ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުން ފަސްކުރުމަށްފަހު، "އިންޓެރިމް އެރޭންޖްމަންޓެއް" ނުވަތަ އިންތިގާލީ އިންތިޒާމެއްގެ ދަށުން ޕާޓީ ހިންގުމަށް ހުށަހެޅިފައިވާ ހުށަހެޅުމާ އެކު، އެ މަގާމާ ވަގުތީގޮތުން ހަވާލުވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގައި، މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ، ރިޔާސީ ޕްރައިމަރީއާ ހިސާބަށް ޕާޓީގެ ހިންގުން ނަޝީދާ ހަވާލުކުރަން ފެންނަ ކަމަށް ވިދާޅުވުމުން، ނަޝީދު ވަނީ ގައުމީ މަޖިލީހުން އެދޭ ނަމަ އެކަމާ ހަވާލުވެވަޑައިގަތުމަށް އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދުގެ މި އިސްނެންގެވުން އައިސްފައިވަނީ، ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމަށާއި މާލީ ދަތިކަމުން އަރައިގަތުމަށްޓަކައި އިންތިހާބު ފަސްކުރަން މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) ހުށަހެޅުއްވި ދަނޑިވަޅެއްގަ އެވެ.
ވަގުތީ ޗެއާޕާސަން ގަފޫރު ވިދާޅުވި ގޮތުގައި، ދައުލަތުން ޕާޓީއަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އިންތިހާބު ބޭއްވުމަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. ނަމަވެސް، އިންތިހާބު ފަސްކުރުމުގެ މި ހިޔާލަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ހަރުކަށިކޮށް ދެކޮޅު ހައްދަވާފަ އެވެ. މީކާއީލް ވިދާޅުވީ މިއީ އޭނާވެސް އަދި ޕާޓީގެ އާންމު މެންބަރުންވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން، ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފުވެސް ވަނީ އޭނާއަށް އެންގުމެއް ނެތި އިންތިހާބާ ގުޅޭ ނިންމުންތައް ނިންމުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ، މިހާރުގެ އިއުލާނާއި ޓައިމްލައިން ބާތިލުކުރުމަށް އަންގަވާފަ އެވެ.
މި މައްސަލާގައި ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެފައިވާއިރު، އާންމު މެންބަރުން ދަނީ ޕާޓީގެ ބަޖެޓުގައި ފައިސާ ނެތް ކަމަށް ބުނާ ބުނުމަށް ފާޑުކިޔައި، މީސްމީޑިއާގައި އަމިއްލައަށް ފަންޑު ހޯދުމުގެ ހަރަކާތްތަކެއް ހިންގަމުންނެވެ. ރަސްމީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެކަނިވެސް އެމްޑީޕީއަށް ދައުލަތުން 8.45 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު ޖުމްލަ 17.7 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ ޕާޓީއަށް ލިބިފައިވެ އެވެ.
މިފަހަރުގެ އިންތިހާބު ފަސްކޮށްފި ނަމަ، މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ އިންތިހާބު ފަސްކުރާ ދެވަނަ ފަހަރަށް ވާނެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

