ހުޅުދޫގައި އަލަށް ރަށު ކައުންސިލެއް އުފެދުމާ ގުޅިގެން، ރަށުގެ ތަޢުލީމީ ދާއިރާއަށް އަންނަންޖެހޭ ބަދަލުތަކާ މެދު ބައެއް ފަރާތްތަކުން އެފަރާތްތަކަކަށް ފެންނަގޮތް ސޯޝަލް މީޑިއާގައި ހާމަކުރަން ފަށައިފިއެވެ.
މިގޮތުން، ސޯޝަލް މީޑިއާގައި ހުޅުދޫގެ ބޭފުޅަކު ކައުންސިލްގެ ރައީސަށް ޓެކްގްކޮށް ލިޔުއްވާފައިވާ ލިއުމެއްގައި ބުނެފައިވަނީ ހުޅުދޫގެ ނަމުގައި ހިންގާ ސްކޫލެއް އަލުން ޤާއިމުވުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއްކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން، ހުޅުދޫ ސްކޫލާއި މީދޫ ސްކޫލް ވަނީ އުވާލާފައެވެ. އެއަށްފަހު، އެ ދެ ސްކޫލްގެ ހުރިހާ ދަރިވަރުންނާއި މުވައްޒަފުން ވަނީ ސ. އަތޮޅު މަދަރުސާއަށް ބަދަލުކޮށްފައެވެ. މި ބަދަލަކީ އެ ދުވަސްވަރުގެ ސިޔާސަތުތަކުގެ ތެރެއިން ގެނެވުނު ބަދަލެކެވެ.
ފޭސްބުކްގައި ޝާއިޢުކޮށްފައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުރިހަމަ ރަށެއްގެ ގޮތުގައި އެރަށެއް ބެލެވޭ އެއް ޝަރުޠަކީ އެ ރަށެއްގެ ނަމުން ނަންދެވިފައިވާ ސްކޫލެއް އެ ރަށެއްގައި ހުރުމެވެ. މިގޮތުން "ހުޅުދޫ ސްކޫލް" ގެ ނަމުގައި ޔުނިފޯމެއްގައި ކުދިން ފެނުމަކީ ދެކޭ ހުވަފެނެއްކަމަށާ އެއީ ރަށުގެ އަމިއްލަވަންތަކަމާއި ފަޚުރުވެރިކަމާ ގުޅިފައިވާ ކަމެއްކަމަށް ބުނެފައިވެއެވެ.
ރަށު ކައުންސިލްގެ އައު ދައުރަކާ ކުރިމަތިލާއިރު، ހުޅުދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ހުޅުދޫގެ ނަމުގައި ކުރީގެ ހުޅުދޫ ސްކޫލް އަލުން ހުޅުވިގެން ދިއުމެވެ. މިއީ ރަށުގެ ތަރައްޤީއަށާއި ކުދިންގެ މުސްތަޤުބަލަށްޓަކައި ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ހުޅުދޫގެ ބައެއް ފަރާތްތަކުން ދެކޭ ކަމެކެވެ. ޚާއްޞަކޮށް، ކުރިން މި ބަދަލު ގެނައުމުގައި އުޅުއްވި ބޭފުޅުން ހުޅުދޫގެ ކުރިމަގަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވައުދުވަމުން ދާދިފަހުން ބޭއްވި އިންތިޚާބުގައި ބައެއް ކޮމިޓީތަކަށް އިންތިޚާބު ތިއްބެވުމާއެކު، މިކަން އިޞްލާޙުކޮށް ހުޅުދޫ ސްކޫލް އަލުން އުފެއްދުމަކީ އެ ބޭފުޅުންގެ އިޚްލާޞްތެރިކަން ދައްކުވައިދޭނެ ފުރުޞަތެކެވެ.
ހުޅުދޫ ސްކޫލްގެ ޔުނިފޯމް އަލުން ފެނުމަކީ ރަށުގެ ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ ކަމެކެވެ. މިކަމަކީ ރަށުގެ ކައުންސިލުން އެންމެ އިސްކަމެއް ދީގެން، ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ. ރަށުގެ ނަމުން ނަންދެވިފައިވާ ސްކޫލެއް އަލުން ޤާއިމުވުމަކީ ހުޅުދޫގެ ތަޢުލީމީ އަދި އިޖުތިމާޢީ ތަރައްޤީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

