އައްޑޫސިޓީގައި ޑެންގޫ ހުން ފެތުރެމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ސިޓީގެ ހުރިހާ އަވަށެއް ހިމެނޭގޮތަށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ އައްޑޫސިޓީ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ސެކްޝަނުގެ އިރުޝާދުގެ މަތިން، އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި މަސައްކަތް ފެށިފައިވަނީ، ސިޓީގެ އެކި ސަރަހައްދުތަކަށް އުކާލެވިފައިވާ ކުނިތަކުގެ ސަބަބުން މަދިރި އުފެދި، ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން އެކަން ހައްލުކޮށްދިނުމަށް ޕަބްލިކް ހެލްތު ސެކްޝަނުން ކައުންސިލުގައި އެދިފައިވާތީއެވެ.

މިއަދު ކުރިއަށް ގެންދެވުނު ސާފުކުރުމުގެ ޕްރޮގްރާމްގައި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ އެކި ސަރަހައްދުތަކަށް އުކާލެވިފައިވާ ގިނަ އަދަދެއްގެ ކުނި ވަނީ ނަގާފައެވެ. ވަކިން ހާއްސަކޮށް ފެން ހަރުލާ ގޮތަށް ހުރި ތަކެއްޗާއި، މަދިރި އާލާވާ ފަދަ ތަންތަން ސާފުކުރުމަށް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.
މި މަސައްކަތުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި، އަވަށްތަކުގެ ކްލަބް ޖަމްއިއްޔާތަކުގެ މެންބަރުންގެ އިތުރުން، އާންމު ރައްޔިތުންވެސް ވަނީ ވަރަށް ފޯރިއާއެކު ބައިވެރިވެފައެވެ.
އެންމެން ގުޅިގެން ކުރި މި މަސައްކަތުން، މަދު ވަގުތު ކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި ނަގައި، ރަށުގެ ތިމާވެށި ވަނީ ކުރިއަށްވުރެ ބޮޑަށް ސާފުކުރެވިފައެވެ.
އައްޑޫސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މިފަދަ ހަރަކާތްތަކުގެ ސަބަބުން ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އައްޑޫސިޓީގެ އަވަށްތައް ސާފުތާހިރުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

