ޕެސިފިކް ކަނޑުގައި "އެލް ނީނިއޯ" އުފެދެމުންދާ ދުވެލި އުންމީދުކުރި ވަރަށްވުރެ އަވަސްވެފައިވާއިރު، މިއަހަރުގެ ފަހުކޮޅު ނުވަތަ ފިނި މޫސުމާ ދިމާކޮށް މިއީ ތާރީޚީ ގޮތުން އެންމެ ބާރުގަދަ ނުވަތަ "ސުޕަ" އެލް ނީނިއޯ އަކަށް ވުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށް ކަމާބެހޭ މާހިރުން ބުނެފިއެވެ.
އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (NOAA) ގެ ކްލައިމެޓް ޕްރިޑިކްޝަން ސެންޓަރުން އެންމެ ފަހުން ނެރުނު ރިޕޯޓުގައިވާ ގޮތުން، މި އެލް ނީނިއޯގެ ބާރުގަދަވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެލް ނީނިއޯ އަކީ ޕެސިފިކް ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ވައިގެ ދައުރުވުމަށް އަންނަ ބަދަލުތަކަކާ ގުޅިގެން މުޅި ދުނިޔޭގެ މޫސުމަށް އަސަރުކުރުވާ ގުދުރަތީ ކަމެކެވެ.
މީގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ހަނަފަސްކަމާއި ގަދަ ހޫނު ކުރިމަތިވެ، ފެނުގެ ދަތިކަމާއި ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ނުރައްކާ އިތުރުވެއެވެ. އަނެއްބައި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެއެވެ. މީގެ އިތުރުން، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ހޫނުމިން މަތިވަމުންދާ ދަނޑިވަޅެއްގައި، އެލް ނީނިއޯގެ ސަބަބުން މި ހޫނުމިން އިތުރަށް މައްޗަށް ދިއުމަށް މަގުފަހިވެއެވެ.

# ސުޕަ އެލް ނީނިއޯއެއްގެ ފުރުސަތު ބޮޑުވުން
އާންމުގޮތެއްގައި އެލް ނީނިއޯ ކުރިމަތިވަނީ ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގައެވެ. އަދި މިއީ 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާ ކަމެކެވެ. އެލް ނީނިއޯގެ ބާރުގަދަކަން މިނަނީ ޕެސިފިކް ކަނޑުގެ މެދުތެރޭގެ ލޮނުގަނޑުގެ ހޫނުމިން އާންމު މިންގަނޑަށްވުރެ މަތިވާ މިންވަރަކުންނެވެ.
ލޮނުގަނޑުގެ ހޫނުމިން އާންމު މިންގަނޑަށްވުރެ 0.5 ޑިގްރީ ސެލްސިއަސް މައްޗަށް ގޮސް އެގޮތުގައި ގިނަ ދުވަސްތަކަކަށް ދެމިހުރެއްޖެނަމަ އެއީ އެލް ނީނިއޯގެ ހާލަތެއް ކަމަށް ބެލެވެއެވެ. ނަމަވެސް "ސުޕަ އެލް ނީނިއޯ" އެއްގެ ގޮތުގައި ބެލެވެނީ ހޫނުމިން 2 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދިއުމުންނެވެ.

މިހާރުގެ އަންދާޒާތަކަށް ބަލާއިރު، ކުރިއަށް އޮތް މަހުގެ ތެރޭގައި ލޮނުގަނޑުގެ ހޫނުމިން މި މިންގަނޑަށްވުރެ މައްޗަށް ދާނެ ކަމަށް ބެލެވެއެވެ. އަދި ފިނި މޫސުމާ ހަމައަށް މި ހާލަތު ދެމިއޮތުމުގެ ފުރުސަތު %96 އަށް ވަނީ އިތުރުވެފައެވެ.
ކްލައިމެޓް ޕްރިޑިކްޝަން ސެންޓަރުގެ ސައިންސްވެރިޔާ މިޝޭލް އެލްހެރޫ ވިދާޅުވި ގޮތުގައި، ވައިގެ ދައުރުވުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ހޫނުމިނަށް އަންނަ ބަދަލުތައް އެއްވަގުތެއްގައި ދިމާވެއްޖެނަމަ، އެލް ނީނިއޯގެ ބާރުގަދަވުމުގެ ފުރުސަތު ބޮޑެވެ.

މީގެ ކުރިން ބާރުގަދަ އެލް ނީނިއޯގެ ހާދިސާތައް ފާހަގަކުރެވިފައިވަނީ 1972-1973، 1982-1983، 1997-1998 އަދި 2015-2016 ގައެވެ. މީގެ ތެރެއިން 2015-2016 ގެ އެލް ނީނިއޯއަކީ ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ އެލް ނީނިއޯއެވެ.
#ދުނިޔޭގެ މޫސުމަށް ކުރާނެ އަސަރުތައް
#ދުނިޔޭގެ ހޫނުމިން މަތިވުން:
އެލް ނީނިއޯގެ ސަބަބުން 2026 ނުވަތަ 2027 ވަނަ އަހަރަކީ ތާރީޚުގައިވެސް ދުނިޔެ އެންމެ ހޫނުވާނެ އަހަރުތަކަށް ވުމުގެ ފުރުސަތު ބޮޑެވެ.
#ހޫނު ގަދަ ވަޔާއި ތޫފާންތައް:
އެލް ނީނިއޯގެ ސަބަބުން އެޓްލާންޓިކް ކަނޑުގައި އުފެދޭ ތޫފާންތައް މަދުވި ނަމަވެސް، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީގައި ތޫފާންތައް އުފެދޭ މިންވަރު އިތުރުވެއެވެ. މީގެ ސަބަބުން ހަވާއީ ފަދަ ސަރަހައްދުތަކަށް ނުރައްކާ ބޮޑުވެއެވެ.
# އިރުމަތީ އޭޝިއާއާއި އިންޑިއާ: ހޫނު މޫސުމުގައި އިންޑިއާއާއި ދެކުނު އިރުމަތީ އޭޝިއާއަށް ލިބޭ މޫސުމީ ވާރޭ ވެހުން މަދުވެ، ހަނަފަސްކަން ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ.
# އެމެރިކާގެ ސަރަހައްދުތައް: އެމެރިކާގެ އުތުރު ސަރަހައްދުތަކާއި ކެނެޑާއަށް އާންމުކޮށް ފިނި މޫސުމުގައި ހޫނުކަން އިހުސާސް ކުރެވޭއިރު، ދެކުނުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފިނިވުމުގެ ފުރުސަތު ބޮޑެވެ.
# އެފްރިކާ: ޑިސެމްބަރުން ފެބްރުއަރީއަށް ދެކުނު އެފްރިކާގެ ސަރަހައްދުތަކުގައި ހަނަފަސްކަން އިތުރުވުމަކީ އެލް ނީނިއޯއާ ގުޅިގެން އާންމުކޮށް ދިމާވާ ކަމެކެވެ.
މައުލޫމާތު: ސީއެންއެން
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

