ސްޕެނިޝް ލަލީގާއި ސެލްޓަވީގޯ ބަލިކޮށް ބާސެލޯނާއިން އެއްވަނާގައި އޮތް ފަރަގު އަނެއްކާވެސް 9 ޕޮއިންޓަށް އިތުރުކޮށްފިއެވެ.
ބާސެލޯއަށް 9 ޕޮއިންޓްގެ ލީޑެއް މިލިބުނީ ޗެމްޕިއަންސް ލީގުގެ ޖާގައަކަށް މަސައްކަތް ކުރަމުންދާ ސެލްޓާ ވިގޯގެ މައްޗަށް ކުރި ހޯދައިގެންނެވެ. ނަމަވެސް މި މެޗުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދިން ވަގުތު، ބާސާގެ ޒުވާން ތަރި ލަމީން ޔަމާލަށް ވަނީ އަނިޔާވެފައެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުގެ 40 ވަނަ މިނެޓުގައި ޔަމާލް ބާސާއަށް ލިބުނު ޕެނަލްޓީން ލަނޑުޖެހުމަށްފަހު، ވަގުތުން ބެންޗަށް އިޝާރާތްކޮށް އޭނާއަށް އަނިޔާވެފައިވާ ކަމަށް ބުންޏެވެ.
މިޕެނަލްޓީއަކީ ޔަމާލް އެތުލެޓިކޯގެ ޕެނަލްޓީ އޭރިޔާގެ އެތެރެއަށް ވަދެ، ޑެނީ އޮލްމޯއާ އެކު ބޯޅަ ބަދަލުކުރުމަށްފަހު ސެލްޓާގެ ޑިފެންޑަރު ޔޮއެލް ލާގޯ ކައިރިން ނައްޓާލަން މަސައްކަތް ކުރިވަގުތު ލާގޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަން ޓީމުގެ އެހެން ކުޅުންތެރިން ދިޔަ ވަގުތު، ޔަމާލް ބިމުގައި އިށީނދެ އޭނާގެ ވައަތު ފައިގެ ފަހަތުގެ މަސްގަނޑުގައި ހިފަހައްޓައިގެން ދަނޑުގައި އޮށޯއޮތެވެ.
މި އަހަރުގެ ވޯލްޑް ކަޕުގައި ސްޕެއިން ޓީމަށް ނުހަނު މުހިންމުވާނެ މި ކުޅުންތެރިޔާ، ޑޮކްޓަރުން ބެލުމަށްފަހު އަމިއްލައަށް ހިނގާފައި ދަނޑުން ފޭބިއެވެ. އަދި ކޯޗު ހަންސީ ފްލިކްއާ ކުޑަކޮށް ވާހަކަދެއްކުމަށްފަހު ޑްރެސިން ރޫމަށް ދިޔައެވެ.

އުމުރުން 18 އަހަރުގެ ޔަމާލް އަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ސްޕެއިން ތަމްސީލުކުރާނެ އެންމެ އުންމީދީ އެއް ކުޅުންތެރިޔާއެވެ.
މެޗަށްފަހު ބާސާގެ މިޑްފީލްޑަރު ޕެޑްރީ ބުނީ، "އަހަރެމެން ޖެހޭނީ ކޮންމެ މެޗަކުންވެސް މޮޅުވެ، ވީހާވެސް އަވަހަކަށް ލީގު ކަށަވަރުކުރަން. ޔަމާލްގެ އަނިޔާ ސީރިއަސް ނުވާނެ ކަމަށް އުންމީދުކުރަން. މިއަދު ހަދާ ޓެސްޓުތަކުން އެކަން ސާފުވާނެ. އޭނާއަށް އަވަސް ޝިފާއަކަށް އެދެން، އޭނާއަކީ ޒުވާން ކުޅުންތެރިއަކަށްވުމުން އަވަހަށް ރަނގަޅުވާނެ."
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ ކެޓިފަހުން ބާސާ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން އާންމުކޮށް ފެންނަ ވަރުގަދަ ކުޅުމެއް ނުފެނެއެވެ. އޭގެ ސަބަބުން ސެލްޓަވީގޯގެ ނުރައްކާތެރި ހަމަލާތަކާ ބާސެލޯގެ ގޯލްކީޕަރު ކުރިމަތި ލާންޖެހުނެވެ. ބާސާގެ ކީޕަރު ޖޯން ގާސިއާ ވަނީ ސެލްޓާގެ މިހަމަލާތައް ދިފާއުކޮށްފައެވެ.
މި މެޗުގެ ފަހުކޮޅު ބާސާގެ ޓޮރޭޒް ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ރެފްރީ ވަނީ ނިންމިއެވެ.
މި ހަފުތާ ބަންދުގައި ބާސެލޯނާ ނުކުންނާނީ ގެޓާފޭއާ ދެކޮޅަށެވެ. އަދި ރެއާލް މެޑްރިޑް ބައްދަލުކުރާނީ ރިއަލް ބެޓިސްއާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

