އައްޑޫ މީދޫގެ ތާރީޚީ ބިނާތަކަށް ބަލާއިރު، މީދޫގެ ކުރީގެ "ބޯނުގެ" އަކީ ފާހަގަކޮށްލެވޭ މުހިންމު ބިނާއެކެވެ. މިއީ މީދޫގައި އެކިކަހަލަ ކުށްތަކަށް އަރައިގަންނަ މީހުން ބަންދުކޮށްގެން ބޭތިއްބުމަށްޓަކައި ޒަމާންތަކެއް ކުރިން ބޭނުންކުރި ޖަލެކެވެ. މި ލިއުމުގައި ބަލާލާނީ ބޯނުގޭގެ މަގުސަދާއި، އެތަނުގައި ކުށްވެރިންނަށް އަދަބުދީ ބަންދުކުރި ގޮތްތަކުގެ މައްޗަށެވެ.
މީދޫ ބޯނުގޭގެ މައިގަނޑު ބޭނުމަކީ ރަށުތެރޭގައި ހިނގާ އެކިކަހަލަ ކުށްތައް ހުއްޓުވައި، ކުށްކުރާ މީހުން ބަންދުކޮށް އެމީހުންނަށް އަދަބު ދިނުމެވެ. މިތަނުގައި އާންމުކޮށް ބަންދުކުރެވުނީ ވައްކަމުގެ މައްސަލަތަކުގައި ކުށްވެރިވާ މީހުންނެވެ. އޭގެ ތެރޭގައި ވަގަށް ރުކުން އެޅުމާއި، ގޭގޭގެ ފޮށިތައް ފަޅައިގެން ވައްކަންކުރުން ފަދަ އިޖުތިމާއީ އަމާންކަން ގެއްލޭ ފަދަ އަމަލުތައް ކުރާ މީހުން ހިމެނެއެވެ.

ބޯނުގޭގައި ކުށްވެރިން ބަންދުކުރުމާއި އަދަބު ދިނުމުގައި ތަފާތު ހަރުކަށި ގޮތްތައް ބޭނުންކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
އަދަގޮނޑި ޖެހުން:
ބައެއް ކުށްވެރިން ބޯނުގޭގައި ބަންދުކުރަނީ ފައިގައި އަދަގޮނޑި ޖަހައިގެންނެވެ. މިއީ އެމީހުން ފިލައިގެން ދިޔަ ނުދިނުމަށާއި އަދަބެއްގެ ގޮތުން ކުރާ ކަމެކެވެ.
ތައުޒީރުކުރުން:
ބައެއް މީހުން ބޯނުގެއަށް ލުމުގެ ކުރިން، އިސްލާމީ ޝަރީއަތާއި އޭރުގެ އުސޫލުތަކާ އެއްގޮތަށް ދުއްރާއިން ތަޅައި ތައުޒީރު ކުރެވެއެވެ.
ބިޑިއެޅުވުން:
އެންމެ ނުރައްކާތެރި ވަގުން ބަންދުކުރަނީ ބިޑިއަޅުވައިގެންނެވެ. މިކަމުގައި ބޭނުންކުރި ބިޑިއަކީ މީދޫގައި އަމިއްލައަށް އުފައްދާފައިވާ "ރަށު ބިޑި" އެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބިޑި ތައްޔާރުކުރީ މީދޫގެ ފަންނުވެރިއެއް ކަމަށްވާ "ކޮއްކޯގެ ބެއްޔާ" އެވެ.
މީދޫގެ މި ތާރީޚީ ބިނާ ހުރީ ރަށުގެ މުހިންމު ސަރަހައްދެއްގައެވެ. އެއީ މިހާރުގެ ކާޑުގޭ ޕާކު ހުރި ތަނެވެ. މިއަދު އެ ބިނާގެ ފިޒިކަލް އޮނިގަނޑު ފެންނަން ނެތް ކަމުގައި ވިޔަސް، މިއީ މީދޫގެ އިޖުތިމާއީ ނިޒާމާއި ރަށުގެ ތާރީޚާ ގުޅިފައިވާ މުހިންމު ނިޝާނެކެވެ.
މީދޫ ބޯނުގޭގެ ތާރީޚުން ހާމަވެގެންދަނީ އެ ދުވަސްވަރު ރަށުގެ އަމާންކަން ގާއިމުކުރުމަށްޓަކައި ކުށްވެރިންނަށް ހަރުކަށި އަދަބުތަކެއް ދެމުންދިޔަ ކަމެވެ. މިއީ މީދޫގެ ކުރީގެ ދިރިއުޅުމާއި، އޭރުގެ ޝަރުއީ އަދި އިޖުތިމާއީ ނިޒާމު އޮތްގޮތް ދައްކުވައިދޭ ތާރީޚީ ހެއްކެކެވެ. އޭރުގެ މީދޫގެ ވެރިން މި ބިނާ ނެތިކޮށްލާފައި ވީނަމަވެސް، މިއީ މީދޫގެ ތާރީޚުން ގެއްލިގެން ގޮސްފައިވާ، އަންނާން އޮތް ޖީލުތަކަށް އެނގެންޖެހޭ މުހިންމު މަޢުލޫމާތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

