ނިމިގެންދިޔަ ކައުންސިލް އިންތިޚާބުގެ ތެރޭގައާއި، ރަށުގެ އެކި ބައްދަލުވުންތަކާއި، ހޮޅުއަށިތަކާއި ކެފޭ ރެސްޓޯރެންޓް ފަދަ އާންމު ތަންތަނުގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ، ބިން ދޫކުރުމުގައި އިންސާފެއް ހަމަހަމަކަމެއް ނެތް ކަމުގެ ވާހަކަތަކެވެ.
ޢާންމު ރައްޔިތުންގެ ތެރޭގައި ދެކެވޭ ގޮތުގައި، ބިންތައް ދޫކޮށްފައިވަނީ އެކަމަށް ޙައްޤުވާ ފަރާތްތަކަށް ބެލުމެއް ނެތި، އެކުވެރިންނާއި ގާތްތިމާގެ މީހުންނަށް އިސްކަންދީގެންނެވެ. މިއީ އިޖުތިމާޢީ ޢަދާލަތު ގެއްލި، ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމެކެވެ.
އަލަށް އިންތިޚާބުވި ކައުންސިލުން އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކަމަކީ، ގަވާއިދާ ޚިލާފަށް ބިން ދޫކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގެ ޙަޤީޤަތް ބެލުމެވެ. ބިންތައް ދޫކޮށްފައިވާ ގޮތުގެ ފުރިހަމަ އޮޑިޓެއް ހަދައި، އެކަމުގައި ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާނަމަ، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ކައުންސިލުގެ ޒިންމާއެކެވެ.
މީގެ އިތުރުން، ގަވާއިދާ ޚިލާފަށް އަދި ކައުންސިލަށް ދައްކަންޖެހޭ ކުލި ނުދައްކާ ގިނަ ދުވަސްތަކެއް ވަންދެން ބިން ބޭނުންކުރަމުންދާ ފަރާތްތައް ތިބިކަމުގެ މަޢުލޫމާތު ލިބެމުންދެއެވެ. މިއީ ކައުންސިލަށް ލިބެންޖެހޭ އާމްދަނީއަށް އުނިކަން އަންނަ، އަދި ނުފޫޒުގެ ބޭނުންކޮށްގެން ހިންގާ ބޮޑު ޖަރީމާއެކެވެ. މިފަދަ މައްސަލަތައްވެސް ވަކިވަކިން ބަލައި، ބިންތައް އަތުލުމާއި ބަދަލު ހޯދުމުގެ މަސައްކަތް ކުރަންޖެހެއެވެ.
ބިންތަކުގެ މައްސަލަ ބަލާއިރު، އެފަރާތްތަކަކީ މިހާރު އިންތިޚާބުވެފައި ތިއްބެވި ކައުންސިލަރުންނަށް ވޯޓު ދިން މީހުން ކަމުގައި ވީނަމަވެސް، އެކަމަށް ބެލުމެއް ނެތި އިންސާފު ގާއިމުކުރަން ޖެހެއެވެ. ވަކި މީހަކަށް ވީތީ ނުވަތަ ސިޔާސީ ގޮތުން ތާއީދުކުރާ މީހަކަށް ވީތީ، ގަވާއިދާ ޚިލާފަށް ކުރާ ކަންކަމަށް ފުރުޞަތު ދިނުމަކީ ކައުންސިލުން ކޮށްގެންވާނެ ކަމެއް ނޫނެވެ.
ރަށުގެ ބިމުގެ މައްސަލަތަކަކީ ރައްޔިތުންގެ އިތުބާރާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން، ބިން ދޫކުރުމުގައި ހިނގާފައިވާ ނޭދެވޭ ކަންކަންތަކެއް ވާނަމަ އެކަން ބަލައި އިޞްލާޙުކޮށް، ހަމަހަމަކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަކީ ރަށުގެ ތަރައްޤީއަށާއި އިޖުތިމާޢީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

