ޕެނަލްޓީ ޖަހައިގެން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ރެއާލް ސޮސިއެދާދުން ކޮޕާ ޑެލް ރޭގެ ތަށި އުފުލާލައިފިއެވެ. މިއީ އެ ޓީމުގެ އެމެރިކާ ކޯޗު ޕެލެގްރީނޯ މަޓަރާޒޯގެ ކޯޗިން ކެރިއަރުގައި ހޯދި ފުރަތަމަ ބޮޑު ކާމިޔާބީއެވެ.
ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން ވަނީ އެއްވަރު ވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސޮސިއެޑާޑުގެ ގޯލްކީޕަރު އުނާއީ މަރޭރޯ ވަނީ އެތލެޓިކޯގެ، އެލެގްޒެންޑަރ ސޯލޮތް އާއި ހޫލިއަން އަލްވަރޭޒް ފޮނުވާލި ޕެނަލްޓީތައް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ސޮސިއެޑާޑުން މުބާރާތުގެ ތަށި ކަށަވަރުކުރީ 4-3 ގެ ނަތީޖާއަކުން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްގެންނެވެ.
" ކާމިޔާބީއަށް އުންމީދުކޮށް، ކުޅުންތެރިންނަށް އިތުބާރު ކުރި ނަމަވެސް،މިއީ އާދަޔާ ހިލާފު ކާމިޔާބެއް. ޕެނަލްޓީއާއެކު ލިބުނީ ބޮޑު އުފަލެއް، މިކާމިޔާބީގެ އިހުސާސް ބަޔާން ކުރަން ދަތި. "
އުމުރުން 48 އަހަރުގެ ކޯޗު މަޓަރާޒޯ ބުންޏެވެ.
މެޗު ފެށިގެން އެންމެ 14 ސިކުންތުގެ ތެރޭގައި އަންދޭ ބަރެނެޗިއާ ވަނީ ސޮސިއެޑާޑްށް ލީޑު ހޯދައިދީފައެވެ. މިއީ ސްޕެއިންގެ ކަޕް ފައިނަލެއްގެ ތާރީޚުގައި ވެސް މިހާތަނަށް ފެނުނު އެންމެ އަވަސް ގޯލެވެ. އެތުލެޓިކޯއަށް ނަތީޖާ އެއްވަރުކޮށްދިނީ 19 ވަނަ މިނެޓުގައި އަޑެމޯލާ ލުކްމަންއެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން މިކޭލް އޮޔާޒަބާލް ވަނީ އަލުން ސޮސިއެޑާޑަށް ކުރިހޯދައިދީފައެވެ. އެތުލެޓިކޯއިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރީ މެޗުގެ 83 ވަނަ މިނެޓުގައި އަލްވަރޭޒް ކާމިޔާބުކުރި ގޯލުންނެވެ.
މިދިޔަ ޑިސެމްބަރު މަހު މަޓަރާޒޯ ސޮސިއެޑާޑާ ހަވާލުވިއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ ރެލިގޭޝަން ޒޯނާ ވަރަށް ގާތުގައެވެ. ނަމަވެސް އެންމެ ހަތަރު މަސްދުވަހުގެ ތެރޭގައި އޭނާ ވަނީ ޓީމުގެ ނަތީޖާތައް ރަނގަޅުކޮށް، ކޮޕާ ޑެލް ރޭގެ ތަށި ހޯދައިދިނުމުގެ އިތުރުން ލީގު ތާވަލުގެ ކުރީބަޔަށް ޓީމު ގެންގޮސްދީފައެވެ.
މި ނާކާމިޔާބީއަށްފަހު އެތުލެޓިކޯ މެޑްރިޑުން ދެން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ މި މަހުގެ ފަހުކޮޅު އާސެނަލާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށެވެ. އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މެޗުން މޮޅުވާން ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށާއި، ނަމަވެސް ނަތީޖާ ނެރުމުގައި ސޮސިއެޑާޑު މާ ބޮޑަށް ވެސް ހުޝިޔާރު ކަމަށެވެ.
ޕެނަލްޓީ ޝޫޓްއައުޓުގެ ބަތަލު، ކީޕަރު މަރޭރޯ ބުނީ މިއީ އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އަދި ޕެނަލްޓީއާ ހަމައަށް ދިޔައިރު އަމިއްލަ ނަފްސަށާއި ޓީމަށް އޮތް އިތުބާރު ބޮޑު ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ސީޒަނަށްފަހު އެމެރިކާގެ އޯލަންޑޯ ސިޓީއަށް ބަދަލުވާން ހަމަޖެހިފައިވާ އެންޓޮއިން ގްރީޒްމަންގެ އުންމީދަކީ، ސްޕެއިންގައި އޭނާ ހޭދަކުރާ ފަހު ސީޒަން ޗެމްޕިއަންސް ލީގުގެ ކާމިޔާބީއަކާއެކު ނިންމާލުމެވެ. އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކޯކޭ ބުނީ މިއީ ހިތްދަތި ރެއެއް ނަމަވެސް، ދެން އޮތް ބޮޑު މުބާރާތަށް ތައްޔާރުވުމަށް ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ.







ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

