ވޭތުވެދިޔަ ފަންސާހަކަށް އަހަރުގެ ތެރޭގައި، ފްރާންސުން ވަނީ ފުޓުބޯޅައިގެ ދުނިޔޭގައި އެހެން އެއްވެސް ގައުމަކަށް ނުކުރެވޭ ފަދަ ވަރުގަދަ ނިޒާމެއް ގާއިމުކޮށް، ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ އާ އުސްމިންތަކަކަށް ވާސިލުވެފައެވެ.
ބެލްޖިއަމްގެ ޑިފެންޑަރު ތޯމަސް މުނިއޭ ދާދިފަހުން ބުނެފައިވާ ގޮތުގައި، ފްރާންސްގެ ފުޓުބޯޅައިގައި ހުރި ހުނަރަށް ބަލާއިރު، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭ ފަދަ ވަރުގަދަ ތިން ޓީމު އެއްފަހަރާ ނެރުމުގެ ގާބިލުކަން އެ ގައުމަށް ލިބިގެންވެއެވެ. މި ވާހަކައާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ބަހުސްތަކެއް ވަނީ އުފެދިފައެވެ.
![2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ކްރޮއޭޝިއާ ބަލިކުރުމަށްފަހު، ފްރާންސްގެ ކީލިއަން އެމްބާޕޭ މުބާރާތުގެ ތައްޓަށް ބޮސްދެނީ. [ފޮޓޯ: AFP]](http://voiceofmeedhoo.com/wp-content/uploads/2026/05/france2.jpg)
މިސާލަކަށް ބަލާލަމާ ހިނގާށެވެ. މިގޮތުން ޓްރާފަރ މާކެޓް. ކޮމްއިން ހާމަކުރާ ގޮތުގައި، ފްރާންސްގެ 26 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރެއިން ހޮވާލެވޭ ޓީމެއްގެ އަގު، ދުނިޔޭގެ އެންމެ އަގުބޮޑު ފަސް ޓީމުގެ ތެރޭގައި ހިމެނެއެވެ. މިއީ ޕޯޗުގަލް، ބްރެޒިލް، ނެދަލޭންޑްސް އަދި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށްވުރެވެސް މަތީ އަދަދެކެވެ.
ފްރާންސްގެ ޓީމުން ބާކީވި ކުޅުންތެރިންގެ ބާޒާރުގެ އަގުތަކަށް ބަލާއިރު، އެވްރެޖްކޮށް ކޮންމެ ކުޅުންތެރިއަކަށް 38 މިލިއަން ޔޫރޯ ޖެހޭއިރު، މުޅި ޓީމުގެ ޖުމްލަ އަގު 418 މިލިއަން ޔޫރޯއަށް އަރައެވެ.
ފްރާންސް މި ހިސާބަށް ދިޔައީ ކިހިނެއް؟
މި ދަތުރު ފެށުނީ 1930 އިން 1970 އާ ދެމެދު ބައިނަލްއަގުވާމީ މައިދާނުގައި ފްރާންސަށް އެދެވޭ ކާމިޔާބީއެއް ނުލިބި، ކުރިމަތިވި ނާއުންމީދުތަކާ ގުޅިގެންނެވެ. 1970 ގެ ކުރީކޮޅު، އޭރުގެ ގައުމީ ކޯޗު ޖޯޖަސް ބޮލޯން ލަފާދެއްވީ ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން "ސެންޓަރސް ޑި ފޯމޭޝަން" ނުވަތަ ތަމްރީނުދޭ އެކަޑަމީތަކެއް އުފެއްދުމަށެވެ.

ފްރާންސްގެ މަޝްހޫރު 'ކްލެއަރފޮންޓެއިން' އެކަޑަމީގެ އެޑްމިނިސްޓްރޭޓަރ ފްރޭންކް ބެންޓޮލީލާ ބުނިގޮތުގައި، އެ ދުވަސްވަރު ފްރާންސަށް އެއްވެސް ތައްޓެއް ލިބިފައި ނުވުމުން، މުޅިން އާ އޮނިގަނޑެއްގެ ދަށުން މަސައްކަތް ފަށަން ނިންމީއެވެ. މި މަޝްރޫއަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބުނެވެ.
މިގޮތުން 1974 ވަނަ އަހަރު ފުރަތަމަ މަރުކަޒު ހުޅުވައި، މުޅި ގައުމުގައި ޖުމްލަ 16 ސެންޓަރެއް ގާއިމުކުރެވުނެވެ. މި މަރުކަޒުތަކުގެ ބޭނުމަކީ ކުޅުންތެރިން ފަންނީ ގޮތުން ތަމްރީނުކޮށް، ގައުމީ ޓީމަށް ތައްޔާރުކުރުމެވެ.
މި މަސައްކަތުގެ ނަތީޖާ 1980 ގެ އަހަރުތަކުގައި ފެންނަން ފެށިއެވެ. 1984 ވަނަ އަހަރު ޔޫރޯ އަދި އޮލިމްޕިކް ރަން މެޑަލް ފްރާންސުން ހޯދިއެވެ. ނަމަވެސް، 1990 އަދި 1994 ގެ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން ބޮޑު ގޮންޖެހުމަކާ ކުރިމަތިވިއެވެ. އެހެންނަމަވެސް، 1998 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކޮށް، ފްރާންސުން ދުނިޔެއަށް ދެއްކީ އެ ގައުމުގެ ތަމްރީނު މަރުކަޒުތަކުގެ ވަރުގަދަކަމެވެ.
ތަފާތު ދައްކާ ކުޅުންތެރިން
ފްރާންސްގެ ކާމިޔާބީގެ އަސްލަކީ ތަމްރީނު މަރުކަޒުތަކުގެ ހަރުދަނާކަމާއި، އެ ގައުމަށް ހިޖުރަކޮށްފައިވާ އާއިލާތަކުން އުފެދުނު ހުނަރުވެރި ކުޅުންތެރިންނެވެ. ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ބާނާޑް ލާމާ ފާހަގަކުރި ގޮތުގައި، އެފްރިކާ ފަދަ ބޭރުގެ ގައުމުތަކުން އައިސް ފްރާންސްގައި ވަޒަންވެރިވި އާއިލާތަކުގެ ކުދިންނަކީ ފުޓުބޯޅައަށް އިންތިހާއަށް ލޯބިކުރާ، އަދި ކާމިޔާބީއަށް ފެންބޮވައިގެންފައިވާ ބަޔެކެވެ.
އެމްބާޕޭ، ޑެމްބެލޭ އަދި ދޫއޭ ފަދަ ކުޅުންތެރިންނަކީ އަމިއްލަ ހުނަރުން މުޅި މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލުކަން ހުރި ކުޅުންތެރިންނެވެ.
ބެންޓޮލީލާ ބުނާ ގޮތުގައި ފްރާންސްގައި މިއީ ސަގާފީ ކަމެކެވެ.
"އެމެރިކާގައި ކުޑަކުދިންގެ އަތުގައި ބާސްކެޓްބޯޅައެއް އޮންނަ ފަދައިން، ފްރާންސްގެ ކުދިން ތިބެނީ ފައިދަށުގައި ފުޓުބޯޅައެއް ބާއްވައިގެން،"
ބެންޓޮލީލާ ބުންޏެވެ.
ކާމިޔާބީގެ ސިއްރު
ސްކައުޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ސްޓެފާން ނާޑޯ ބުނާ ގޮތުގައި، ފްރާންސްގެ ކާމިޔާބީގެ ސިއްރަކީ ބުރަ މަސައްކަތާއި، ހަރުދަނާ އޮނިގަނޑާއި، ރޭވުންތެރިކަމެވެ. އެކަޑަމީތަކުގައި ކުޅުންތެރިން ތަމްރީނު ކުރާއިރު، އެކުދިން އާއިލާއާ ދުރުނުކޮށް، ނަފްސާނީ ގޮތުން ދުޅަހެޔޮ މާހައުލެއްގައި ތަރުބިއްޔަތު ކުރުމަށް އިސްކަންދެއެވެ.
މިއަދު ޕެރިހަކީ ދުނިޔޭގައި ބްރެޒިލްގެ ސައޮ ޕައުލޯއާ އެއްވަރަށް ހުނަރުވެރި ކުޅުންތެރިން އުފައްދާ ސިޓީއެކެވެ. މަގުމަތީގައި ކުޅޭ ކުދިންގެ ކިބައިގައި ހުންނަ ވަރުގަދަ އަޒުމާއި، ޕްރެޝަރުގައި ކުޅުމުގެ ހުނަރަކީ ފްރާންސްގެ ފުޓުބޯޅަ މިއަދު އޮތް ހިސާބަށް ގެންދިއުމުގެ މައިގަނޑު ސަބަބެވެ.
1980 ގެ އަހަރުތަކުގައި ފްރާންސަށް "ޔޫރަޕުގެ ބްރެޒިލް" ގެ ނަމުން މުހާތަބު ކުރެވުނެވެ. މިއަދު ފްރާންސުން ވަނީ އެ ނަމުގެ ހަގީގީ މާނަ ދުނިޔެއަށް ސާބިތުކޮށްދީފައެވެ. އެއީ ހަމައެކަނި ހުނަރެއް ނޫނެވެ؛ އެއީ ތައުލީމާއި، ތަރުބިއްޔަތާއި، އަދި ނުގުޑާފަދަ އަޒުމެއްގެ ނަތީޖާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

