ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ކުޅުނު ފޯރިގަދަ މެޗުން 5-4 ގެ ނަތީޖާއަކުން ކުރިހޯދައިގެން އޮތް ޕީ.އެސް.ޖީ، މިއުނިކަށް ދަނީ އެ ނަތީޖާ ދަމަހައްޓައި ފައިނަލަށް ދަތުރުކުރުމުގެ އުންމީދުގައެވެ. ދެ ޓީމުގެ ކޯޗުންވެސް ވަނީ މި މެޗުގައިވެސް ފެންނާނީ ހަމަލާއަށް އިސްކަންދޭ ކުޅުމެއް ކަމަށް ބުނެފައެވެ.
މި މުބާރާތުގެ ތާރީޚުގައިވެސް ފެނުނު އެންމެ ފޯރިގަދަ އެއް މެޗަށް ފުރަތަމަ ލެގު ވެގެންދިޔައިރު، މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗެއްގައި އެންމެ ގިނަ ލަނޑު ފެނުނު ލެގުވެސްމެއެވެ. މި މެޗުން މޮޅުވާ ބަޔަކަށް މެއި 30 ގައި ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި އޮންނަ ފައިނަލުން ޖާގަ ލިބޭނެއެވެ. ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ އާސެނަލް އާ އެވެ.
މިރޭ ކުޅެވޭ މެޗާ ބެހޭގޮތުން ކޯޗު ވިންސެންޓް ކޮމްޕެނީ ބުނި ގޮތުގައި، ހަ ފަހަރު ޔޫރަޕްގެ ތަށި ހޯދާފައިވާ ބަޔާން އިން ފައިނަލަށް ދިއުމަށްޓަކައި އެ ޓީމުގެ ވަރުގަދަ ހަމަލާދިނުމުގެ އުސޫލު ދޫކޮށްނުލާނެއެވެ. އޭނާ ބުނީ ޕީ.އެސް.ޖީ އަކީވެސް އެމީހުންގެ ކުޅުމުގެ ވައްޓަފާޅި ބަދަލުކުރާނެ ބައެއް ނޫން ކަމަށާއި، ބަޔާން އަކީ ޔޫރަޕްގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ޓީމަށްވާއިރު، ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
މިމެޗާއި ބެހޭގޮތުން ބަޔާން މިއުނިކްގެ ޖޯޝުއާ ކިމިކް ބުނީ "އަހަރެމެން މޮޅުވާންޖެހޭ" ކަމަށެވެ.
ބުންޑެސްލީގާގެ ޗެމްޕިއަންކަން މިހާރުވެސް ކަށަވަރުކޮށްފައިވާ ބަޔާން އިން މި ސީޒަނުގައި 32 މެޗުން 116 ލަނޑު ޖަހާފައިވާއިރު، މިއީ ރެކޯޑް އަދަދެކެވެ. ނަމަވެސް އެ ޓީމުގެ ބަލިފައިވަނީ ފަހަތެވެ. ފަހަކަށް އައިސް ކުޅުނު 6 މެޗުގައި ބަޔާން ކޮޅަށް 16 ލަނޑު ވަދެފައިވެއެވެ. ކިމިކް ބުނި ގޮތުގައި، މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ވިޔަސް، ބޭނުންވަނީ މޮޅުވާށެވެ.
ޕީ.އެސް.ޖީގެ ކޯޗު ލުއިސް އެންރީކޭ އަށް މި މެޗުން މޮޅުވެއްޖެނަމަ، ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފަސްވަނަ ކޯޗަށް ވުމުގެ ފުރުސަތު އޮންނާނެއެވެ. އޭނާ ދެކޭ ގޮތުގައި އެލިއަންޒް އެރީނާގައި ބަޔާން ބަލިކުރުމަށްޓަކައި މަދުވެގެން އިތުރު ތިން ލަނޑު ޖަހަން ޖެހޭނެއެވެ. އެހެންކަމުން ޕީ.އެސް.ޖީގެ އަމާޒަކީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ތާރީޚު ލިޔުމެވެ.
ސެމީ ފައިނަލަށް ޕީއެސްޖީއާއި ބަޔާން ދަތުރުކުރި ގޮތް
ޕީ.އެސް.ޖީ: ލިވަޕޫލް އަތުން އެގްރިގޭޓް 4-0 އިން މޮޅުވެގެން.
ބަޔާން މިއުނިކް: ރެއާލް މެޑްރިޑް އަތުން އެގްރިގޭޓް 6-4 އިން މޮޅުވެގެން.
ކުރިމަތިލުންތަކުގެ ތާރީޚު: މި ދެ ޓީމު މިހާތަނަށް 17 ފަހަރު ބައްދަލުކޮށްފައިވާއިރު، އެއްވެސް މެޗެއް އެއްވަރުވެފައެއް ނުވެއެވެ. ބަޔާން 9 މެޗުން މޮޅުވެފައިވާއިރު، ޕީ.އެސް.ޖީ މޮޅުވީ 8 މެޗުންނެވެ.
މިރޭގެ މެޗް:
ބަޔާން މިއުނިކް:
ގްނަބްރީ އާއި ގަރޭރޯ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބިއިރު، ޒުވާން ތަރި ލެނާޓް ކާލް ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.(ލަފާކުރާ 11: ނޯޔާ، ސްޓެނިސިޗް، އުޕަމެކާނޯ، ތާ، ޑޭވީސް، ކިމިކް، ޕަވްލޮވިޗް، އޮލީސޭ، މުސިއާލާ، ޑިއާޒް، ކޭން)
ޕީ.އެސް.ޖީ:
ކަނާތް ފަޅިން ކުޅޭ މުހިންމު ކުޅުންތެރިޔާ އަޝްރަފް ހަކީމީ އަށް އަނިޔާވުމަކީ ޓީމަށް ލިބުނު ބޮޑު ގެއްލުމެކެވެ. އޭނާގެ ބަދަލުގައި ފެންނާނީ ޒައިރް-އެމެރީ އެވެ.(ލަފާކުރާ 11: ސަފޮނޯވް، ޒައިރް-އެމެރީ، މާކީނިއޯސް، ޕާޗޯ، މެންޑޭޒް، ރޫއިޒް، ވިޓީނިއާ، ނޭވްސް، ދޫއޭ، ޑެމްބޭލޭ، ކްވަރަޓްސްކޭލިއާ)
![މިދިޔަ ހަފުތާގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގެ ތެރެއިން، ބަޔާން މިއުނިކްގެ އަލްފޮންސޯ ޑޭވީސް (ވ) އަތުން ބޯޅަ ހޯދުމަށް ޕީ.އެސް.ޖީގެ އުސްމާން ޑެމްބެލޭ މަސައްކަތް ކުރަނީ. [ފޮޓޯ: އެލެކްސް ގްރިމް/ގެޓީ އިމޭޖަސް]](http://voiceofmeedhoo.com/wp-content/uploads/2026/05/Screenshot_6-5-2026_202428_www.aljazeera.com_.jpeg)
![މިދިޔަ ހަފުތާގައި ޕީ.އެސް.ޖީގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ކްވަރަޓްސްކޭލިއާ (ވ) އާއި ޑެސިރޭ ޑޫއޭ އުފާފާޅުކުރަނީ. [ފޮޓޯ: އޭން-ކްރިސްޓީން ޕޫޖޯލާޓް/އޭ.އެފް.ޕީ]](http://voiceofmeedhoo.com/wp-content/uploads/2026/05/Screenshot_6-5-2026_202442_www.aljazeera.com_-1.jpeg)
![މިދިޔަ ބަންދު ދުވަސްތަކުގައި ހައިޑަންހައިމްއާ ދެކޮޅަށް ކުޅުނު ބުންޑެސްލީގާ މެޗެއްގެ ތެރެއިން ކޮމްޕެނީ އިރުޝާދުދެނީ. [ފޮޓޯ: އެންޖެލިކާ ވަރމޫތު/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/05/Screenshot_6-5-2026_202457_www.aljazeera.com_.jpeg)
![2 މެއި 2026 ގައި އެފް.ސީ ލޯރިއަންޓާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ލުއިސް އެންރީކޭ އިޝާރާތެއް ކުރަނީ. [ފޮޓޯ: އޭ.އެފް.ޕީ]](http://voiceofmeedhoo.com/wp-content/uploads/2026/05/Screenshot_6-5-2026_202510_www.aljazeera.com_.jpeg)
![ބަޔާން މިއުނިކްގެ ހެރީ ކޭން އާއި ޕީ.އެސް.ޖީގެ މާކީނިއޯސް މެޗުގެ ތެރެއިން ފެންނަ މަންޒަރެއް [ސާރާ މެއިސޯނިއޭ/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/05/Screenshot_6-5-2026_202522_www.aljazeera.com_.jpeg)
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

