އއ. ރަސްދޫގައި ޗައިނާގެ ބަޔަކު ދިވެހި ޒުވާނަކަށް ހަމަލާދީ މާރާމާރީ ހިންގި މަންޒަރު ފެނުމުން، އެ ޒުވާނާގެ މަންމައަށް ލިބުނު ކުއްލި ސިހުމާ (ޝޮކާ) ގުޅިގެން ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުގެ ރޭ ދަންވަރު 00:51 އެހައިކަންހާއިރުއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ރަސްދޫގެ ގެސްޓްހައުސްއެއްގައި މަސައްކަތްކުރާ ޗައިނާގެ ދެ ރައްޔިތަކު، ދަގަނޑުބުރިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މި މައްސަލައާ ގުޅިގެން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ރަސްދޫއިން މައުލޫމާތު ދިން މީހަކު "ވަގުތު" ނޫހަށް ކިޔައިދިން ގޮތުގައި، މި މާރާމާރީ ހިންގާފައިވަނީ އެ ރަށުގައި ގެސްޓްހައުސް އަދި ވޯޓާ ސްޕޯޓްސްގެ ވިޔަފާރިއެއް ހިންގަމުންދާ ޗައިނާ ބައެކެވެ. އެ މީހުން ހަމަލާ ދީފައިވަނީ އެތަނުގައި ޑިންގީ ދުއްވުމުގެ މަސައްކަތް ކުރަމުންދިޔަ ދިވެހި ޒުވާނަކަށެވެ.
މި ހާދިސާ ހިނގި ވަގުތު، އެ ޒުވާނާއަށް ޗައިނާ މީހުން ހަމަލާދިން އަނިޔާވެރި މަންޒަރު ފެނި، އޭނާގެ މަންމަ ވަގުތުން ހޭނެތިގެން ވެއްޓުނެވެ. އެއާއެކު، އޭނާއަށް އަވަސް ފަރުވާ ދިނުމަށްޓަކައި ރަސްދޫ ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ނަމަވެސް، ހާލު އިތުރަށް ގޯސްވަމުން ދިއުމުގެ ސަބަބުން އެ ރޭ ފަތިހު 4:00 ހާއިރު ވަނީ އިތުރު ފަރުވާއަށް މާލެއަށް ބަދަލުކޮށްފައެވެ.
މާލެ ގެނައި އިރުވެސް އެ އަންހެންމީހާގެ ހާލު ވަރަށް ނާޒުކެވެ. ލިބުނު ކުއްލި ސިހުމުގެ ސަބަބުން ހާލަތު ގޯސްވެފައިވާއިރު، ޑޮކްޓަރުން ވެސް އޮތީ އޭނާ ސަލާމަތްވުމުގެ އުންމީދު ކަނޑާލާފައެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މި ހާދިސާއާ ގުޅިގެން ރަސްދޫގެ ރައްޔިތުން ތިބީ ނުހަނު ކަންބޮޑުވުމާއި ހިތާމައިގައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

