ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މީދޫ ރާފަޅާ ގުރޫޕާއި އާމިނަތު މުހައްމަދުދިދީ ގުޅިގެން މީދޫގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މީދޫ ޝަރީފީ ޕްރީ ސްކޫލްގައި ބޭއްވުނު މި ރަސްމިއްޔާތަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ނަރުހުންގެ އަގުވަޒަންކުރުމުގެ މަގްސަދުގައި ބޭއްވުނު ހަރަކާތެކެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާއެވެ. ރަސްމިއްޔާތުގެ ތެރެއިން، މީދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރައްވާ ނަރުހުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ ނަރުހަކަށް ހަނދާނީ ޝީލްޑަކާއި ޚާއްސަ ހަދިޔާއެއް ވަނީ އަރުވާފައެވެ.
މި ބައްދަލުވުމުގައި ޚާއްސަ މެހެމާނުންގެ ގޮތުގައި ޑރ. ޝީނާ ސައީދު، ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗްގެ މެނޭޖަރު ޝަޒުލީން، އަދި ހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް އަލީ ނަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސިއްހީ މަރުކަޒުގެ ޑޮކްޓަރުންނާއި، އިސްވެރިންނާއި، މުވައްޒަފުންގެ އިތުރުން ރާފަޅާ ގްރޫޕްގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލަރު އާމިނަތު ސާލިހާ އަދި މި ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް ހުންނެވި އާމިނަތު މުހައްމަދު ދީދީ، ސިއްހީ ނިޒާމުގެ ތެރޭގައި ނަރުހުން އަދާކުރާ މުހިންމު ދައުރާއި އެ ބޭފުޅުންގެ ބުރަ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ނަރުހުންގެ ފަރާތުން ވަސީލާ ވާހަކަ ދައްކަވަމުން، މިފަދަ ހަރަކާތެއް އިންތިޒާމުކޮށް ނަރުހުންގެ މަސައްކަތް ފާހަގަކުރި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ، ނަރުހުންގެ ދުވަހާ ގުޅުވައިގެން ރާފަޅާ ގްރޫޕުން ތައްޔާރުކޮށްފައިވާ ޚާއްސަ ލަވައެވެ. މި ލަވަ ވަނީ ރަސްމިއްޔާތުގެ ތެރޭގައި ހުށަހަޅާދީފައެވެ. މި ހަރަކާތް ނިމިގެންދިޔައީ މީދޫގެ ސިއްހީ ޚިދުމަތްތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކާއި އުފާވެރިކަމަކާއެކުގައެވެ.



































ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

