ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރިން ކަނޑުގެ އަޑީގެ ކޭވްއަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ނުރައްކާތެރި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ބައިވެރިވި ސިފައިންގެ ހާއްސަ ޑައިވަރަކު ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވެފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން މީގެ ކުރިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ، ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ މީހެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އޭނާ ކުއްލިއަކަށް ހާލު ދެރަވުމާ ގުޅިގެން މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް، ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ.
މި ހިނގާ މެއި މަހުގެ 14 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 13:45 ހާއިރު، ވ. އަތޮޅަށް ސަފާރީއެއްގައި ޑައިވިނަށް ގޮސް އުޅުނު އިޓަލީވިލާތުގެ ފަސް ޑައިވަރުން ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ވަނީ ރިޕޯޓުކޮށްފަ އެވެ. މައުލޫމާތު ލިބުމާއެކު ސިފައިން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ.
ގެއްލުނު ފަސް މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ހަމައެކަނި އިޓަލީގެ ޑައިވް އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ކަނޑުގެ ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިން މަރުވެފައި އޮއްވަ އެވެ. ބާކީ ތިބި ހަތަރު ފަތުރުވެރިން އަދިވެސް ނުފެންނާތީ، ސިފައިން އަންނަނީ ފުރާނައަށް ނުރައްކާ ބޮޑު "ހައި-ރިސްކް" އޮޕަރޭޝަނެއް އެ ސަރަހައްދުގައި ހިންގަމުންނެވެ.
މި ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ވަނީ ވަގުތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އެގޮތުން، އެ ފަތުރުވެރިން ގޮވައިގެން ޑައިވިންއަށް ދިޔަ ސަފާރީ އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހިފަހައްޓައި ސަސްޕެންޑްކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ގާނޫނީ އަދި އަހުލާގީ ޒިންމާއެއް ކަމަށެވެ. އަދި ހެދިފައިވާ ސަލާމަތީ ގަވާއިދުތަކާއި މިންގަނޑުތަކަށް ހުރިހާ ސަފާރީތަކާއި ޑައިވް ސެންޓަރުތަކުން ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކުރަމުން، މިފަދަ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި އަޅަންޖެހޭ އެންމެހާ ގާނޫނީ ފިޔަވަޅުތައް ސަރުކާރުން ފަސްޖެހުމެއް ނެތް އަޅަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ.
މަސްދަރު:ޖަވިޔަނި
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

