އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް 60 ދުވަސް ފުރުމަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެކެވެ. އެ ބޭފުޅުންނަށް އޮތީ ދެ ގޮތެކެވެ. އެއީ، ހަނގުރާމައަށް ތާއީދުކޮށް ނުވަތަ ދެކޮޅު ހަދައި އެ ބޭފުޅުންގެ ބާރުގެ ބޭނުންކުރުން ނުވަތަ އެއްޗެކޭ ނުބުނެ ހަނު ތިއްބެވުމެވެ.
ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި، މިއީ ގާނޫނީ ގޮތުން ބަލާއިރު މެންބަރުން ޖަވާބުދާރީވާން ނުޖެހި ސަލާމަތްވެވޭނެ ސުވާލެއް ނޫނެވެ.
އެމެރިކާގެ ގާނޫނުއަސާސީން ރައީސަށް ލިބިދޭ ހަނގުރާމަ ކުރުމުގެ ބާރުތައް ވަނީ ހަނިކޮށްފައެވެ. 1973 ވަނަ އަހަރު ފާސްކުރި "ވޯ ޕަވާސް އެކްޓް" (War Powers Act) ގައި ބަޔާންކޮށްފައިވާ ގޮތުން، ރައީސަކު އަސްކަރީ ހަރަކާތެއް ފަށާތާ 60 ދުވަސްވުމުން، އެކަން ކުރިއަށް ގެންދިއުމަށް ކޮންގްރެސްގެ ހުއްދަ ހޯދަންޖެހެއެވެ. ހުއްދަ ނުލިބިއްޖެ ނަމަ، އެ ހަރަކާތެއް ހުއްޓާލަން ޖެހޭނެއެވެ.
ނަމަވެސް، "ޕްރޮޖެކްޓް އޮން ގަވަމެންޓް އޯވަސައިޓް" (POGO) ގެ ކޮންސްޓިޓިއުޝަން ޕްރޮޖެކްޓްގެ އެކްޓިންގ ޑައިރެކްޓަރ ޑޭވިޑް ޖަނޯވްސްކީ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ރައީސުން ގެންދަވަނީ އެ ބޭފުޅުންގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައި، 60 ދުވަހުގެ މުއްދަތު ހަމަވުމުންވެސް ހަނގުރާމަ ކުރިއަށް ގެންދަވަމުންނެވެ. އަދި މިފަދަ ހާލަތްތަކުގައި ކޮންގްރެސް އިން މާ ބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަސްކަރީ ކުރިމަތިލުންތަކުގެ މައްސަލަތަކުގެ ތެރެއަށް ފެޑަރަލް ކޯޓުތަކުން ވަނުމަށް ތާރީޚީ ގޮތުން އިންކާރުކުރާތީ، މި މުއްދަތު ހަމަވުމުން ދެން ވާނެ ގޮތެއް އަދި ސާފެއް ނޫނެވެ.
މި މުއްދަތު ހަމަވާނީ މިއަދު ( މެއި މަހުގެ 1 ) ވަނަ ދުވަހަށެވެ. އެއީ ފެބްރުއަރީ 28 ގައި ފެށި މި ހަމަލާތަކާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ކޮންގްރެސްއަށް ރަސްމީކޮށް "އަންގާފައިވާ" ތާރީޚުން ފެށިގެން 60 ދުވަސް ހަމަވާ ތާރީޚެވެ.
މެންބަރުންނަށް އޮތް ސުވާލަކީ، މި ކަމުގެ ޒިންމާ އެ ބޭފުޅުން ނަންގަވާނީތޯ ނުވަތަ ނޫންތޯއެވެ؟
ކޮންގްރެސް އިން ފިޔަވަޅެއް އަޅާނެބާ؟
ކޮންގްރެސްގެ ސިޔާސީ އިސްވެރިން މިހާތަނަށް މިކަމުގައި އަމަލުކުރާނެ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.
ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަގުލަބިއްޔަތު އޮތް ރިޕަބްލިކަން ޕާޓީން ވަނީ، ޓްރަމްޕްގެ އަސްކަރީ ބާރުތައް ހަނިކުރުމަށް ހުށަހެޅި ގިނަ ގަރާރުތަކެއް މިހާތަނަށް ބޭރުކޮށްލާފައެވެ. މަދު މެންބަރަކު ޑިމޮކްރެޓުންނާ ގުޅިގެން ދެކޮޅުވެރިކަން ފާޅުކުރި ނަމަވެސް، ގިނަ ރިޕަބްލިކަން މެންބަރުން ތިއްބެވީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ފާޅުގައި ދެކޮޅު ނުހަދައި އެއްބައިވަންތަކަމާއެކުގައެވެ.
ސެނެޓުގެ މެޖޯރިޓީ ލީޑަރު ޖޯން ތޫން އާއި އާމްޑް ސާވިސަސް ކޮމިޓީގެ މުގައްރިރު ޖޭމްސް ރިޝް ވެސް މި ހަނގުރާމައަށް ހުއްދަ ދިނުމުގެ ބިލެއް ހުށަހަޅާނެ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ދެއްވާފައެއް ނުވެއެވެ. މިފަދަ ބިލަކަށް ވޯޓަށް އެހުމަކީ، މި ހަނގުރާމައަށް ރަސްމީކޮށް ތާއީދުކުރަން ނުވަތަ ނޫންކަން ނިންމަން މެންބަރުންނަށް މަޖުބޫރުވާނެ ފުރަތަމަ ފަހަރެވެ.
ކޮންގްރެސް އިން ފިޔަވަޅެއް އެޅިކަމުގައިވިޔަސް ނުވަތަ ނޫނަސް، 60 ދުވަސް ހަމަވާ ތާރީޚަކީ ވަރަށް މުހިންމު ދުވަހެކެވެ. ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި، އެއަށްފަހު ކުރިއަށްދާ ހަނގުރާމައަކީ "ވޯ ޕަވާސް އެކްޓް" ގެ ދަށުން ކަނޑައެޅިގެން ޣައިރު ގާނޫނީ ހަރަކާތަކަށް ވާނެއެވެ.
ޖަނޯވްސްކީ ވިދާޅުވި ގޮތުގައި، ކޮންގްރެސް އިން ކޮންމެ ގޮތަކަށް އަމަލުކުރި ނަމަވެސް، މުއްދަތު ހަމަވުމުން ހަނގުރާމަ ހުއްޓާލުމުގެ ޒިންމާ އޮތީ ރައީސް ޓްރަމްޕްގެ އިސްތަށިފުޅުގައެވެ. އެހެން ނޫން ނަމަ، ފެޑަރަލް ކޯޓުގައި އެކަމާ ގުޅޭގޮތުން ގާނޫނީ ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ. އެކަމަކު ކޯޓުތަކުން މިކަމަށް ފިޔަވަޅެއް ނާޅައި، ކޮންގްރެސް ވެސް ހަނު އޮވެއްޖެ ނަމަ، ގާނޫނީ ގޮތުން ހުއްދަ ނޫން ހާލަތެއްގައިވެސް ހަނގުރާމަ މުއްދަތެއް ނެތް ގޮތަށް ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
ރިޕަބްލިކަން ޕާޓީގެ ތެރޭގައި އޮތް ބައިބައިވުން
މި މުއްދަތު މެއިމަހުގެ އެއްވަނަ ދުވަހަށް ހަމަވާއިރު ރިޕަބްލިކަން މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުރިކަން ވަނީ ހާމަވެފައެވެ. ސެނެޓަރު ތޮމް ޓިލިސް އާއި ސޫޒަން ކޮލިންސް ފަދަ ބައެއް ބޭފުޅުން ވަނީ މެއި 1 ގެ ފަހުން އިތުރު އަސްކަރީ ހަރަކާތްތަކަށް ވޯޓު ނުދެއްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ނަމަވެސް ސެނެޓަރު ލީސާ މުރްކޯވްސްކީ ގެންދަވަނީ ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ހުއްދަ (AUMF) ދިނުމާ ގުޅޭ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެމެރިކާއިން ކުރަމުންދާ ހަނގުރާމަތަކުގައި އާންމުކޮށް ބޭނުންކުރާ ގޮތެކެވެ.
"ދި އެމެރިކަން ކޮންޒަވޭޓިވް" ގެ ސީނިއަރ އެޑިޓަރ އެންޑްރޫ ޑޭ ވިދާޅުވާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ސިޔާސީ ގޮތުން ލިބިދާނެ ބޮޑު ގެއްލުމަކަށް ރިޕަބްލިކަން މެންބަރުން ސިއްރިއްޔާތުގައި ކަންބޮޑުވެއެވެ. ޚާއްސަކޮށް ނޮވެމްބަރު މަހު އޮންނަ އިންތިޚާބަށް މީގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވައެވެ. އިގްތިސާދީ ގޮތުން ކުރިމަތިވަމުންދާ ދަތިތަކުގެ ސަބަބުން، 2024 ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕަށް ތާއީދުކުރި ބައެއް ފަރާތްތަކުގެ އިތުބާރު މިހާރު ވަނީ ކުޑަވާން ފަށާފައެވެ.
ހަނގުރާމަޔާ މެދު ސިޔާސީ ގޮތުން ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އެކަން ކޮންގްރެސްގެ ރަސްމީ ނިންމުމަކަށް ބަދަލުވުމަކީ ދުރު ކަމެކެވެ. ގިނަ މެންބަރުން ބޭނުންވަނީ ޓްރަމްޕާ ފާޅުގައި ދެކޮޅުވުމުގެ ބަދަލުގައި، ސިއްރިއްޔާތުގައި ސަރުކާރަށް ނުފޫޒު ފޯރުވައިގެން މައްސަލަ ހައްލުކުރުމަށެވެ. އެ ބޭފުޅުން ޓްރަމްޕްގެ ރުޅިވެރިކަމާ ކުރިމަތިލާން ބޭނުންނުވާ ކަމަށް އެންޑްރޫ ޑޭ ފާހަގަކުރެއްވިއެވެ.
ހާލަތު ގޯސްވުން؟
ރައީސުން މީގެ ކުރިން ވެސް "ވޯ ޕަވާސް އެކްޓް" ގެ ދަށުން ކޮންގްރެސްގެ ހުއްދަ ހޯދުމުން ބަރީއަވުމަށްޓަކައި، އެ ބޭފުޅުން ކުރައްވާ އަސްކަރީ ކަންކަމަކީ "ހަނގުރާމައެއް" ނޫން ކަމަށް ބުނެ އެކި ބަހަނާތައް ދައްކަވާފައިވެއެވެ. މިސާލަކަށް ބިލް ކްލިންޓަން އާއި ބަރަކް އޮބާމާގެ ވެރިކަމުގައި ވެސް މިފަދަ ކަންކަން ހިނގާފައިވެއެވެ.
ނަމަވެސް، އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 3،300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިއީ އާދައިގެ އަސްކަރީ ހަރަކާތެއްގެ ގޮތުގައި ބެލެވޭނެ ޖާގައެއް ނެތް ކަމަށް ޖަނޯވްސްކީ ވިދާޅުވިއެވެ. ޓްރަމްޕްގެ ސަރުކާރުން ވަނީ އީރާނުގެ އަސްކަރީ ގާބިލްކަން ނައްތާލައި، އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވައި، ވެރިކަން ބަދަލުކުރާނެ ކަމަށް ވައުދުވެފައެވެ.
"މި ހާލަތަށް ކަންތައްތައް ދިޔަ އެއް ސަބަބަކީ، އެތައް އަހަރެއް ވަންދެން ކޮންގްރެސް އާއި ރައްޔިތުން، ރައީސުން އެ ބޭފުޅުންގެ ބާރުގެ އިމުން ބޭރަށް ދާއިރުވެސް އެއްޗެކޭ ނުބުނެ ތިބުން،" ޖަނޯވްސްކީ ވިދާޅުވިއެވެ. "މިއީ ހަނި ދާއިރާއެއްގެ އަސްކަރީ ހަރަކާތެކޭ ބުނެ ފަރުޖެއްސޭކަށް ނެތް. މިއީ ހަމަ ހަނގުރާމައެއް."
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

