީނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުޓްބޯޅައިގެ ގަވާއިދުތަކަށް ގެނެވުނު ތާރީޚީ ބަދަލުތަކަށް އައިއެފްއޭބީން ހުއްދަ ދީފައިވާ ކަމަށާއި، މި ގަވާއިދުތައް އެންމެ ފުރަތަމަ ބޭނުންކުރާ ބޮޑު މުބާރާތަކީ 2026 ގެ ވޯލްޑް ކަޕް ކަމަށެވެ.
މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ވަގުތު ބޭކާރުކުރުން ހުއްޓުވުމާއި، މެޗުގެ ސްޕީޑް އަވަސްކުރުމުގެ އިތުރުން ކުޅުންތެރިންނާއި ސަޕޯޓަރުންގެ ތަޖުރިބާ ރަނގަޅުކުރުމެވެ.

ގެނެވުނު މުހިންމު ބަދަލުތައް:
މެޗުގެ ތެރޭގައި އަނގަމަތީގައި އަތްއެޅުން:
ދެބަސްވުންތައް ހިނގާ ވަގުތުތަކުގައި އަތުން ނުވަތަ ޖާޒީން އަނގަމަތި ފޮރުވައިގެން ވާހަކަދައްކާ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކޭނެއެވެ. ނަމަވެސް، އެކުވެރި މާހައުލެއްގައި އަމިއްލަ ޓީމް އެކުވެރިންނާ ވާހަކަދައްކާއިރު މި ގަވާއިދެއް ނުހިނގާނެއެވެ. މި ގަވާއިދު ތައާރަފުކުރީ ބެންފީކާގެ ކުޅުންތެރިޔާ ޖިއާންލޫކާ ޕްރެސްޓިއާނީ، ވިނީޝިއަސް ޖޫނިއާއަށް ނަސްލީ ގޮތުން ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވުނު ހާދިސާއާ ގުޅިގެންނެވެ.
އިހުތިޖާޖު ކުރުމުގެ ގޮތުން ދަނޑުން ފޭބުން:
ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން އިހުތިޖާޖު ކުރުމުގެ ގޮތުން ދަނޑުން ފައިބާ ކުޅުންތެރިންނަށް ރަތް ކާޑު ދައްކާނެއެވެ. އަދި ކުޅުންތެރިން ދަނޑުން ބޭލުމަށް ބާރުއަޅާ އޮފިޝަލުންނަށްވެސް މި އަދަބު ލިބޭނެއެވެ. މީގެ އިތުރުން، މިފަދަ ކަމެއްގެ ސަބަބުން މެޗު މެދުކަނޑާލަން ޖެހިއްޖެނަމަ، އެ ޓީމެއް ބަލިވީ ކަމަށް ނިންމާނެއެވެ.
ބޯޅަ ބޭރުވެގެން އެއްލުމާއި ގޯލް-ކިކް ފޮނުވުމަށް ވަގުތު ކަނޑައެޅުން
ބޯޅަ ބޭރުވެގެން އެއްލުން ނުވަތަ ގޯލް-ކިކް ފޮނުވާއިރު ރެފްރީ އަތުން ފަސް ސިކުންތުގެ ކައުންޓްޑައުންއެއް ދައްކާނެއެވެ. އެ ވަގުތުގެ ތެރޭގައި ކުޅުން ނުފަށައިފިނަމަ، އެއްލުން އިދިކޮޅު ޓީމަށް ލިބިގެން ދާނެއެވެ، އަދި ގޯލް-ކިކްގެ ބަދަލުގައި އިދިކޮޅު ޓީމަށް ކޯނަރެއް ދެވޭނެއެވެ.
ކުޅުންތެރިން ބަދަލުކުރުމުގެ އުސޫލު
ބަދަލުކުރާ ބޯޑު ދެއްކުމުން، ދަނޑުން ފައިބާ ކުޅުންތެރިޔާއަށް ލިބޭނީ 10 ސިކުންތެވެ. އޭނާ ފައިބަން ޖެހޭނީ އެންމެ ކައިރީގައި ހުރި ބައުންޑަރީ ރޮނގުންނެވެ. މި ވަގުތަށްވުރެ ލަސްވެއްޖެނަމަ، ބަދަލުގައި އަރާ ކުޅުންތެރިޔާއަށް ދަނޑަށް އެރޭނީ ކުޅުން ފަށައިގެން އެއް މިނެޓު ފަހުން، ކުޅުން މެދުކެނޑޭ ފުރަތަމަ ފުރުސަތުގައި ރެފްރީ ހުއްދަ ދިނުމުންނެވެ. ނަމަވެސް އަނިޔާގެ ހާލަތްތަކުގައި މިއަށްވުރެ ލުއި ގޮތްތަކެއް އޮންނާނެއެވެ.
ދަނޑުން ބޭރުގައި ފަރުވާ ހޯދުންއަނިޔާއަކާ ގުޅިގެން މެޑިކަލް ޓީމުން ދަނޑަށް އަރައިފިނަމަ، އެ ކުޅުންތެރިޔަކު ދަނޑުން ފައިބައި، ކުޅުން އަލުން ފަށާތާ އެއް މިނެޓު ވަންދެން ބޭރުގައި މަޑުކުރަން ޖެހޭނެއެވެ. މީގެ ތެރޭގައި ގޯލްކީޕަރުންނާއި، ނުރައްކާތެރި އަނިޔާތައް ނުހިމެނެއެވެ.
ވީއޭއާރްގެ ބޭނުން ފުޅާކުރުން
މީގެ ކުރިއަށްވުރެ ފުޅާދާއިރާއެއްގައި ވީއޭއާރް ބޭނުންކުރަން ވަނީ ނިންމާފައެވެ. އެގޮތުން ނުބައިކޮށް ދެއްކޭ ރަތް ކާޑުތަކާއި، ކުޅުންތެރިޔާ އޮޅިގެން ދެއްކޭ ކާޑުތަކުގެ އިތުރުން، ކުޅުން އަލުން ފެށުމުގެ ކުރިން ހިނގާ ފައުލްތައް ބެލުމަށްވެސް ވީއޭއާރް ބޭނުންކުރެވޭނެއެވެ.
ފެން ބުއިމުގެ މެދުކެނޑުން
ކޮންމެ ހާފެއްގެ މެދުތެރެއިން (ގާތްގަނޑަކަށް 22 ވަނަ މިނެޓުގައި) ފެން ބުއިމަށް ތިން މިނެޓުގެ މެދުކެނޑުމެއް ދެވޭނެއެވެ. ރެފްރީއަށް މި ވަގުތު ކުޑަކޮށް ބަދަލުކުރުމުގެ އިޚުތިޔާރު އޮންނާނެއެވެ.
ގޯލްކީޕަރުގެ އަނިޔާ
ގޯލްކީޕަރަށް ދަނޑުމަތީގައި ފަރުވާދޭ ވަގުތު، ދެ ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ދަނޑުން ފައިބައިގެން ގޮސް ކޯޗުންނާ މަޝްވަރާކުރުން މަނާވާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

