ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅޭ ބަޔާން މިއުނިކުން މިރޭ ޗެމްޕިއަންލީގުގައި ރިއަލް މެޑްރިޑާ ދެކޮޅަށް ނުކުންނަނީ ވަރުގަދަ އިތުބާރަކާއެކުގައެވެ.
މިވަގުތު ޔޫރަޕްގެ އެންމެ ފޯމްގައި އޮތް ޓީމުގެ ގޮތުގައި ބެލެވޭ ބަޔާންގެ އެޓޭކް މިރޭގެ މެޗްގައި އިތުރަށް ވަރުގަދަވެގެންދާނީ އަނިޔާއިން ސަލާމަތްވެ، އެޓީމުގެ ތަރި ހެރީ ކޭން އެނބުރި އަންނާނެ ކަމަށް ބެލެވޭތީއެވެ.
މައިކަލް އޮލީސޭ އާއި ލުއިސް ޑިއާޒްގެ އެހީތެރިކަމާއެކު ހެރީ ކޭން އިސްވެ ހުރެ ކުރިއަށްދާ ބަޔާންގެ އެޓޭކަކީ، ވަރަށް ބާރު ސްޕީޑުގައި އިދިކޮޅު ޓީމަށް ޕްރެޝަރު ކުރާ "ހައި-ޕްރެސިންގް" ސްޓައިލެކެވެ. މި ވައްޓަފާޅީގެ އެހީގައި އެޓީމުން ވަނީ މުބާރާތުގެ ގަދަ 16 ގައި އެޓަލާންޓާގެ މައްޗަށް 10-2 ގެ ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ.
މިދިޔަ ހަފުތާ ބަންދުގައި ފްރައިބާގް އަތުން ދެ ލަނޑުން ފަހަތުގައި އޮވެ ބަޔާން މޮޅުވިއިރު، އެ މެޗުގެ މޮޅުވި ލަނޑު ޖަހައިދިން ލެނާޓް ކާލް ބުނީ، މެޑްރިޑާ ދެކޮޅަށް ނުކުންނައިރު އެޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް ހިތްވަރާއި އަޒުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"މިއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު އިތުބާރެއް. މިވަގުތު އަހަރެމެންނަކީ ބަލިނުކުރެވޭނެ ބައެއް ކަމުގެ އިހުސާސް ކުރެވޭ،"
އޭނާ ބުންޏެވެ.
ބަޔާން އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ މީގެ 14 މެޗު ކުރިން ޖެނުއަރީ މަހުގައެވެ.
އަނެއްކޮޅުން، ހަމަ މި މުއްދަތުގެ ތެރޭގައި މެޑްރިޑް ވަނީ ހަތަރު މެޗުން ބަލިވެފައެވެ. ކުރީގެ ކޯޗުން ކަމަށްވާ ޒަބީ އެލޮންސޯ އާއި ކާލޯ އަންޗެލޮޓީއެކޭ އެއްފަދައިން، މިހާރުގެ ކޯޗު އަލްވާރޯ އާބެލޯއާއަށް ވެސް ހުރިހާ ތަރިން ފިޓްކޮށް ތިބޭއިރު ޓީމުގެ ބެލެންސް ހިފެހެއްޓުމުގައި ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ.
"އެމީހުން (މެޑްރިޑް) ކުޅެނީ އެންމެ މޮޅު ފުޓްބޯޅައެއް ނޫން، އެކަމަކު ތަޖުރިބާގެ ގޮތުން އެއީ އާދަޔާ ހިލާފު ޓީމެއް،"
ބަޔާންގެ އޮނަރަރީ ޕްރެޒިޑެންޓް އުލީ ހޮއެނެސް ފާހަގަކުރެއްވިއެވެ.
"މިއީ އަހަރެމެންނަށް ފަސޭހައިން ކާމިޔާބުވާނެ މެޗެއް ކަމަށް ބުނުމަކީ ބޮޑާކަމަކަށް ވެދާނެ. އެކަމަކު ކުޅުމުގެ ފެންވަރަށް ބަލާއިރު، މިއީ ވަރަށް ގިނަ ދުވަސްތަކަކަށްފަހު ކުރިއަށް ދިއުމަށް އަހަރެމެންނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު،"
އޭނާ އިތުރަށް ބުނެފައިވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ލަ ލީގާގައި މަޔޯކާ އަތުން މެޑްރިޑް ބަލިވުމާއެކު، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ވަނީ ހަތް ޕޮއިންޓަށް ބޮޑުވެފައެވެ. ނަމަވެސް، އާބެލޯއާ ވަނީ އެ ބަލިވުމަށް މާބޮޑު ސަމާލުކަމެއް ނުދީ، މެޑްރިޑްގެ އެންމެ ކާމިޔާބު މުބާރާތުގައި ބަޔާންއާ ދެކޮޅަށް އެޓީމުން ދައްކާ ކުޅުމަށް އެކަމުގެ އަސަރު ނުކުރާނެ ކަމަށް ބުނެފައެވެ.
"އަހަރެންގެ ކުޅުންތެރިންނަކީ ކޮން ފެންވަރެއްގެ ބައެއްކަން އަހަންނަށް އެނގޭ. އަންގާރަ ދުވަހުގެ މެޗުގެ މުހިންމުކަން އެމީހުންނަށް ވަރަށް ރަނގަޅަށް އިހުސާސްކުރެވޭ،"
އާބެލޯއާ ނޫސްވެރިންނަށް ކިޔައިދިނެވެ.
"ޓީމުގެ ފަރާތުން ފެންނަންޖެހޭނީ އެންމެ މަތީ ފެންވަރުގެ ކުޅުން. އަދި މެޑްރިޑްގެ ސަޕޯޓަރުންގެ ފަރާތުން ލިބޭނެ އެހީތެރިކަން އަހަންނަށް އެނގޭ. އެމީހުން ތިބިއްޔާ ކޮންމެ ކަމެއްވެސް ވާނީ ފަސޭހަ."
މެޑްރިޑްގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވާ ޕްރެޝަރަކީ ބަޔާންއަށް އާ ކަމެއް ނޫނެވެ. މެޑްރިޑްގެ މުއްސަނދި ތާރީހާއި، ކުޅުންތެރިންގެ ހުނަރުގެ އިތުރުން ސަޕޯޓަރުންގެ ފޯރިއަކީ މެޑްރިޑް އާދަޔާ ހިލާފު ނަތީޖާތަކެއް ނެރުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
"އެ ދަނޑަކީ ސަޕޯޓަރުންނާ، ޓީމާ ގުޅިގެން އުފައްދާ ބާރުގަދަ ތަނެއް. އެއިން ސަލާމަތްވުމަކީ އިދިކޮޅު ޓީމަށް ވަރަށް އުނދަގޫ ކަމެއް،"
ބަޔާންގެ ކާލް-ހައިންޒް ރޫމެނިގޭ ބުނެފައިވެއެވެ.
"އެތަނުގައި ކުޅޭއިރު ކެތްތެރިކަމާއި، ހަމަހިމޭންކަން އަދި ނަފްސާނީ ގޮތުން ވަރުގަދަކަން ބޭނުންވާނެ. މިއީ ހަމައެކަނި އާދައިގެ މެޗެއް ނޫން. މިއީ އެންމެ އުނދަގޫ އިމްތިހާނު."
މި ޕްރެޝަރު އެންމެ ރަނގަޅަށް ތަޖުރިބާކޮށްފައިވާ ދެ ކުޅުންތެރިންނަކީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އާއި ސްވެން އުލްރީކްއެވެ. 2018 ވަނަ އަހަރުގެ ސެމީ ފައިނަލުގައި އުލްރީކް ހެދި ގޯހަކުން ކަރީމް ބެންޒެމާ ވަނީ ހުސް ގޯލަކަށް ބޯޅަ ފޮނުވާލާފައެވެ. އަދި 2024 ވަނަ އަހަރުގެ ސެމީ ފައިނަލްގައި، ނޯޔާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޖޮސެލޫ ވަނީ ފަހު ވަގުތު ދެ ލަނޑު ޖަހައި ބަޔާން މުބާރާތުން ކަޓުވާލާފައެވެ.
ކުރިމަތިލުންތަކުގެ ތާރީހުޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނައިން ބައްދަލުކޮށްފައިވާ ދެ ޓީމަކީ މިއީއެވެ. މިރޭގެ މެޗަކީ މި ދެ ޓީމު ބައްދަލުކުރާ 29 ވަނަ ފަހަރެވެ. ދެ ޓީމުން ކުރެ ކޮންމެ ޓީމަކަށްވެސް 12 މެޗު ކާމިޔާބު ކުރެވިފައިވާއިރު، 4 މެޗު ވަނީ އެއްވަރުވެފައެވެ.
ބަޔާންއަށް އެންމެ ފަހުން މެޑްރިޑް މުބާރާތުން ކަޓުވާލެވުނީ 2012 ވަނަ އަހަރުއެވެ. ނަމަވެސް، މި އަހަރު އެޓީމު އޮތީ މިދިޔަ ދިހަ އަހަރުގެ ތާރީހު ބަދަލުކޮށްލުމުގެ ވަރުގަދަ އަޒުމުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

