ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރެއިން ކުއްލި ފަރުވާއަށް ބޭނުންވާ ބަލިމީހުން އެއް ރަށުން އަނެއް ރަށަށް ނުވަތަ މާލެއަށް އުފުލުމަށްޓަކައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 1 މާޗު 2024 ގައެވެ. މި ޚިދުމަތަކީ ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުންނާއި، ޞިއްޙީ ޚިދުމަތްތައް މަރުކަޒުކުރެވިފައިވާ ގޮތުން އާންމުންނަށް ނުހަނު ބޭނުންތެރި ޚިދުމަތެކެވެ. ނަމަވެސް، މި ޚިދުމަތް ބޭނުންކުރާ މިންވަރު މިހާރު އިތުރުވަމުންދާ ގޮތާމެދު ކަމާބެހޭ އިދާރާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވާހަކަދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވި ގޮތުގައި، އެއަރ އެމްބިއުލާންސް ބޭނުންކުރާ މިންވަރު ވަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެފައެވެ. ކުރިން ޝެޑިއުލް ފްލައިޓްތަކުގައި ބަލިމީހުން އުފުލި ނަމަވެސް، މިހާރު ގިނަ ބަޔަކު ބޭނުންވަނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ހޯދުމަށެވެ.
"ވަރަށް ގިނަ އިނގޭތޯ ހަމަ އެލާޓީ މިންވަރަށް ހަމަ އެ އެމްބިއުލެންސް ހަމަ ބޭނުންކުރަމުން އެބަ ގެންދޭ. ދެން މިހާރު އެއްވެސް މީހަކު ދަތުރުކުރާކަށް ބޭނުމެއް ނުވޭ އަނެއް ޝެޑިއުލް ފްލައިޓެއްގައި،"
ޒީނިޔާ ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި އަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި އެކަނިވެސް 1,755 ދަތުރު އެއަރ އެމްބިއުލާންސް މެދުވެރިކޮށް ކޮށްފައިވެއެވެ. މި ދަތުރުތަކުގައި ޖުމްލަ 2,270 ބަލިމީހުން އުފުލާފައިވާކަން ފާހަގަކުރެވެއެވެ. މިއީ މި ޚިދުމަތަށް އޮތް ބޮޑު ޑިމާންޑް ހާމަކޮށްދޭ އަދަދުތަކެކެވެ.
މި ޚިދުމަތް ބޭނުންކުރާ މިންވަރު އިތުރުވުމާއެކު، ދައުލަތުން ކުރަންޖެހޭ ހޭދަ ނުވަތަ ކޯސްޓް ބޮޑުވަމުންދާކަން އާސަންދަ ކުންފުނީގެ އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ. އާސަންދަ ކުންފުނީގެ ދައުރަކީ ހަމައެކަނި އަންނަ ރިކްއެސްޓްތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ފެތޭތޯ ބަލައި، އެޕްރޫވްކުރުމަށްފަހު މެމްސާ (MEMSA) އަށް ފޮނުވުން ކަމަށްވާއިރު، މި ޚިދުމަތަށް ހިނގާ ޚަރަދުގެ ތަފްސީލީ މައުލޫމާތު ބަލަހައްޓަނީ އެންސްޕާ (NSPSA) އިންނެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު:
2024 ނޮވެމްބަރުގެ ނިޔަލަށް 85.1 މިލިއަން ރުފިޔާ މާލީ އެހީގެ ގޮތުގައި ދޫކޮށްފައިވެއެވެ.
މިހާތަނަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް ޖުމްލަ 114,110,000 ރުފިޔާގެ މާލީ އެހީ ދޫކޮށްފައިވާކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތަކީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ފަސޭހައެއް ނަމަވެސް، މި ޚިދުމަތް ބޭނުންކުރުމުގައި ވަކި ހަމަތަކެއް ގެންގުޅުމަކީ ދައުލަތުގެ މާލިއްޔަތަށް މުހިންމު ކަމެކެވެ. ޚިދުމަތް ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވެ، ޝެޑިއުލް ފްލައިޓްތަކުގެ ބަދަލުގައި ހަމައެކަނި މި ޚިދުމަތަށް ބަރޯސާވުމަކީ ދިގު މުއްދަތެއްގައި ދައުލަތަށް އުފުލަންޖެހޭ ބޮޑު މާލީ ބުރައަކަށް ވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

