އިނގިރޭސި ޕްރިމިއާ ލީގުގައި މެތިއަސް ކޫންޏާ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު ޔުނައިޓެޑުން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ފުރުސަތު ހޯދައިފިއެވެ. ހޮނިހިރު ދުވަހު ޗެލްސީއަތުން ލިބުނު މޮޅާއެކު، ތާވަލުގެ ތިންވަނައިގައި އޮތް ޔުނައިޓެޑާއި ހަވަނައިގައި އޮތް ޗެލްސީއާ ދެމެދު މިހާރު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނީ ލީގު ތާވަލުގެ ގަދަ ފަސް ޓީމަށެވެ.
ނަމަވެސް، ލީގުގައި ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ބަލިވުމާއެކު، އަންނަ ސީޒަނުގައި ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތުން ފުރުސަތު ހޯދުމަށް ޗެލްސީން ކުރަމުން އައި އުންމީދުތައް މިހާރު ވަނީ ފަނޑުވެފައެވެ. މިއާއެކު، އެ ޓީމުގެ ކޯޗުކަމާ ހަވާލުވިތާ އެންމެ ތިން މަސްވީ ލިއަމް ރޮސެނިއޯއަށް ކުރިމަތިވެފައިވާ ޕްރެޝަރު ވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
މި މެޗުގައި ވެސް ޗެލްސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ، އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ޔުނައިޓެޑުގެ ޑިފެންސްލައިނަށް ބޮޑެތި ބަދަލުތަކެއް އައިސްފައި އޮތް ނަމަވެސް، އެކަމުގެ ފައިދާ ނަގައި ލަނޑެއް ޖެހޭނެ ފެންވަރުގެ ފޯވާޑެއް ނެތުމެވެ.
ޔުނައިޓެޑުގެ ކޯޗު މައިކަލް ކެރިކަށް މި މެޗުގައި ޑިފެންސްލައިން އެކުލަވާލަން ޖެހުނީ ތިން ފުލްބެކުންނާއި 19 އަހަރުގެ އައިޑަން ހެވަން ހިމަނައިގެންނެވެ. އެހެންނަމަވެސް، އެ ޓީމުން ވަނީ ޗެލްސީގެ ހަމަލާތައް ހުއްޓުވައި، ރަގަޅު ކުޅުމެއް ދައްކާފައެވެ.
އަނިޔާގެ ސަބަބުން ޗެލްސީގެ އެންމެ ގިނަ ލަނޑު ޖެހި ޖޮއާއޮ ޕެޑްރޯ ނެތްއިރު، މީގެ ކުރިން ޔުނައިޓެޑުން ފާރަލީ ލިއަމް ޑެލަޕަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ނުހިފުނެވެ. ކޯޗު ރޮސެނިއޯ ވަނީ، ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނުމާ ގުޅިގެން ދެ މެޗުގެ ސަސްޕެންޝަނެއްގައި ހުރި އެންޒޯ ފެނާންޑޭޒަށް މި މެޗުގައި އަލުން ފުރުސަތު ދީފައެވެ. ފެނާންޑޭޒް މިމެޗްގައި ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައިރު، އޭނާ ވަނީ މޮޅު ކުޅުމެއް ދައްކަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.
މިމެޗުގެ ހަމައެކަނި ލަނޑު ކޫންޏާ ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ މި ސީޒަނުގައި ބްރޫނޯ ދިން 18 ވަނަ އެސިސްޓެވެ.
ދެވަނަ ހާފުގައި ޗެލްސީން ކުޅުން ރަނގަޅުކުރި ނަމަވެސް، ބަލިވުމުން ސަލާމަތެއް ނުވިއެވެ. ޑެލަޕް ބޮލުން ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ނުސައިރު މަޒްރާއީ ދިފާއުކުރަން އުޅުނު ބޯޅައެއް ވެސް ވަނީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ. މީގެ އިތުރުން، އާ ކޮންޓްރެކްޓެއްގައި ސޮއިކުރި މޮއިސަސް ކައިސޭޑޯ ވެސް ވަނީ ޕޮއިންޓެއް ހޯދައިދޭން ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ.
މެޗު ނިމުނުއިރު ސަޕޯޓަރުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއިރު، ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޗެލްސީއަށް އަންނަ ސީޒަނުގައި އެންމެ ރަނގަޅު ނަތީޖާއަކަށް ވެސް ލިބޭނީ ޔޫރޮޕާ ލީގުގެ ޖާގައެއް ކަމަށް މިހާރު ބެލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

