ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމަށް، ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ރަސްމީކޮށް ނިންމައިފިއެވެ.
މިއަދު ހެނދުނު 11:15 ގައި ބޭއްވި ޕީއެންސީގެ ޕީޖީ ބައްދަލުވުމުގައި، ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ނިންމައި، އެ މައްސަލައިގައި މެންބަރުން ސޮއިކުރަން މިހާރު ވަނީ ފަށާފައެވެ. މި ނިންމުން ނިންމާފައިވާކަން އެ ޕާޓީގެ ބައެއް މެންބަރުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ޕީޖީ ގްރޫޕުން މި ފެށީ، ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން މިއަދު ހެނދުނު ނާޒިމް ބޭރުކޮށްލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމް ވަކިކުރަން ނިންމީ، މަޖިލިސް ތެރެއިން އޭނާ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް ބުނެ އުފެދިފައިވާ ތުހުމަތުތަކާ ގުޅިގެންނެވެ.
މީގެ އިތުރުން، މިއަދުގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހުމަކީވެސް މި ނުތަނަވަސްކަމުގެ ބައެއް ކަމަށް ބެލެވެއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މަޝްވަރާތައް މިދިޔަ މަހުވެސް ކުރިއަށްދިޔަކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އޭރު ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެކަން ދޮގުކުރައްވާފައެވެ. ނަމަވެސް މިއަދުގެ ނިންމުމާއެކު، އެ މަޝްވަރާތަކަށް ވަނީ އަމަލީ ސިފައެއް އައިސްފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައެވެ. ޕީއެންސީގެ ސުޕަ-މެޖޯރިޓީ މަޖިލީހުގައި އޮތުމުން، މި މައްސަލަ ހުށަހަޅައި ފާސްކުރުމުގެ ފުރިހަމަ ބާރު ސަރުކާރު ކޯލިޝަނަށް އެބައޮތެވެ.
މިހިނގާ ދައުރު މާދަމާ ނިމި މަޖިލިސް ޗުއްޓީއަށް ދާއިރު، މި މައްސަލަ ހުށަހެޅުމާއެކު މަޖިލީހުގެ މަސައްކަތްތަކަށް އިތުރު ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

