އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކިއުބާއާ ދެކޮޅަށް އަޅުއްވާފައިވާ އާ ދަތިކުރުމުގެ ފިޔަވަޅުތައް ކިއުބާ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަން ބަލައިނުގަންނާނެ ކަމަށް ބުނެފިއެވެ.
ކިއުބާ ސަރުކާރުން ބުނާ ގޮތުގައި، މިއީ އެ ގައުމުގެ ރައްޔިތުންނަށް އަދަބު ދިނުމުގެ މަގްސަދުގައި އެމެރިކާއިން އަޅާފައިވާ "މަޖުބޫރުކުރުވުމުގެ ފިޔަވަޅުތަކެކެވެ".
ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކިއުބާގެ ފޮރިން މިނިސްޓަރު ބްރޫނޯ ރޮޑްރިގޭޒް ވިދާޅުވީ، މި ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ އިމުން ބޭރު، އަދި އދ. ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފު ކަންތައްތަކެއް ކަމަށެވެ. އަދި ކިއުބާއާ ދެކޮޅަށް ނުވަތަ ތިންވަނަ ގައުމަކާ ނުވަތަ ޖަމާއަތަކާ ދެކޮޅަށް މިފަދަ ފިޔަވަޅުތައް އެޅުމުގެ އެއްވެސް ހައްގެއް އެމެރިކާއަށް ލިބިގެން ނުވާ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
"އެމެރިކާ ސަރުކާރުން އެ ގައުމުގެ މަގުތަކުގައި އަމިއްލަ ރައްޔިތުންނަށް އަނިޔާވެރިވަމުންދާއިރު، އެމެރިކާގެ އިސްތިއުމާރީ ހަމަލާތަކަށް ހިތްވަރާއެކު ކުރިމަތިލަމުންދާ އަޅުގަނޑުމެންގެ ރައްޔިތުންނަށް އަދަބު ދިނުމަށް އެ ގައުމުން ދަނީ މަސައްކަތް ކުރަމުން،" ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
ކިއުބާގެ މިނިސްޓަރުގެ މި ވާހަކަތައް އައީ، ކެރީބިއަންގެ މި ޖަޒީރާ ގައުމާ މެދު ގެންގުޅޭ ސިޔާސަތުތައް އެމެރިކާއިން އިތުރަށް ހަރުކަށި ކުރާނެ ކަމުގެ އިޝާރާތެއް ވައިޓް ހައުސްއިން ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ވައިޓް ހައުސްގެ ދެ އޮފިޝަލަކު ބުނި ގޮތުގައި، ހުކުރު ދުވަހުގެ ޓްރަމްޕް ވަނީ ކިއުބާ ސަރުކާރަށް ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކުރުމުގެ ރިޔާސީ އަމުރެއް ނެރުއްވާފައެވެ. މިއީ މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ބާރުތަކުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް ފަހު "ދެން އޮތީ ކިއުބާ" ކަމަށް ބުނެ ޓްރަމްޕް ދެއްވި އިންޒާރަށް ފަހު، ހަވާނާއަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ވޮޝިންޓަނުން ކުރަމުންދާ މަސައްކަތެކެވެ.
މި އާ ފިޔަވަޅުތަކުގެ އަސަރު ކުރާނީ ސީދާ ކޮން ފަރުދުންނަކަށް ނުވަތަ ކޮން ޖަމާއަތްތަކަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް، ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި، އެއްވެސް ހެއްކެއް ދެއްކުމެއް ނެތި ބުނެފައިވަނީ، ލުބުނާނުގެ ހިޒްބުالله ފަދަ ބައިނަލްއަގުވާމީ ހަތިޔާރު އެޅި ޖަމާއަތްތަކަށް ކިއުބާއަކީ "ރައްކާތެރި މަންޒިލެއް" ކަމަށެވެ.
ޓްރަމްޕްގެ ސަރުކާރުން ދާދި ފަހުން ވަނީ އިގްތިސާދީ ފިއްތުންތަކުގެ އިތުރުން ކިއުބާއަށް އަސްކަރީ ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. މިއަހަރުގެ ކުރީކޮޅު ޓްރަމްޕް ވަނީ ކިއުބާ ސަރުކާރުގެ ފަރާތުން ކުރިމަތިވާ "އާދަޔާ ހިލާފު އަދި ބޮޑު ނުރައްކަލަކަށް" ކުރިމަތިލުމަށްޓަކައި ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައެވެ.
ޓްރަމްޕްގެ މި ފިޔަވަޅުތަކުގެ ސަބަބުން، ކިއުބާއަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ތެޔޮ ފޯރުކޮށްދޭ ކޮންމެ ގައުމަކަށް އިތުރު ޓެކްސްތަކެއް ނެގޭނެ މަގު ތަނަވަސްވެގެން ދިޔައެވެ. މީގެ ސަބަބުން އެ ގައުމަށް ތެޔޮ ލިބުން ހުއްޓި، ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ވަނީ އިންތިހާއަށް ދަތިވެފައެވެ. ތެލުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ހުރަސް އެޅި، މުޅި ގައުމުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި ހަފުތާގެ ކުރީކޮޅު، ކޮންގްރެސްގެ ހުއްދަ ނެތި ކިއުބާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުން ޓްރަމްޕަށް މަނާކުރުމަށް ހުށަހެޅި ގަރާރެއް އެމެރިކާގެ ސެނެޓުން ވަނީ ބޭރުކޮށްލާފައެވެ. ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ސެނެޓުން މި ގަރާރާ ދެކޮޅަށް ވޯޓު ދިނީ 51 ވޯޓު 47 ވޯޓުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

