އަޅުގަނޑު އ.ތ.މ ކޮމެޓީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ނިންމީ، މިއީ ފުލްޓައިމް މަގާމަކަށް ވާއިރު، އިޖްތިމާއީ މަސައްކަތަށް އަޅުގަނޑުގެ ހިތުގައި ހުންނަ ލައްކަ ޝައުގުވެރިކަމުގެ ސަބަބުންނެވެ. ބައެއް ފަރާތްތަކުން މިއީ ސިޔާސީ މަގާމެއް ކަމަށް ވާހަކަ ދައްކަމުން ދިޔަނަމަވެސް، އަޅުގަނޑަށް މި މަސައްކަތް ފެނުނީ އެ ނަޒަރަކުން ނޫނެވެ. އަޅުގަނޑަށް ފެނުނީ މިއީ މުޖުތަމަޢުގެ ތަރައްޤީއަށް ހިދުމަތްކޮށް، ރައްޔިތުންގެ ހަޤީޤީ ބޭނުންތައް ފުއްދައިދެވޭނެ ފުރުސަތެއްގެ ގޮތުގައެވެ.
އެހެންކަމުން، އެންމެ ފުރަތަމަ ދުވަހުއްސުރެ ވެސް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލީމެވެ. ގާނޫނުގެ ތެރެއިން މި ކޮމެޓީއަށް މަތިކުރެވިފައި އޮތް ބާރުތަކަށް އަމިއްލައަށް އަހުލުވެރިވެ، ތަފްސީލީ ތަސައްވުރެއް އެކުލަވާލީމެވެ. ސިޔާސީ ޕާޓީއެއްގެ ލޯގޯއަކަށް ވުރެ، ހިފައިގެން ނިކުންނަ ތަސައްވުރަކަށް ރައްޔިތުން އިތުބާރު ކުރާނެ ކަމަށް ވިސްނީމެވެ. މި ވިސްނުމަކީ އަޅުގަނޑުގެ ކެމްޕޭން ދަތުރުގެ މައިގަނޑު އަސާސެވެ.
ކެމްޕެއިންގެ މިދަތުރުގައި މުޅި ސިޓީގެ 9،000 ވަރަކަށް އާބާދީއާ ހަމަޔަށް ނިކުންނަން ޖެހުނެވެ. މިއީ ފަސޭހަ މަސައްކަތެއް ނޫން ކަމަށް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް، އެންމެ ފުރަތަމަ ފިޔަވަޅުތަކުގައި އަތުގައި ހިފައިގެން ނިކުމެދިން ފަރާތްތަކަށް ހާސް ފަށުން ޝުކުރުވެރިވަމެވެ. އެ ބޭފުޅުންގެ އެހީތެރިކަމާ ނުލައި މި ދަތުރު މިހާ ފުރިހަމައަށް ކުރިއަށް ނުގެންދެވުނީހެވެ.
މިގޮތުން މުޅި ސިޓީގެ 8 އަވަށުގެ ވޯޓް ލެވޭ އާބާދީގެ ލިސްޓްތައް އެކުލަވާލާ މަސައްކަތް ފެށީމެވެ. މި މަސައްކަތުގައި ކޯލްސެންޓަރެއް ނުވަތަ ދެވަނަ މީހަކު މެދުވެރި ނުކޮށް، އަމިއްލަ ފޯނުން 3،000 ވަރަކަށް މީހުންނާ ގުޅާ، ވޯޓަށް އެދުނީމެވެ. ކޮންމެ ގުޅުމެއްގައި ވެސް އަޅުގަނޑުގެ ތަސައްވުރު ހިއްސާކޮށް، މީހުންގެ ހިޔާލުތައް އަޑުއެހީމެވެ. މި މަސައްކަތަކީ ވަރަށް ވަގުތު ނަގާ، ކުޅަދާނަކަން ބޭނުންވާ މަސައްކަތެއް ކަމުގައިވިޔަސް، އެއީ އަޅުގަނޑަށް ލިބުނު އެންމެ އަގުހުރި ތަޖުރިބާއެވެ.
މުޅި ސިޓީގެ ހުރިހާ އަވަށްތައް، ފްލެޓްތައް ވެސް ހިމެނޭހެން، 96% ވުރެ ގިނަ ގެތަކަށް އަމިއްލައަށް ޒިޔާރަތް ކުރީމެވެ. ކޮންމެ ގެއަކަށް ވަދެ، އެ ގޭގެ އަހުލުވެރިންނާ ވާހަކަ ދައްކައި، އެ މީހުންގެ ކަންބޮޑުވުންތައް އަޑުއަހައި، އަޅުގަނޑުގެ ތަސައްވުރު ހިއްސާކުރީމެވެ. މި ދަތުރުތަކުން އަޅުގަނޑަށް ލިބުނު ތަޖުރިބާއަކީ، އަގު ނުކުރެވޭ ވަރުގެ ތަޖުރިބާއެކެވެ.
ސޯޝަލް މީޑިއާގައި އަޅުގަޑު ހިއްސާކުރި ވީޑިއޯތައް، ފިރިމީހާގެ އެހީތެރިކަމާއެކު ވީޑިއޯކޮށް، އަމިއްލައަށް އެޑިޓް ކުރަން އެގެނުމުގެ މިނަވަރަކުން އެޑިޓްކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ދިޔައީމެވެ. ޓެކްނޮލޮޖީގެ ބޭނުން ހިފައި، އަމިއްލަ ހުނަރުތައް ތަރައްޤީކޮށްގެން، ރައްޔިތުންނާ ގުޅުން ބަދަހިކުރުމަކީ، މި ޒަމާނުގައި ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. މީހުންގެ ލޯތްބާއި މަޤްބޫލުކަން، އެ ވިސްނުންތަކަށް ލިބުނު ކަމަށް ދެކެވުނެވެ. ކޮންމެ ލައިކެއް، ކޮންމެ ކޮމެންޓެއް، ކޮންމެ ޝެއާރ އަކީ އަޅުގަނޑަށް ލިބުނު ހިތްވަރެކެވެ.
އެންމެ އުފާވި ކަމަކީ، ގޭގެއަށް ދާދިއުމުގައި، ގޭގޭގެ އަހުލުވެރިން އަޅުގަނޑުގެ މަސައްކަތަށް ހިއްވަރު ދޭ ދިނުމެވެ. ލައްކަ ހާލުގައި ދިރިއުޅޭ މީހުންނާ ވެސް ބައްދަލުވިއެވެ. އެ ވަގުތުން ވަގުތަށް އެ ފަދަ މީހުންގެ ހާލަތު ބަދަލުކޮށް ނުދެވުނަސް، މަގާމާ ހަމަޔަށް އާދެވިއްޖެނަމަ، މަސައްކަތް ބައްޓަންކޮށް، އަންހެނުންނަށް ބާރުވެރިކަން ގެނެސްދިނުމަށް ކުރާނެ ކަންތައްތައް އިތުރަށް ސާފުވިއެވެ.
ސަރުކާރާ ދޭތެރޭ މީހުންގެ ހުރި ކަންބޮޑުވުންތައް އިންތިހާއަށް އަޑުއިވުނެވެ. މި ފަދަ ކޮމެޓީއެއްގެ ތެރެއިން އެންމެ ބޮޑަށް ޒުވާނުންނާ އަންހެނުން ބޭނުންވާ ކަންތައްތައް ހިއްސާކުރިއެވެ. އަންހެނުންނަށް އެއްޗެހި ވިއްކޭނެ އާ މާކެޓްތައް ބޭނުންވެއެވެ. ވަޒީފާ އިންތިހާއަށް ބޭނުންވެއެވެ. އާމްދަނީ ހޯދޭނެ މަސައްކަތްތަކާއި ތަމްރީން ފުރުސަތުތައް، އިންސާފުވެރި އުސޫލުން ބޭނުންވާކަން އެގުނެވެ.
ވިޔަފާރި ނުވަތަ އަމިއްލަ މަސައްކަތް ފަށަން، 15،000 ރުފިޔާގެ ގްރާންޓަށް ވުރެ ބޮޑު އެއްޗެއް ލިބެން ބޭނުންވާކަންވެސް އެގުނެވެ. ކިޔަވަން ބޭނުންވާކަންވެސް އެގުނެވެ. ދަރިމައިވުމުގެ ދަތިތަކަށް އެހީތެރިކަމާ މައުލޫމާތު ބޭނުންވާކަންވެސް އެގުނެވެ. ރަށުގެ ފިރިހެން ކުޅުންތެރިންނަށް ފުރުސަތު ލިބޭނެހެން، އަންހެނުންގެ ކުޅިވަރު މުބާރާތްތައް ބާއްވަން ބޭނުންވާކަންވެސް އެގުނެވެ. ވައި.ޑީ.ޕީ އިތުރަށް ހަރުދަނާކޮށް، ކޯޗިން ފަދަ ތަމްރީންތައް އަންހެނުންނަށް ބޭނުންވާކަންވެސް އެގުނެވެ. ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ ފަދަ ޚިދުމަތްތަކަށް އިންތިހާއަށް ބޭނުންވާކަންއެގުނެވެ.
މިއީ ހައްތަހާވެސް ލިބުނު މައުލޫމާތެވެ. އުންމީދަކަށް ވީ، މި މައުލޫމާތުގެ ބޭނުންކޮށް، ރަނގަޅު އިޖްތިމާއީ މަސައްކަތްތަކެއް ކޮށްދިނުމެވެ. މި މައުލޫމާތުތަކަކީ، އަޅުގަނޑަށް ލިބުނު އެންމެ އަގުހުރި ހަދިޔާއެވެ. މި މައުލޫމާތުތަކުގެ ސަބަބުން، ރައްޔިތުންގެ ހަޤީޤީ ބޭނުންތައް، އެ މީހުންގެ އުންމީދުތައް، އަޅުގަނޑަށް ރަނގަޅަށް ވިސްނުނެވެ.
އަޅުގަޑުގެ މިދަތުރުގައި ބައިވަރު ސިޔާސީ ގޮންޖެހުންތަކާ ދިމާވިއެވެ. އެތެރެއިންނާ ބޭރުންނެވެ. ދޫންޏެއް ވެސް ނުވިއްކަމެވެ. ތިލަފަތެއް ވެސް ނުވިއްކަމެވެ. އަދި ވިއްކީ، އަދި ވިއްކަން ހިތުގައި އޮތީ ވެސް، މި ކޮމެޓީއާ ދޭތެރޭ ގެންގުޅުނު ތަސައްވުރެވެ. މިއާއެކު، މި ކޮމެޓީއަކީ ސިޔާސީ ކޮމެޓީއެއް ކަމަށް ބަޔަކު ދައްކަމުން ދިޔަ މަންޒަރު ބަދަލުކުރަން ވަރަށް ދަތިވިއެވެ. އެކަމުގައި މާބޮޑު ކާމިޔާބެއް ނުވެސް ލިބުނެވެ.
މިކެމްޕޭން ތެރޭގައި ދަރިންނާ އެކު ހޭދަކުރެވޭ ވަގުތު މަދުވެގެން ދިއުމަކީ، އެންމެ ހިތަށް ތުރާވި ވަގުތެވެ. ސަބަބަކީ ކެމްޕޭންގެ މަސައްކަތުގައި ވަރަށް ބޮޑަށް ވަގުތު ހޭދަކުރަން ޖެހުމުން، ދަރިންނާ އެކު ހޭދަކުރެވުނު ވަގުތު މަދުވެގެން ދިޔައެވެ.
ކެމްޕެއިންގެ މިދަތުރުގައި ސިޔާސީ ޕާޓީތަކުގެ ރޫހަކީ ވަރަށް ފާޑެއްގެ އެއްޗެއް ކަން ދަސްވިއެވެ. ކެންޑިޑޭޓް ބަރާބަރެވެ. އެހެންނަމަވެސް، ލޯގޯ ސަކަރާތީއެވެ. ވޯޓް ދިނުމުގައި ބޮޑަށް ވިކެނީ ސިޔާސީ ފިކުރެވެ. ތަސައްވުރާއި ފަހި ވިސްނުންތަކަކީ އަދި މާފަހުގެ ކަމެއްތާއެވެ. މި ޒާތުގެ ކަންތައްތަކުގައި، ގާތްތިމާގެ ކަން ވެސް އޮންނަނީ އެއްކުލަވީމައެވެ.
މި ދަތުރަށް ފަހު، ލައްކަ ގިނަ ރަހްމަތްތެރިންނާއި ހެޔޮއެދޭ މިތުރުން ލިބިއްޖެއެވެ. އިންތިހާއަށް އުފާކުރަމެވެ. އެހެންނަމަވެސް، "ސިޔާސީ" މައިދާނަށް ޓާޓަ އެވެ. އައި އެމް ނޮޓް ކަޓް ފޯ ދިސް އިގޭތޯ އެވެ!
މި ދަތުރުން އަޅުގަނޑަށް ދަސްވި އެންމެ މުހިންމު ފިލާވަޅަކީ، ރައްޔިތުންނާ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމެވެ. ގޭގެއަށް ދާދިއުމުން، އެ މީހުންގެ ހަޤީޤީ ބޭނުންތައް އެނގުނެވެ. އެ މީހުންގެ ކަންބޮޑުވުންތައް އަޑުއެހުނެވެ. މިއީ އަޅުގަނޑަށް ލިބުނު އެންމެ އަގުހުރި ތަޖުރިބާއެވެ.
ދެވަނަ މުހިންމު ފިލާވަޅަކީ، ހިތްވަރު ދެމެހެއްޓުމުގެ މުހިންމުކަމެވެ. ގޮންޖެހުންތައް ހުއްޓަސް ހިތްވަރު ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަތިތަކާ ކުރިމަތިލައި، އެ ދަތިތައް ދަސްކޮށް، ކުރިއަށް ދިއުމަކީ ކާމިޔާބުގެ ސިއްރެވެ.
ތިންވަނަ މުހިންމު ފިލާވަޅަކީ، ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަމެވެ. ސޯޝަލް މީޑިއާގެ ބޭނުންކޮށްގެން، ރައްޔިތުންނާ ގުޅުން ބަދަހިކުރުމަކީ، މި ޒަމާނުގައި ވަރަށް މުހިންމު ކަމެކެވެ. ވީޑިއޯތައް އަމިއްލައަށް އެޑިޓްކޮށް، ހިއްސާކުރުމަކީ، ރައްޔިތުންނާ ގުޅުން ބަދަހިކުރުމުގެ ރަނގަޅު ގޮތެކެވެ.
ހަތަރުވަނަ މުހިންމު ފިލާވަޅަކީ، ޢާއިލާގެ އެއްބާރުލުމުގެ މުހިންމުކަމެވެ. ފިރިމީހާގެ އެހީތެރިކަމާއި ދަރިންގެ ހިތްވަރު، އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. ޢާއިލާގެ އެއްބާރުލުން ނެތި، މި ފަދަ މަސައްކަތެއް ކުރިއަށް ގެންދިއުމަކީ ވަރަށް ދަތި ކަމެކެވެ.
ފަސްވަނަ މުހިންމު ފިލާވަޅަކީ، ހަޤީޤަތް ހާމަކުރުމުގެ މުހިންމުކަމެވެ. ދޮގު ވާހަކަތައް ފެތުރުމަށް މީހުން މަސައްކަތް ކުރިޔަސް، ހަޤީޤަތް ހާމަކޮށް، ރައްޔިތުންނަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
މި ކެމްޕޭން ދަތުރަކީ، އަޅުގަނޑަށް ލިބުނު އެންމެ އަގުހުރި ތަޖުރިބާއެވެ. މި ދަތުރުން ލިބުނު ފިލާވަޅުތަކަކީ، އަޅުގަނޑުގެ ދިރިއުޅުމުގައި ބޭނުންކުރާނެ ފިލާވަޅުތަކެކެވެ. ސިޔާސީ މައިދާނަށް ޓާޓަ ކިޔުނަސް، އިޖްތިމާއީ މަސައްކަތަށް ޓާޓަ ނުކިޔާނަމެވެ.
އަންހެނުންނަށް ބާރުވެރިކަން ގެނެސްދިނުމަށް، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް، ރައްޔިތުންގެ ހަޤީޤީ ބޭނުންތައް ފުއްދައިދިނުމަށް، އަޅުގަނޑު ކުރާނެ މަސައްކަތް ބައިވަރެވެ. މި މަގާމް ނުލިބުނަސް، މި މަސައްކަތް ކުރިއަށް ގެންދަން މަސައްކަތް ކުރާނަމެވެ.
މި ދަތުރުގައި އަޅުގަނޑަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް، ހިތްވަރު ދިން ހުރިހާ ފަރާތްތަކަށް، ވޯޓް ދިން ހުރިހާ ފަރާތްތަކަށް، ހާސް ފަށުން ޝުކުރުވެރިވަމެވެ. ތިޔަ ބޭފުޅުންގެ ލޯތްބާއި މަޤްބޫލުކަމަކީ، އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހަދިޔާއެވެ.
ކުރިއަށް އޮތް ދަތުރުގައި، އިޖްތިމާއީ މަސައްކަތް ކުރިއަށް ގެންދިއުމަށް، އަޅުގަނޑު ވަނީ ތައްޔާރުވެފައެވެ. މި ކެމްޕޭން ދަތުރުން ލިބުނު ތަޖުރިބާއާއި ފިލާވަޅުތަކުގެ ބޭނުންކޮށްގެން، ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދިނުމަށް މަސައްކަތް ކުރާނަމެވެ.
މި ދަތުރަކީ، ނިމުމެއް ނޫނެވެ. މިއީ، އާ ފެށުމެކެވެ. އިޖްތިމާއީ މަސައްކަތުގެ އާ ދަތުރެކެވެ. އަންހެނުންނަށް ބާރުވެރިކަން ގެނެސްދިނުމުގެ އާ ދަތުރެކެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އާ ދަތުރެކެވެ.
މި ދަތުރުގައި، ތިޔަ ބޭފުޅުންގެ އެއްބާރުލުމާއި ހިތްވަރު އަޅުގަނޑަށް ބޭނުންވާނެއެވެ. އެކުގައި މަސައްކަތް ކޮށްގެން، ރައްޔިތުންގެ ހަޤީޤީ ބޭނުންތައް ފުއްދައިދީ، ރަނގަޅު މުޖުތަމަޢެއް ބިނާކުރާނަމެވެ.
ޝުކުރިއްޔާ!
މިލިއުމަކީ ޝިއުމާ އިބްރާހިމް މުސްޠަފާ އެބޭފުޅާގެ ބްލޮގް " https://shiumaaibrahimmusthafa.blogspot.com/2026/04/blog-post.html ގައި ޝާއިއުކޮށްފައިވާ ވަރަށް އިބްރަތްތެރިވާ ވާހަކަތަކެއް- ކޮންމެ ބޭފުޅަކުވެސް މިލިއުން އެއްކޮށް ކިޔާލުމަކީ މުހިއްމުކަމެއްކަމުގައި ދެކެން
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

