ރެއާލް މެޑްރިޑްގެ ފެޑެރިކޯ ވަލްވާޑޭ އާއި އައުރެލިއަން ޗުއަމެނީއާ ދެމެދު ޑްރެސިން ރޫމްގައި ހިނގި ހަމަނުޖެހުމެއްގައި، ވަލްވާޑޭގެ ބޮލަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިއްޖެއެވެ. އެލް ކްލަސިކޯ ކުރިމަތިވެފައި ވަނިކޮށް ހިނގި މި ހާދިސާއާއެކު، ރެއާލް މެޑްރިޑްގެ މި ސީޒަނަށް އިތުރު ލޮޅުންތަކެއް ވަނީ އަރާފައެވެ.
ކްލަބުގެ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، މި ދެ ކުޅުންތެރިންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ، ހިނގި މާރާމާރީގައި އުރުގުއާއީގެ މިޑްފީލްޑަރު ވަލްވާޑޭގެ ބޯ ފަޅައިގެން ގޮސްފައިވެއެވެ. ރެއާލް މެޑްރިޑުން ފަހުން ވަނީ މިކަން ކަށަވަރުކޮށްދީ، ވަލްވާޑޭގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން ގާތްގަނޑަކަށް ދެ ހަފުތާވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބުނެފައެވެ.
ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަލްވާޑޭގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން މެޑިކަލް ޕްރޮޓޮކޯލްތަކާ އެއްގޮތަށް 10 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތަކަށް އޭނާ އަރާމުކުރަން ޖެހޭނެ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ކްލަބުގެ ތަމްރީނު މައިދާން ކަމަށްވާ "ވަލްޑެބޭބަސް" ގައެވެ.
މި މައްސަލައާ ގުޅިގެން ރެއާލް މެޑްރިޑުން ވަނީ ދެ ކުޅުންތެރިންނަށް އަދަބު ދިނުމުގެ ގޮތުން ޑިސިޕްލިނަރީ މައްސަލައެއް ބަލަން ފަށާފައެވެ. ކްލަބުން ބުނީ ތަމްރީނުތަކުގެ ތެރޭގައި ހިނގި މި ހާދިސާ ބަލައި، އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.
ވަލްވާޑޭ ފަހުން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ކްލަބާއި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައިވެއެވެ. ނަމަވެސް އޭނާ ބުނީ މާ ބޮޑު މާރާމާރީއެއް ހިނގާފައި ނުވާ ކަމަށާއި، ޒުވާބެއްގެ ތެރޭގައި އަތުން ޖެހި މޭޒެއް ވެއްޓުނީ ކަމަށެވެ. މި ހާދިސާގައި ޗުއަމެނީއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާގެ ސަބަބުން ކްލަބުގެ އިސްވެރިން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. މަގްސަދަކީ ޓީމުގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތައް ހައްލުކޮށް، ނުތަނަވަސްކަން ކުޑަކުރުމެވެ. މީގެ ކުރިންވެސް މި ދިޔަ ހަފްތާގައި ޑިފެންޑަރު އަލްވާރޯ ކަރޭރަސް އާއި އެންޓޯނިއޯ ރޫޑިގާއާ ދެމެދު ޒުވާބެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރެއާލް މެޑްރިޑަށް މި ސީޒަނަކީ ވަރަށް ނާކާމިޔާބު ސީޒަނެކެވެ. ކޯޗު ޒަބީ އޮލޮންސޯ މަގާމުން ވަކިކޮށް، އަލްވާރޯ އާބެލޯއާއާ ޓީމު ހަވާލުކުރި ނަމަވެސް ޓީމުގެ ނަތީޖާތަކަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ޗެމްޕިއަންސް ލީގުން ބަޔާން މިއުނިކް އަތުން ބަލިވެ ކަޓާފައިވާއިރު، ލަލީގައި އެއްވަނައިގައި އޮތް ބާސެލޯނާއަށްވުރެ ރެއާލް އޮތީ 11 ޕޮއިންޓް ފަހަތުގައެވެ. އަންނަ އާދިއްތަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުން ބާސެލޯނާ މޮޅުވެއްޖެނަމަ، އެ ޓީމަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.
މީގެ އިތުރުން، ކްލަބުގެ ފޯވާޑް ކީލިއަން އެމްބާޕޭ ވިއްކާލުމަށް ގޮވާލައި 33 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. އަނިޔާގައި ހުރި އެމްބާޕޭ، ރިހެބިލިޓޭޝަންގެ މަސައްކަތް ކުރިއަށް ނުގެންގޮސް އިޓަލީއަށް ޗުއްޓީއަކަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ. އާދިއްތަ ދުވަހުގެ މެޗުގައި އެމްބާޕޭ ފެންނާނެ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

