އިދިކޮޅު ސިޔާސީ ފަރާތްތަކުން ގުޅިގެން ޤައުމު ހަލަބޮލިކޮށް، މަސްލަހަތު ނަގާލުމަށް ކުރަމުންދާ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާނެކަމުގެ ބިރާއި ޔަގީންކަން ލިބުމުން ކުރާ ކަންތައްތަކެއް ކަމަށާއި، އެފަދަ ހުރިހާ ރޭވުންތަކެއް ބަދަލުކޮށް ނާކާމިޔާބުކޮށްލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މާޒީގައި އެކި ޕާޓީތަކުން ވެރިކަމަށް އައިސް ރައްޔިތުންނަށް ދެއްކި "ނަނާހުވަފެންތައް" ނިމުމަކަށް ގެނެސްދެއްވީ ރައީސް މުޢިއްޒު ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރާއްޖޭގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކާ އެއްގޮތަށް، ޤައުމީ މިނިވަންކަމާއި އިޤްތިޞާދު ކޮޅަށް ޖެހުމުގައި ރައީސް ސާބިތުކަމާއެކު ހުންނެވި މަންޒަރު މިއަދު ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޖަލްސާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ، ރައީސް މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ބޯހިޔާވަހިކަމާއި މަސްވެރިންގެ ވަޢުދުތައް ފުއްދަވައި، އިޤްތިޞާދީ ހަމަޖެހުން ގެނެސްދެއްވުމަށް ކުރައްވާ މަސައްކަތްތައް ބައެއް ފަރާތްތަކަށް ހަޖަމުނުވާ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ އެ މަންޒަރު. މިކަމާ ހަޖަމުނުވެގެން، ވެރިކަން ދެވަނަ ދައުރަކަށް ދިވެހި ރައްޔިތުން، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އަރުވަފާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެން، އެއްކަލަ މި ދަންނަވާ އަވާމެންދުރު ދެއްކެވި ރައީސުން ނުކުމެވަޑައިގެން މިއަދު މި އަނެއްކާވެސް ރައްޔިތުން އޮޅުވާލުމަށްޓަކައި މަސައްކަތް ކުރަނީ،"
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް