ސ. ހުޅުދޫގެ އައު ކައުންސިލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ.ކ) ގެ މެންބަރުން އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުލަގަދަގޮތެއްގައި ބާއްވައިފިއެވެ.
މިއަދު މެންދުރު 13:00 ގައި ސ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕޯސް ހޯލުގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި، އަލަށް އިންތިޚާބުވި ކައުންސިލަރުންނަށް ހުވާލައިދެއްވީ ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ނަޒީރެވެ.

މި ރަސްމިއްޔާތުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ހުޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވިއެވެ. މީގެ އިތުރުން، ނިމިދިޔަ ދައުރުގެ ކައުންސިލަރު ފައިޒުއާއި ޑަބްލިއުޑީސީގެ މެމްބަރު ދޫމާގެ އިތުރަށް ހުޅުދޫގެ ކުރީގެ ބޮޑުކަތީބު މުޙައްމަދު ޖަމީލުއާއި ކެނެރީފް ރިސޯޓުގެ މެނޭޖްމަންޓް ޓީމަކާއި މާލޭގައި ވިޔަފާރިކުރައްވާ ހުޅުދޫގެ ބައެއް ވިޔަފާރިވެރިން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ މި ރަސްމިއްޔާތަށް ލިބިގެންދިޔަ އިތުރު ފުރިހަމަކަމެކެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، އައު ކައުންސިލްގެ ފުރަތަމަ ޖަލްސާވެސް މިއަދު ވަނީ އަތޮޅު މަދަރުސާގައި ބާއްވާފައެވެ. މި ޖަލްސާގައި ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް ބޭއްވި ސިއްރު ވޯޓު ކާމިޔާބު ކުރައްވައި، އެ މަޤާމަށް އައްޔަން ކުރެވުނީ މިލްހާއެވެ.
ހުޅުދޫ ކައުންސިލަށް އިންތިޚާބުވި 5 މެންބަރުންގެ ތެރޭގައި ހިމެނެނީ އެމް.ޑީ.ޕީ އަށް ނިސްބަތްވާ 4 މެންބަރުންނާއި، ޕީ.އެން.ސީ އަށް ނިސްބަތްވާ އެއް މެންބަރެކެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ގޮނޑިވެސް ކާމިޔާބު ކޮށްފައިވަނީ އެމް.ޑީ.ޕީގެ ކެންޑިޑޭޓުންނެވެ. އެހެންކަމުން، މި ދައުރުގައި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރިހަމަ މެޖޯރިޓީ އޮންނާނީ އެމް.ޑީ.ޕީ އަށެވެ.
މި ރަސްމިއްޔާތު ނިމިގެންދިޔައީ ރަށުގެ ތަރައްޤީއަށް އައު އަޒުމަކާއެކު މަސައްކަތް ކުރުމުގެ އުންމީދީ މާހައުލެއްގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

