ޗެމްޕިއަންސް ލީގުގައި އާސެނަލްއާ ދެކޮޅަށް ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފިއެވެ.
ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ ދަނޑު ކަމަށްވާ ރިޔާދު އެއާ މެޓްރޯޕޮލިޓާނޯގައި ރޭ ކުޅުނު މި މެޗަށް ޓީމު ދަތުރުކުރި ބަހަށް، އެތުލެޓިކޯގެ ސަޕޯޓަރުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މަގުތައް ފުރާލައި، ކުލަގަދަ ފްލެއާސްތައް ބޭނުންކޮށްގެން ސަޕޯޓަރުން އުފާފާޅުކުރަމުން ދިޔަ ނަމަވެސް، މަދު ބައެއްގެ ފަރާތުން ފެނުނު ނުރަނގަޅު އަމަލުތަކެއްގެ ސަބަބުން މުޅި މާހައުލު ހަލަބޮލިވިއެވެ.
ބައެއް ސަޕޯޓަރުން ފުލުހުންނާ ދިމާލަށް އެކި އެއްޗެހި އުކަން ފެށުމާ ގުޅިގެން، މަސްލަހަތު ގާއިމުކުރުމަށް ފުލުހުންނަށް ބާރުގެ ބޭނުންކުރަން މަޖުބޫރުވިއެވެ. ފުލުހުން ފުރަތަމަ ކުރި މަސައްކަތުން ކާމިޔާބު ނުވުމުން، ހަމަނުޖެހުން ހިންގި މީހުން ދުރުކުރުމަށްޓަކައި އެ މީހުންގެ ތެރެއަށް ފުލުހުން ވަދެގަތެވެ. އެހެންނަމަވެސް، އެކަމުން އެދެވޭ ނަތީޖާއެއް ނުފެނުމުން، މީހުންގަނޑު ރޫޅާލުމަށްޓަކައި ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ.
މި ހާދިސާގެ ސަބަބުން، ހަމަނުޖެހުމުގައި އެއްވެސް މިންވަރަކަށް ބައިވެރިނުވާ އާންމު ސަޕޯޓަރުންނަށް ވެސް ކަރުނަ ގޭހުގެ ނޭދެވޭ އަސަރުކޮށް، ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވިއެވެ. މީގެ އިތުރުން، ހާލަތު ކޮންޓްރޯލް ކުރުމަށް އަސްމަތީގައި ތިބި ފުލުހުން ވެސް ހަރަކާތްތެރިވިއެވެ. "ސަން ސްޕޯޓް" އަށް ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބައެއް ސަޕޯޓަރުން ވަނީ އަސްމަތީގައި ތިބި ފުލުހުންނާ ދިމާލަށް ވެސް އެކި އެއްޗެހި އުކާފައެވެ.
ފުލުހުންނަށް ހާލަތު ކޮންޓްރޯލް ކުރެވުނު ނަމަވެސް، މެޗު ނިމުމަށްފަހު އިތުރު ހަމަނުޖެހުމެއް ހިނގައިފާނެތީ ފުލުހުން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.
ދަނޑުން ބޭރުގައި ހިނގި މި ހަމަނުޖެހުންތަކުގެ އިތުރުން، ދަނޑުގެ އެތެރޭގައި ވެސް ކޮންމެވެސް ވަރެއްގެ ހާސްކަމެއް އުފެދުނެވެ. އެއީ މެޗު ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ދަނޑުގެ ވިނަގަނޑު ދިގުވުމުގެ ސަބަބުން ދަނޑު އަލުން ބަލައި ފާސްކުރުމަށް އާސެނަލްއިން ޔޫއެފާގައި އެދުމުންނެވެ. މި ސީޒަނުގައި އެ ދަނޑުގެ ވިނަގަނޑު ވަރަށް ބޮޑަށް ކައްސާލާތީ އާސެނަލްއިން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ޔޫއެފާއިން އެ ހުށަހެޅުން ބަލައެއް ނުގަތެވެ.









ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

