ސ. މީދޫގައި އަލަށް އުފެދުނު ރަށު ކައުންސިލަށް އިންތިޚާބުވި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުން މަޤާމުގެ ހުވާކުރުމާއި، އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުލަގަދަގޮތެއްގައި ބާއްވައިފިއެވެ.
ސ. އަތޮޅު މަދަރުސާގައި މިއަދު ހެނދުނު ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި، މީދޫ ކައުންސިލަށް އަލަށް އިންތިޚާބުވި މެންބަރުންނަށް ހުވާލައިދެއްވީ މީދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އައްޝެއިޚް މުޙައްމަދު ޠައްޔިބެވެ. ހުވާކުރުމަށްފަހު، ހުރިހާ މެންބަރުން ވަނީ މަޤާމުގެ އިޤުރާރުގައި ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުއްރަޙުމާނާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވިއެވެ.

އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރައްވައި ނިމުމާއެކު، ކައުންސިލްގެ އައު ދައުރުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށްޓަކައި ބާއްވާ ފުރަތަމަ ރަސްމީ ބައްދަލުވުން މިއަދު މެންދުރުފަހު ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ނައިބު ރައީސާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސް ހޮވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މީދޫގައި ވަކި ރަށު ކައުންސިލެއް އުފެދިގެން މިދިޔައީ، އައްޑޫ ސިޓީ ކައުންސިލްގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަވައި، އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫ އެ ސިޓީގެ އިދާރީ ދާއިރާއިން ވަކިކުރައްވައި، ވަކި ރަށު ކައުންސިލްތަކެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެންނެވެ. މި ނިންމެވުމަށްފަހު ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި، މީދޫ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ސިޓީ ކައުންސިލްގެ އަވަށެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ތާއީދުކޮށްފައެވެ.
މިއަދުގެ މި ހުވާކުރުމުގެ ރަސްމިއްޔާތާއެކު، މީދޫގެ އިދާރީ ހިންގުން ވަކި ރަށު ކައުންސިލެއްގެ ދަށަށް ބަދަލުވެ، ރަށުގެ ތަރައްޤީގެ އައު ދައުރެއް މިވަނީ ފެށިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

