ވ އަތޮޅުގެ 'ކޭވް' އަށް ފީނުމުގެ ތެރޭގައި ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިތައް، ނުރައްކާތެރި އޮޕަރޭޝަނަކަށްފަހު ތަޖުރިބާކާރު ޑައިވަރުންގެ ޓީމަކުން ހޯދައިފިކަން ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފިއެވެ.
ޔުނިވަރސިޓީގެ ދިރާސާ ދަތުރެއްގައި އައި އިޓަލީގެ ފަސް ޑައިވަރުންގެ ގްރޫޕެއް ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު، ގާތްގަނޑަކަށް 160 ފޫޓު އަޑީގައި އޮންނަ ހޮހަޅައެއް ބަލަމުން ދަނިކޮށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވުމާ ގުޅިގެން، ބައިނަލްއަޤުވާމީ މާހިރުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.

މި އޮޕަރޭޝަނުގައި ބައިވެރިވުމަށް ފިންލޭންޑްގެ ތަޖުރިބާކާރު ތިން ޑައިވަރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަރލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް އާދިއްތަ ދުވަހު ރާއްޖެ އައެވެ. އިޓަލީގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ޚާއްޞަ ޓީމުން ވަނީ ގެއްލިގެން ހޯދަމުންދިޔަ ބާކީ ހަތަރު މީހުންގެ ހަށިތައް ފެންނަ ސަރަޙައްދަށް ޑައިވްކޮށްގެން އެމީހުން ތިބި ސަރަހައްދު ދެނެގަނެފައެވެ. މީގެ ކުރިން މިދިޔަ ހަފުތާގައި އެ ގްރޫޕުގެ އެކެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.

ގެއްލިގެން ހޯދަމުންދިޔަ ހަތަރު މީހުންނަކީ މޮނިކާ މޮންޓެފަލްކޯން، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް، މުރިއަލް އޮޑެނިނޯ އަދި ފެޑެރިކޯ ގުއަލްޓިއޭރީއެވެ. މި މީހުން ފެނިފައިވަނީ " ކޭވް" ގެ ތެރެއިންނެވެ. ހަށިތައް ފެނުނު ނަމަވެސް، އެ ހަށިތައް ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެއެވެ.
ސަރުކާރުގެ ތަރުޖަމާނަކު ބީބީސީއަށް މަޢުލޫމާތު ދެއްވި ގޮތުގައި، ހަށިތައް ނެގުމަށް ބޭނުންވާ ޚާއްޞަ ސާމާނު އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން ވަނީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ފެނުއަޑީގައި ދުއްވާ ސްކޫޓަރާއި، ވައި ރީސައިކަލް ކުރެވޭ ގޭސް ޓޭންކްތައް ހިމެނެއެވެ. ކޮންމެ ޑައިވަރަކު ފީނުމަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވާއިރު، އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ވަގުތުން އެ މަސައްކަތް ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮޕަރޭޝަން ހިންގާ ޑައިވިންގ ސޭފްޓީ އޯގަނައިޒޭޝަން (DAN Europe) އިން ބުނީ، ވ އަތޮޅު ދެކުނު ކަނޑު ސަރަޙައްދުގައި ހިންގި މި އޮޕަރޭޝަނުގެ ފުރަތަމަ މަރުޙަލާ ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. މިއީ ފަންނީ ގޮތުންނާއި ނަފްސާނީ ގޮތުން ނުހަނު ގޮންޖެހުން ބޮޑު މަސައްކަތެއްކަން އެ ޖަމުޢިއްޔާއިން ފާހަގަކުރިއެވެ.
މި ހާދިސާ ހިނގިއިރު "ޑިއުކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީގައި އިތުރު 20 ފަތުރުވެރިން ތިއްބެވެ. އެ މީހުން މިހާރު ވަނީ އެނބުރި އިޓަލީއަށް ގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން ބައެއް ސީރިއަސް ކަންތައްތަކެއް ވަނީ ފާހަގަވެފައެވެ. އެގޮތުން، އެ މީހުން ދަތުރުކުރި ސަފާރީގައި 100 ފޫޓަށްވުރެ ފުން ސަރަޙައްދުތަކަށް ފީނުމުގެ ހުއްދަ ނެތްކަން ވަނީ ހާމަވެފައެވެ. އަދި ރާއްޖޭގެ އެމް.އެން.ޑީ.އެފް ގެ ކުރީގެ ޑައިވަރެއް ކަމަށްވާ ޝަފްރާޒް ނައީމް ބުނި ގޮތުގައި، ރާއްޖޭގައި މުނިފޫހިފިލުވުމަށް ފީނޭނެ އެންމެ ފުން މިނަކީ 30 މީޓަރެވެ. ނަމަވެސް މި ގްރޫޕުން ވަނީ އެ އުޞޫލުތަކާ ޚިލާފުވެފައެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އެ ހޮހަޅައިގެ ދޮރު ހުންނަނީ 180 އާއި 190 ފޫޓާ ދެމެދުގެ ފުން މިނެއްގައެވެ. އަދި އެތެރެއަށް ދާ ވަރަކަށް 330 ފޫޓަށްވުރެ ފުންވެ، މުޅިން އަނދިރިވެގެންދެއެވެ. މިފަދަ ނުރައްކާތެރި މާޙައުލެއްގައި ކިތަންމެ ތަޖުރިބާކާރު ޑައިވަރަކަށްވެސް ކުޑަވެސް ކަމެއް ދިމާވެއްޖެނަމަ، އެކަން ބޮޑު ހިތާމަވެރި ހާދިސާއަކަށް ބަދަލުވެގެންދާނެއެވެ.

މި ހިތާމަވެރި ހާދިސާގައި ޖުމްލަ ހަ މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި މިދިޔަ ހޮނިހިރު ދުވަހު މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު އެމް.އެން.ޑީ.އެފް ގެ ސާޖަންޓް މޭޖަރ މުޙައްމަދު މަހުދީވެސް ހިމެނެއެވެ. އޭނާ މަރުވީ ޑީކޮމްޕްރެޝަން ބަލީގައެވެ.
މަރުވި މީހުންގެ ހަށިތައް ނެގުމުގެ ނާޒުކު މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެއެވެ.

މަސްދަރު :ފޮޓޯތަކާއިމައުލޫމާތު، ސަދަންއިން
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

