މި ރިޕޯޓަކީ އޮފީސް މާހައުލުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންގެ އަމަލުތައް ހުންނަގޮތުން، މަސައްކަތުގެ ދުވެއްޔަށާއި މުއައްސަސާއަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށް ތައްޔާރުކުރެވިފައިވާ ރިޕޯޓެކެވެ. މީގެ މައިގަނޑު ބޭނުމަކީ މުވައްސަސާތަކުގެ ސްޕަވައިޒަރުންނަށް ދިމާވާ ގޮންޖެހުންތަކާއި، މުވައްޒަފުންގެ މެދުގައި ހުންނަ ނުރަނގަޅު އާދަތައް ފާހަގަކޮށް، އެކަންކަން އިސްލާހުކުރުމަށް ބާރުއެޅުމެވެ.
ފާހަގަކުރެވުނު މައިގަނޑު މައްސަލަތައް
ސްޕަވައިޒަރުންނަށް މަލާމާތްކުރުމާއި ގްރޫޕް ހަދައިގެން ފުރައްސާރަކުރުން:
މަސައްކަތުގެ މާހައުލުގައި ބައެއް މުވައްޒަފުން ގްރޫޕް ހަދައިގެން ތިބެ، އެމީހުންގެ ސްޕަވައިޒަރުންނަށް އެކި ގޮތްގޮތުން މަލާމާތްކޮށް، ހަޖޫޖަހާކަން ވަނީ ފާހަގަކުރެވިފައެވެ. ސްޕަވައިޒަރުންނަކީ މުއައްސަސާގެ ގަވާއިދުތައް ތަންފީޒުކޮށް، މަސައްކަތު ގަޑީގައި ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް ނިންމުމަށް ބާރުއަޅާ ފަރާތްތަކެވެ. ނަމަވެސް، މި ޒިންމާ އަދާކުރުމުން އެކަމާ ނުރުހުންވެ، ސްޕަވައިޒަރުގެ އަބުރަށް ހުތުރުވާގޮތަށް އަމަލުކުރުމަކީ އިސްލާމީ އަޚުލާގާގުގެ ތެރެއިން ބަލާއިރުވެސް ހިތާމަވެރި ކަމެކެވެ.
މަސައްކަތު ގަޑީގައި ފޯނާއި ކުޅުމާއި މުއާމަލާތްކުރުމުގެ މައްސަލަ:
ބައެއް މުވައްޒަފުން މަސައްކަތަށް ހާޒިރުވެ، އެމީހުންނާ ހަވާލުކުރެވިފައިވާ ޒިންމާތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ގިނަ ވަގުތު ހޭދަކުރަނީ ފޯނާ ކުޅުމުގައެވެ. އަދި ބައެއް މުވައްޒަފުން ކަނޑައެޅިފައިވާ ގަޑިތަކަށްވުރެ ގިނައިރު ބޭރުގައި ހޭދަކުރާކަންވެސް ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، އޮފީހުގެ ރަސްމީ މުއާމަލާތްތައް ކުރުމުގައިވެސް ސީދާ ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމުގެ ބަދަލުގައި، ހަމައެކަނި އެސްއެމްއެސް ނުވަތަ މެސެޖު މެދުވެރިކޮށް މުއާމަލާތްކުރުމަށް ބައެއް މުވައްޒަފުން އިސްކަންދެއެވެ. މީގެ ސަބަބުން މަސައްކަތުގެ މާހައުލުގައި އޮންނަންޖެހޭ ގުޅުން ކެނޑި، މަސައްކަތް ލަސްވުމަށް މެދުވެރިވެއެވެ.
ގަވާއިދާ ޚިލާފަށް ކަންކަމަށް އެދުމާއި ޕްރެޝަރު ކުރުން:
ވަޒީފާގެ މާހައުލުގައި ލިބެންޖެހޭ އިނާޔަތްތަކާއި ޚިދުމަތްތައް ހޯދުމަށް މުވައްޒަފުން އެދޭއިރު، އެކަންކަން ހަމަޖެއްސޭނީ އެތަނެއްގައި ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިންނެވެ. ނަމަވެސް، ގަވާއިދުން ބޭރުން ކަންކަން ހޯދުމަށް ގްރޫޕް ހަދައިގެން ސްޕަވައިޒަރަށް ބަހުގެ ހަމަލާތައްދީ، ނުފޫޒު ފޯރުވަން މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ. ސްޕަވައިޒަރަކީ ގަވާއިދުތައް ހަދާ ފަރާތް ކަމަށް ނުވާއިރު، ގަވާއިދުގެ ބޭރުން އެއްވެސް ކަމެއް ކޮށްދިނުމަކީ ސްޕަވައިޒަރަށް ކުރެވޭނެ ކަމެއް ނޫނެވެ.
މަސައްކަތުގެ މާހައުލަކީ އެކަކު އަނެކަކަށް އިހުތިރާމްކުރާ، އަދި ކަނޑައެޅިފައިވާ ގަވާއިދުތަކަށް ބޯލަނބާ ތަނަކަށް ވާންޖެހެއެވެ. ސްޕަވައިޒަރުންނަށް މަލާމާތްކުރުމާއި، މަސައްކަތު ގަޑީގައި ފޯނަށް އިސްކަންދިނުމަކީ މުއައްސަސާގެ ކުރިއެރުމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. އެހެންކަމުން، ހުރިހާ މުވައްޒަފުންވެސް ވަޒީފާގެ އަޚުލާގަށް ބޯލަނބައި، ގަވާއިދުގެ ތެރެއިން މަސައްކަތް ކުރުމަށް އިލްތިމާސްކުރަމެވެ.
ލަފާ:
މުވައްޒަފުންގެ އަޚުލާގީ މިންގަނޑުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
މަސައްކަތު ގަޑީގައި ފޯނު ބޭނުންކުރުމާ ގުޅޭ ހަރުދަނާ އުސޫލެއް ގާއިމުކުރުން.
ސްޕަވައިޒަރުންނަށް ކުރާ ފުރައްސާރައާ މެދު އިދާރީ ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

