އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންނަށް ދިމާވެފައިވާ މުސާރައާއި އިނާޔަތްތަކުގެ މައްސަލަތަކާއި، މަސައްކަތުގެ މާހައުލުގައި ހުރި އެކި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެ އެއާޕޯޓުގެ 153 މުވައްޒަފަކު ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މި މަހުގެ 5 ވަނަ ދުވަހު ހުށަހެޅި މި ޕެޓިޝަނަކީ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރުމަށް އެދި ހުށަހެޅި ތަފްސީލީ ލިޔުމެކެވެ.
މި ޕެޓިޝަނުގައި އެއާޕޯޓުގެ ހިންގުމުގެ ނިޒާމަށާއި މުވައްޒަފުންގެ އިނާޔަތްތަކަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ މުހިންމު ނުކުތާތަކަކީ:
މުސާރައިގެ ކުރިއެރުން ނެތުން:
ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުންދާއިރު، މުސާރައަށް އެއްވެސް ކުރިއެރުމެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވުމާއި، މުސާރައިގެ ތަފާތުކުރުންތައް ހުރުން.
މަގާމުގެ ކުރިއެރުން:
ވަޒީފާގެ ކުރިއެރުން ނުވަތަ ޕްރޮމޯޝަން ލިބޭނެ ސާފު އޮނިގަނޑެއް އެކުލަވާލެވިފައި ނެތުން.
ތައުލީމީ ސެޓިފިކެޓް އެލަވަންސް:
ބެޗްލާސް ޑިގްރީ ފަދަ މަތީ ތައުލީމު ހާސިލުކޮށްފައިވާ މުވައްޒަފުންގެ ތައުލީމީ ފެންވަރަށް ބަލައި އެކަށީގެންވާ އެލަވަންސެއް ނުލިބުން.
ރިސްކް އެލަވަންސް:
އެއާޕޯޓު އޮޕަރޭޝަންސް ފަދަ ނުރައްކާތެރި މާހައުލެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ "ރިސްކް އެލަވަންސް" ނުލިބޭ މައްސަލަ.
ހެލްތު އިންޝުއަރެންސް:
މިހާރު އޮތް ސިއްހީ އިންޝުއަރެންސް ނިޒާމަކީ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް އެންމެ ފުރިހަމަ ޚިދުމަތް ލިބޭ ފަދަ ނިޒާމަކަށް ނުވުން.
މިޕެޓިޝަނުގައި ގަން އެއާޕޯޓަކީ ރާއްޖޭގެ އިގްތިސާދީ މުހިންމު ދޮރާއްޓެކަމަށްވާތީ އެތަނުގެ ސަލާމަތީ އަދި ފަންނީ ކަންކަން އެންމެ މަތީ ފެންވަރުގައި ހިފެހެއްޓުމަށް މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރެވެން ޖެހޭނެކަމަށް ބުނެފައިވެއެވެ. ނަމަވެސް، މިހާރު ހުރި މައްސަލަތަކުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތުގެ ރޫހަށް ނޭދެވޭ އަސަރުކުރަމުންދާކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.
ގަން އެއާޕޯޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށްދާ މި ދަނޑިވަޅުގައި މުވައްޒަފުން ހުށަހެޅި މި ޕެޓިޝަނާ ގުޅޭގޮތުން ސަރުކާރުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިކަމަށް އިންސާފުވެރި އަދި އަވަސް ހައްލެއް ހޯދައިދޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް މުވައްޒަފުން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

