އައްޑޫސިޓީ ކައުންސިލްގެ މީދޫ ދާއިރާގެ މެންބަރު އާމިނަތު ސޯލިހާގެ ދައުރު ހަމަވާތީ އެކަމަނާ ކޮށްދެއްވި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މީދޫ އަވަށު އޮފީހުން ޚާއްޞަ "ފެއަރވެލް" ނުވަތަ ވަދާއީ ހަފްލާއެއް ބާއްވައިފިއެވެ.
މީދޫ އަވަށު އޮފީހުގެ މުވައްޒަފުން އިސްނަގައިގެން ބޭއްވި މި ހަފްލާއަކީ ވަރަށް ފުރިހަމަ އަދި އެހާމެ ކުލަގަދަ ހަފްލާއެކެވެ. މި ހަފްލާގެ މައިގަނޑު މަގުސަދަކީ ކައުންސިލަރު އާމިނަތު ސޯލިހާގެ ދައުރުގައި މީދޫގެ މުޖުތަމައުގެ ކުރިއެރުވުމަށް ހިންގެވި ތަފާތު އެކި މަޝްރޫޢުތަކާއި، އިޖުތިމާޢީ ހަރަކާތްތަކުގެ އަގުވަޒަންކޮށް، އެކަމަނާއަށް ހިތްވަރު ދިނުމެވެ.
އާމިނަތު ސޯލިހާގެ ދައުރަކީ މީދޫއަށް ކުރިއެރުންތަކެއް ލިބިގެންދިޔަ ދައުރެއްކަން ފާހަގަކުރެވެއެވެ. ވަދާއީ ހަފްލާގައި ޝުއޫރު ފާޅުކުރެއްވި މުވައްޒަފުން ވަނީ އެކަމަނާގެ މަސައްކަތްތެރިކަމާއި، ރައްޔިތުންނާ ބާއްވާ ގާތް ގުޅުމަށް ތައުރީފުކޮށް، މުޖުތަމައަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މި ހަފްލާގައި މީދޫ އަވަށު އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. ބައެއް މުވައްޒަފުން މި ހަފްލާގައި ބައިވެރިނުވިކަމުގައިވިޔަސް ހަފްލާ ކުރިއަށްދިޔައީ ވަރަށް އެކުވެރި އަދި އުފާވެރި މާހައުލެއްގައެވެ.
މި ހަފްލާ ނިންމާލާފައިވަނީ ކައުންސިލަރު އާމިނަތު ސޯލިހާއަށް ކުރިއަށް އޮތް ތަނުގައިވެސް ކާމިޔާބީއަށް އެދެމުންނެވެ. އަދި މީދޫ އަވަށު އޮފީހުގެ ފަރާތުން އެކަމަނާގެ ޚިދުމަތްތަކުގެ ހަނދާނީ ނިޝާނެއްގެ ގޮތުން ހަދިޔާއެއް ވެސް ވަނީ އަރުވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

