އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ފެށި ފުރަތަމަ އަހަރު އުއްމީދީ ދަތުރެއްގެ ގޮތުގައި ފެނުނު ނަމަވެސް، 2025-26 ވަނަ އަހަރުގެ ސީޒަނަކީ ޗެލްސީއަށް މާޔޫސްކަމާއި ނާކާމިޔާބީގެ އިހުސާސް ކުރަންޖެހުނު ސީޒަނެކެވެ.
ޓީމުގެ އެތެރޭގައި ހުރި ބައެއް ނުތަނަވަސްކަމުގެ ސަބަބުން، އިޓަލީގެ ކޯޗު މަރެސްކާ ވަނީ އޭނާގެ ދެވަނަ ސީޒަނުގެ މެދުތެރެއިން ކުއްލި ގޮތަކަށް މަގާމުން ވަކިވެފައެވެ. އެހެންނަމަވެސް އޭނާއަކީ ޕެޕް ގާޑިއޯލާގެ ފަހުން މެންޗެސްޓަރ ސިޓީއާ ހަވާލުވެދާނެ ކަމަށް ބެލެވޭ ކޯޗެކެވެ.
އަންނަ މަހު އޮންނަ އެފް.އޭ ކަޕް ފައިނަލްގައި ޗެލްސީ ނުކުންނާނީ މިވަގުތު ޕްރިމިއަރ ލީގަށް ވާދަކުރަމުންދާ ސިޓީއާ ދެކޮޅަށެވެ. މިއީ ނާކާމިޔާބު ސީޒަނަކަށްފަހު ޗެލްސީއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިދާނެ ފުރުސަތެކެވެ.
ސަޕޯޓަރުންގެ މެދުގައި ނުރުހުން ބޮޑުވެ، ލަންޑަނުގެ ހުޅަނގުގައި ޗެލްސީއާއި ދެކޮޅަށް މުޒާހަރާތައްވެސް ވަނީ ފެށިފައެވެ. ސަޕޯޓަރުންގެ މި ހިތްހަމަނުޖެހުންތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ ކްލަބުގެ ވެރިމީހާ ބްލޫކޯ އަށެވެ. ކްލަބަށް ބޮޑެތި ޚަރަދުތަކެއް ކުރި ނަމަވެސް އެދެވޭ ނަތީޖާއެއް ނުލިބޭތީ، ޗެލްސީގެ ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި މާޔޫސްވެފައެވެ.
ކްލަބުގެ ހިއްސާދާރު ބެހްދާދު އިގްބާލީ ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި، ކްލަބުގެ ސްޓްރެޓެޖީއަށް ބަދަލެއް ގެންނަން ޖެހިދާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ޗެލްސީން ކުރިއަށްދާނީ ކޮންމެ މިސްރާބަކަށް ކަމުގައިވީ ނަމަވެސް، މިހާރު ޓީމުގައި ތިބި ބައެއް ކުޅުންތެރިންނަކީ ފަސް ފަހަރު ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައިވާ މިފަދަ ޝަރަފުވެރި ކްލަބެއްގެ ޖާރޒީގައި ފެންނަންވާނެ ބައެއް ނޫންކަމަށް ބައެއްފަރާތްތަކުން ދަނީ ބުނަމުންނެވެ.
މި ސީޒަނުގައި ލޯނު އުސޫލުން އެހެން ކްލަބުތަކަށް ކުޅުނު ކުޅުންތެރިން (މިސާލަކަށް ނިކޮލަސް ޖެކްސަން) ނުހިމަނައި، ކުރިއަށް އޮތް ހޫނު މޫސުމުގައި ޗެލްސީން ވަކިކުރަންޖެހޭކަމަށް އިގިރޭސި މީޑިއާތަކުން ފާހަގަ ކޮށްފައިވާ ހަ ކުޅުންތެރިން ތިރީގައި އެވަނީއެވެ.
- ރޮބާޓް ސަންޗޭޒް

ތަފާސްހިސާބުތަކަށް ބަލާއިރު، ރޮބާޓް ސަންޗޭޒް މި ފަހަރުގެ ޕްރިމިއަރ ލީގުގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. އޭނާއަކީ ޓީމަށް އޮތް މައްސަލައެއް ކަމަށް ބުނެވޭނެ މާ ބޮޑު ސަބަބެއް ނެތް ނަމަވެސް، ފުރުސަތު ލިބުނު އެންމެ އަވަހަކަށް އޭނާ ދޫކޮށްލަންޖެހޭ ކުޅުންތެރީންގެ ތެރޭގައި މިކުޅުންތެރިޔާ ވަނީހިމެނިފައެވެ.
އެފް.އޭ ކަޕް ސެމީ ފައިނަލްގައި ލީޑްސް ޔުނައިޓެޑް އަތުން މޮޅުވި މެޗުގައި އޭނާގެ މުހިންމުކަން ދެއްކިއެވެ. ބައެއް ފަހަރު އޭނާ ދައްކާ ކުޅުމުގެ ސަބަބުން އޭނާއަކީ ދާއިމީކޮށް ޓީމުގެ ގޯލު ބަލަހައްޓަން އެންމެ ރަނގަޅު މީހާ ކަމަށް ގަބޫލުކުރެވޭ ފަހަރުވެސް އާދެއެވެ. ނަމަވެސް، އޭނާއަށްވުރެ މާ މޮޅު ކީޕަރުން ހޯދަންޖެހޭކަމަށް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.
ސަންޗޭޒްގެ އަތުން ބޯޅަ ގެއްލުމާއި ހެދޭ ކުޑަކުޑަ ގޯސްތަކުގެ ސަބަބުން ޓީމަށް ނުރައްކާތަކާ ކުރިމަތިވެއެވެ. އޭނާއަކީ ދެރަ ކީޕަރެއް ނޫނެވެ. އެހެން ކްލަބެއްގައި އޭނާއަށް ފުރުސަތު ލިބިދާނެއެވެ. ނަމަވެސް ޗެލްސީގެ އަމާޒުތައް ހުރީ މާ މަތީގައެވެ. މައިކް މައިނިއަން ފަދަ ކީޕަރެއް ލިބެން އޮތް ނަމަ، ސަންޗޭޒް ބެހެއްޓުމުގެ ބޭނުމެއް ނެތްކަމަށްވެސް މީޑިއާތަކުން ދަނީބުނަމުންނެވެ.
- ވެސްލީ ފޮފާނާ

2022 ވަނަ އަހަރު ލެސްޓަރ ސިޓީން ފޮފާނާ ގެނައުމަށް ޗެލްސީން 70 މިލިއަން ޕައުންޑް ޚަރަދުކުރިއެވެ. ނަމަވެސް އޭނާއަކީ އެ އަގާ އެއްވަރުގެ ކުޅުންތެރިއެއްކަން އަދި ސާބިތުކޮށްދެވިފައެއް ނުވެއެވެ.
ފޮފާނާ އާއި ވިލިއަމް ސަލީބާ އަކީ އެކުގައި ކުރިއަރައިގެން އައި ދެ ކުޅުންތެރިންނެވެ. އޭރު އެ ދެމީހުންގެ ތެރެއިން މޮޅީ ކާކުތޯ ބޮޑެތި ބަހުސްތަކެއް ކުރެވުނެވެ. ފޮފާނާ ބައެއް ފަހަރު މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ސަލީބާގެ ހުންނަ ފަދަ ސާބިތުކަމެއް އޭނާގެ ކިބަޔަކު ނެތެވެ. އަނިޔާގެ މައްސަލަތަކުގެ ސަބަބުން ޗެލްސީގައި އޭނާއަށް ގިނަ މެޗުތަކެއް ގެއްލުނެވެ. މި ސީޒަނުގައި ފިޓްކޮށް ހުރި ނަމަވެސް، ޑިފެންސް ބެލެހެއްޓުމުގެ ބަދަލުގައި އޭނާގެ ފަރާތުން ފެންނަނީ އެހާ ރަގަޅު ކުޅުމެއް ނޫންކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ. އޭނާއަށްވުރެ ޓްރެވޯ ޗަލޯބާ މާ ބޮޑަށްވެސް ރަނގަޅުކަމަށާ އެހެންކަމުން ރަނގަޅު އަގެއް ލިބޭނަމަ ފޮފާނާ ވިއްކާލުމަކީ ބުއްދިވެރި ގޮތްކަމަށްވެސް އިގިރޭސި މީޑިއާތަކުން ދަނީބުނަމުންނެވެ.
- ބެނޮއިޓް ބާޑިއަޝިލް

ފްރެންޗް ލީގުން ގެނައި އަނެއް ޑިފެންޑަރު ބާޑިއަޝިލް އަކީ ޗެލްސީގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ލިބޭ ކުޅުންތެރިއެއް ނޫނެވެ. މޮނާކޯގެ ކުރީގެ މި ކުޅުންތެރިޔާއަށް ކޯޗު މަރެސްކާގެ އިތުބާރު ހޯދިފައެއް ނުވެއެވެ. އަދި އަނިޔާގެ ސަބަބުން އޭނާގެ ކުޅުމަށްވެސް ވަނީ ހުރަސްތަކެއް އެޅިފައެވެ.
އޭނާއަކީ ހަށިގަނޑުން ވަރުގަދަ، އަދި ބޯޅަ ޕާސްކުރުމުގައި ކުޅަދާނަ ކުޅުންތެރިއެއް ނަމަވެސް، ޗެލްސީގައި އޭނާއަށް ކުރިއަށް ދެވޭކަށް ނެތެވެ. އެހެންކަމުން 25 އަހަރުގެ މި ކުޅުންތެރިޔާ އާ ފުރުސަތެއް ހޯދުމަށް ކްލަބު ބަދަލުކުރުން މާ ރަނގަޅުވާނެއެވެ.
- އަލެހަންދްރޯ ގާނާޗޯ

ޗެލްސީގެ އާ ވެރިން އައިފަހުން ގިނަ އަދަދެއްގެ ވިންގަރުން ވަނީ ޓީމަށް ގެނެސްފައެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ އާދައިގެ ކުޅުންތެރިންނެވެ. ޕެޑްރޯ ނެޓޯ ފަދަ ކުޅުންތެރިން ބައެއް މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ގާނާޗޯ އަކީ ސަޕޯޓަރުންގެ ލޯބި ހޯދަން އުނދަގޫ ކުޅުންތެރިއެކެވެ.
އޭނާގެ ކިބައިގައި ޒުވާން ޖޯޝާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑެވެ. ހުސް ޖާގަތަކުގައި ބޯޅަ ހިފައިގެން ދިއުމަށް އޭނާ ކުޅަދާނައެވެ. ނަމަވެސް، މެންޗެސްޓަރ ޔުނައިޓެޑުން އައި ފަހުން އޭނާގެ ކުޅުމަށް މާ ބޮޑު ކުރިއެރުމެއް އައިސްފައެއް ނުވެއެވެ. މި ސީޒަނުގައި އޭނާ 12 ލަނޑު ޖެހުމުގައި އެހީތެރިވެދިން ނަމަވެސް، އޭގެ ތެރެއިން ގިނަ ލަނޑުތަކަކީ މެޗުގެ ނަތީޖާއަށް މާ ބޮޑު ބަދަލެއް އައި ލަނޑުތަކެއް ނޫނެވެ. އޭނާގެ ހަތް އަހަރުގެ ކޮންޓްރެކްޓެއް އޮތް ނަމަވެސް، އޭނާ ދޫކޮށްލުމަކީ ޗެލްސީއަށް ލިބޭނެ ގެއްލުމެއްނޫންކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ.
- މާކް ގުއީ

ބާސެލޯނާގެ ކުރީގެ ފޯވާޑް މާކް ގުއީ މި ސީޒަނުގައި ސަންޑަލޭންޑަށް ލޯނު އުސޫލުން ދާން އޮތް ނަމަވެސް، ކްލަބަށް ދިމާވި ކުއްލި ހާލަތަކާ ގުޅިގެން އޭނާ މަޑުކުރުވީއެވެ. ޗެލްސީގައި ދެ އަހަރު ހޭދަކުރިއިރު އޭނާއަށް މާ ބޮޑު ކަމެއް ދެއްކިފައެއް ނުވެއެވެ. ބާސެލޯނާއަކީ މާ މޮޅު ކުޅުންތެރިން ފަސޭހައިން ދޫކޮށްލާ ބައެއް ނޫނެވެ. އެހެންކަމުން ގުއީ ވިއްކާލުމުން ބާސެލޯނާ ދެރަވާނެހެނެއް ހީއެއް ނުވެއެވެ. އުމުރުން 20 އަހަރުގެ ގުއީގެ ކެރިއަރު ކުރިއަށް ގެންދަން ބޭނުންނަމަ ޗެލްސީ ނޫން އެހެން ތަނެއް ހޯދަންޖެހެއެވެ.
- ލިއަމް ޑެލަޕް

މަރެސްކާ ވަކިވުމާއެކު، ނިކޮލަސް ޖެކްސަން އަލުން ޗެލްސީގެ ކުރީލައިނަށް އައުމުގެ ފުރުސަތު ބޮޑެވެ. ޖެކްސަން އަކީ ލިއަމް ޑެލަޕަށްވުރެ މާ މޮޅު ކުޅުންތެރިއެއްކަމާމެދު އެންމެންވެސް އެއްބަސްވާނެއެވެ.
ޑެލަޕް ޗެލްސީއާ ގުޅުނީ އިޕްސްވިޗް ޓައުންގައި ދެއްކި މޮޅު ކުޅުމަށްފަހުގައެވެ. ނަމަވެސް އޭނާއަކީ ކައުންޓަރ އެޓޭކުގައި ކުޅޭ ޓީމުތަކަށް މާ ބޮޑަށް ފެތޭ ކުޅުންތެރިއެކެވެ. ޗެލްސީގެ މިހާރުގެ ވެރިން ބޭނުންވަނީ ބޯޅަ ހިފަހައްޓައިގެން ކުޅޭ ސްޓައިލެކެވެ. ޑެލަޕަކީ މި ސްޓައިލަށް ފެތޭ ކުޅުންތެރިއެއް ނޫނެވެ. އޭނާގެ ކިބައިގައި ޗެލްސީ ފަދަ ބޮޑު ކްލަބެއްގެ ފޯވާޑަކަށް ހުންނަންޖެހޭ ފެންވަރު ނެތްކަން މިހާރު ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން އޭނާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތްކަމަށްވެސް އިގިރޭސިމީޑިއާތަކުން ވަނީބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

