އަވަށްޓެރި ބައެއް ގައުމުތަކުގައި ހިމަބިހި (މީސަލްސް) ފެތުރެމުންދިއުމާއި، ދިވެހިރާއްޖެއިން ވެސް މި ބަލީގެ ބައެއް ކޭސްތައް ފެނިފައިވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ހުޅުމީދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހާއްސަ ހޭލުންތެރިކުރުވުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސެޝަން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، ހިމަބިހި ފެތުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން މަރުކަޒުގެ މުވައްޒަފުންނަށް އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމާއި، ބަލީގެ އަލާމާތްތައް ދެނެގަނެ، އެފަދަ ކޭސްތަކަށް އަމަލުކުރާނެ ގޮތުގެ އިރުޝާދު ދިނުމެވެ.

މި ސެޝަންގައި މައުލޫމާތު ދެއްވީ މަރުކަޒުގެ ފަންނީ ތަޖުރިބާކާރު ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ:
މެޑިކަލް އޮފިސަރު ޑރ. އަހުމަދު އަލީ މުހައްމަދު ގާސިމް
ސީނިއަރ ރެޖިސްޓަރޑް ނާރސް ފާއިނާ ރައޫފް
ސީނިއަރ ރެޖިސްޓަރޑް ނާރސް މަރިޔަމް ވަސީލާ
ސެޝަންގެ ތެރެއިން ޑރ. އަހުމަދު އަލީ މުހައްމަދު ގާސިމް ވަނީ ހިމަބިހީގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތާއި، ބަލީގެ އަލާމާތްތަކުގެ އިތުރުން ބަލިޖެހުމުން ދިމާވެދާނެ ސިއްހީ ނުރައްކާތަކާ ގުޅޭގޮތުން ތަފްސީލީ މައުލޫމާތު ދެއްވާފައެވެ. ސީނިއަރ ނަރުހުން ކަމަށްވާ ފާއިނާ ރައޫފް އަދި މަރިޔަމް ވަސީލާ ވަނީ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ސެޝަންގެ ސަބަބުން، ހިމަބިހި ފެތުރުން ހުއްޓުވުމަށާއި، ބައްޔަށް ޝައްކުކުރެވޭ މީހަކު މަރުކަޒަށް ދައްކައިފި ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު މުވައްޒަފުންނަށް ވަނީ ލިބިގެން ގޮސްފައެވެ. އަދި މިފަދަ ބަލިމަޑުކަމަކުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުމުގެ މުހިންމުކަންވެސް މި ސެޝަންގައި ފާހަގަކުރެވުނެވެ.
ޚަބަރާއިގުޅޭ މައުލޫމާތު:ސިއްހީމަރުކަޒުގެ ފޭސްބުކްޕޭޖުން
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

