އިދިކޮޅު އިއްތިހާދުން ސަރުކާރު ވައްޓާލުމަށް ކުރާ މަސައްކަތުގެ ތެރެއިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމްޑީޕީގެ އިސްލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ގުޅިވަޑައިގެން އުޅުއްވަނީ އެމަނިކުފާނުގެ އަމިއްލަ އިހުތިޔާރުގައި ނޫން ކަމަށާއި، އެއީ އޮޅުމަކުން ދެވުނު ދިމާލެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ މައި ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ސިޔާސީ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ، ރައީސް ޔާމީނަކީ ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި، ގައުމުދެކެ ލޯބިވާ ބޭފުޅެއް ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި ހިންގި ކަންކަމާ ދެކޮޅަށް އެންމެ ވަރުގަދައަށް ވަކާލާތު ކުރެއްވި ވެރިޔަކީ ވެސް އެމަނިކުފާނު ކަމަށެވެ. އެހެންކަމުން، އެމްޑީޕީގެ ދެ ރައީސުންގެ މެދުގައި ހުންނަވައިގެން މި ސަރުކާރު ބަދަލުކުރަން ރައީސް ޔާމީން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު ޝާހިދު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަދި ދީނާއި ވަހުދަތަށް ލިބުނު ގެއްލުންތަކުގެ ތަފްސީލުތައް ދިވެހި ރައްޔިތުންނަށް އެންމެ ބޮޑަށް ސާފުކޮށްދެއްވީ ރައީސް ޔާމީނެވެ. އަދި އެމްޑީޕީގެ ބޭފުޅުންނަށް ދުވަހަކުވެސް މާފެއް ނުކުރައްވާނެ ކަމަށް އޭރު ރައީސް ޔާމީން ވިދާޅުވި ވާހަކަތައް މެންބަރު ހަނދާންކޮށްދެއްވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން. ރައީސް ޔާމީން އެ ވަޑައިގެންނެވީކީ އެމަނިކުފާނުގެ އަމިއްލަ އިހުތިޔާރެއްގައެއް ނޫން. އެމަނިކުފާނު އެހެން ތަނަކަށް ވަޑައިގަންނަވަނިކޮށް އެ ދިމާލަށް ދެވުނީކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ދެނެއް ހިއެއް ނުވޭ އެފަދަ މަންޒަރެއް ފެނިގެން ދާނެ ހެނެއް."
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

