މިއަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ އައު ދައުރެއް ފެށިގެންދިޔަ ތާރީޚީ ދުވަހެކެވެ. މިއަދު މަގާމުގެ ހުވާކުރެއްވި ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންނަކީ ކުރިއަށް އޮތް ދައުރުގައި ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއާއި ރައްޔިތުންގެ ލާބަޔަށް މަސައްކަތްކުރުމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ފަރާތްތަކެވެ.
ކައުންސިލަރުން މިއަދު ތިޔަ ކުރެއްވި ހުވާއަކީ ހަމައެކަނި ގާނޫނީ އިޖުރާއާތެއް ނޫނެވެ. އެއީ މާތް ﷲ ގަންދީ، އިސްލާމްދީނަށް ނަސްރުދިނުމަށާއި، ދިވެހި ދައުލަތަށް އިޚްލާޞްތެރިވުމަށް ކުރެއްވި ވަރަށް ވަރުގަދަ، ބަރުދަންހުރި ހުވައެކެވެ. މި ގައުމުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ގައުމަށް ޚިޔާނާތްތެރިނުވެ ރަށްތަކުގެ ތަރައްގީއަށް މަސައްކަތްކުރުމަށް ކުރި މި ހުވައަކީ، ﷲ ސުބުހާނަހޫ ވަތައާލާ އެކަމަށް ހެކިވެވޮޑިގެންވާ މަތިވެރި އަހުދެކެވެ.
ކައުންސިލަރުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނެ ކަމަކީ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމެވެ. ތިޔަބޭފުޅުންގެ ޒިންމާގެ ދާއިރާގެ ތެރޭގައި، ﷲގެ ދީނާ ފުށުއަރާ އެއްވެސް ކަމަކަށް ޖާގަ ދީގެން ނުވާނެއެވެ. ދީން ކުރިއެރުވުމަށާއި ދީނީ ހަމަތައް ރައްކާތެރިކުރުމަށް ކުރެއްވި ހުވާގެ މަތީގައި ސާބިތުވެ ތިއްބެވުމަކީ ކޮންމެ ކައުންސިލަރެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެކެވެ.
މި މަތިވެރި ޒިންމާ އަދާކުރުމުގައި، އިޚްލާޞްތެރިކަމާއެކު ދީނާއި ގައުމަށް ޚިދުމަތްކުރުމުގައި ދެމިތިބޭނަމަ، ﷲ ތައާލާގެ މަދަދާއި ނަސްރު ތިޔަބޭފުޅުން ކުރައްވާ މަސައްކަތުގައި ލައްވާނެކަން ކަށަވަރެވެ. ރަށްތަކުގެ ތަރައްގީއާއި ރައްޔިތުންގެ ފާގަތިކަން އޮތީ، ﷲ އަށް ބިރުވެތިވެ، އަމާނާތްތެރިކަމާއެކު މަސައްކަތް ކުރުމުގެ މަތީގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

