މައިކަލް އާޓެޓާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އާސެނަލް އިން ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ، އެމިރޭޓްސް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ސަކާ ޖެހި ގޯލުންނެވެ.
މިދިޔަ ހަފުތާގައި މެޑްރިޑްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 އިން އެއްވަރުވެފައި އޮތުމާއެކު، ސަކާގެ މިލަނޑާއެކު އެގްރިގޭޓް ނަތީޖާ 2-1 އިން ކުރިހޯދައި އާސެނަލް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.
މިމެޗުގެ ކުރީކޮޅު އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް އާއި ގިއުލިއާނޯ ސިމިއޯނީއަށް ލިބުނު ފުރުސަތުތައް ދިފާއުކޮށް އާސެނަލް އިން މިމެޗްގައި ކާމިޔާބުކުރި ލަނޑު 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަކާ އެވެ. މިލަނޑަކީ ވިކްޓަ ގިއޮކެރެސް ދިން ބޯޅައަކުން ލިއަންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާ އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލަކް އަތުގައި ޖެހިފައި ނުކުތް ވަގުތު، ސަކާ ވަރަށް ހުޝިޔާރުކަމާއެކު އެ ބޯޅަ ގޯލަށް ވައްދާލާއިގެން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މެޗުގެ ފަހު ހާފުގައިވެސް އެތުލެޓިކޯއިން ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އާސެނަލްގެ ޑިފެންޑަރު ގަބްރިއަލް މަގަޅޭސް އާއި ކީޕަރު ޑޭވިޑް ރާޔާ ވަނީ ހުށިޔާރުކަމާއެކު އެތުލެޓިކޯގެ އެ ހަމަލާތައް ދިފާއުކޮށްފަ އެވެ.
އާޓެޓާ ދާދި ފަހުން ހާމަކުރި ގޮތުގައި، އޭނާ ކްލަބާ ހަވާލުވި ދަތި ދުވަސްވަރުވެސް އާސެނަލް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާނެ ކަމަށް އޭނާ ތަސައްވަރު ކުރިއެވެ. އެހެންކަމުން މިހާރު އޭނާ އެ ހުވަފެން ހަގީގަތަކަށް ހެދުމާ އެންމެ މޮޅަކާ ގާތަށް ވަނީ ޖެހިލާފަ އެވެ.
މޭ މަހުގެ 30 ވަނަ ދުވަހު ބުޑަޕެސްޓްގައި ކުޅޭ ފައިނަލް މެޗުގައި އާސެނަލް ބައްދަލުކުރާނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ނުވަތަ ބަޔާން މިއުނިކާ އެވެ. މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި އާސެނަލް ބަލިކުރި ޕީއެސްޖީ، ބުދަ ދުވަހުގެރޭ މިއުނިކްގައި ކުޅޭ ދެވަނަ ލެގާ ކުރިމަތިލާއިރު އޮތީ 5-4 ގެ ލީޑެއްގަ އެވެ.
މިއީ 2006 ވަނަ އަހަރު ބާސެލޯނާ އަތުން 2-1 އިން ބަލިވި ފައިނަލަށްފަހު، އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އާސެނަލްއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައި ނުވާއިރު، އެ ކްލަބުން ޔޫރަޕްގެ މުބާރާތެއްގައި ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 1994 ވަނަ އަހަރުގެ ކަޕް ވިނާސް ކަޕާއި 1970 ވަނަ އަހަރުގެ އިންޓަ-ސިޓީޒް ފެއާސް ކަޕެވެ.
މި ސީޒަނަކީ އާސެނަލްގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ސީޒަނަށް ވުމުގެ ފުރުސަތު ބޮޑެވެ. އެޓީމުން މިހާރު އަންނަނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް "ޑަބަލް" އެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އާސެނަލްގެ މިހާރުގެ ޖީލުން މި ދެ ތަށި ކާމިޔާބުކޮށްފިނަމަ، 2004 ވަނަ އަހަރު ބަލިނުވެ ލީގު ހޯދި އާސީން ވެންގާގެ "އިންވިންސިބަލްސް" ޓީމަށްވުރެ ވެސް މި ޓީމުގެ ޝަރަފު ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ.
ލީގު ތަށި ހޯދުމަށް އާސެނަލަށް މިހާރު ބާކީ އޮތީ އެންމެ ތިން މެޗެވެ. ވެސްޓް ހޭމް، ބާންލީ އަދި ކްރިސްޓަލް ޕެލަސް އަތުން މޮޅުވެއްޖެނަމަ، އާސެނަލަށް ޕްރިމިއާ ލީގުގެ ތަށި ލިބޭނެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

