
މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުދޫ ދާއިރާގެ ގޮނޑިތަކަށް ވާދަކުރެއްވި ޕީއެެންސީގެ ގިނަ ކެނޑިޑޭޓުންނަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.
މިގޮތުން ހުޅުދޫ ދާއިރާގެ ރައީސްކަމުގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މޫސާ ސިއްދީގަށް ވަނީ ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެފައެވެ. މޫސާ ސިއްދީގަކީ މިހާތަނަށް ހުޅުދޫ އޮފީހުގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމު އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
މި މަގާމަށް ތިން ކެނޑިޑޭޓުން ވާދަކުރެއްވިއިރު، އިންތިޚާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް ޖާދުﷲ ޖަމީލެވެ. އޭނާ ގޮނޑި ކާމިޔާބުކުރެއްވީ 923 ވޯޓު ހޯއްދަވައިގެން ބޮޑު ތަފާތަކުންނެވެ. ޕީއެންސީގެ މޫސާ ސިއްދީގަށް 686 ވޯޓާއެކު ދެވަނަ ލިބިވަޑައިގަތްއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް އިރުޝާދަށް ލިބިވަޑައިގަތީ 324 ވޯޓެވެ.
ހުޅުދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑިތައްވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. އެގޮތުން ސާދާ ހަސަން 1022 ވޯޓާއެކު ގޮނޑި ކާމިޔާބުކުރެއްވިއިރު، އާމިނަތު މިލްހާ އަލީ ވަނީ 985 ވޯޓު ހޯއްދަވާފައެވެ. މި ގޮނޑިތަކަށް ޕީއެންސީން ވާދަކުރެއްވި ސަވާއަށް ލިބުނީ 700 ވޯޓެވެ. އަދި ނާފިޒާއަށް ލިބިވަޑައިގަތީ 659 ވޯޓެވެ.
ހުޅުދޫ ކައުންސިލްގެ ފިރިހެނުންނަށް ޚާއްޞަ 2 ގޮނޑީގެ ތެރެއިން 1 ގޮނޑި ކާމިޔާބުކުރެއްވީވެސް އެމްޑީޕީގެ ކެނޑިޑޭޓެކެވެ. އެއީ 934 ވޯޓް ހޯއްދަވައިގެން ހުސެން އަލީއެވެ. ފިރިހެނުންނަށް ޚާއްސަކުރެވިފައިވާ އަނެއް ގޮނޑި ހޯއްދެވީ ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދުދީދީއެވެ. އެއީ 890 ވޯޓް ހޯއްދަވައިގެންނެވެ.
ފިރިހެނުންނަށް ޚާއްސަ ގޮޑިތަކަށް ވާދެ ކުރެއްވި ޕީއެންސީގެ އިބްރާހިމް ސަމީއުއަށް 668 ވޯޓް ލިބިފައިވާއިރު އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ނިސާހުއަށް ލިބުނީ 868 ވޯޓެވެ.
އަންހެނުންގެ ކޮމިޓީގެ ރައީސާގެ މަގާމުވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެނޑިޑޭޓް ޝަޒީނާ އަލީއެވެ. އޭނާ ވަނީ 1077 ވޯޓު ހޯއްދަވާފައެވެ. މި މަގާމަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ނާޖިޔާއަށް ލިބިވަޑައިގަތީ 746 ވޯޓެވެ.
އަންހެނުންގެ ކޮމިޓީގެ ބާކީ ހުރި 3 ގޮނޑިއަށް އެމްޑީޕީން ވާދަކުރި 3 މެންބަރުންވެސް ވަނީ ފުރިހަމަ އަޣުލަބިއްޔަތަކުން ކާމިޔާބު ހޯއްދަވާފައެވެ. އިންތިޚާބުގެ ނަތީޖާ ތަރުތީބުވެފައިވާ ގޮތަކީ:
ޝިމްނާ އިސްމާއީލް (MDP): 1085 ވޯޓު
ލަޖުނާ އިބްރާހިމް (MDP): 1011 ވޯޓު
ޒީނާ ރިޔާޒް (MDP): 984 ވޯޓު
މި ގޮނޑިތަކަށް ޕީއެންސީން ވާދަކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން އަންހެނުންގެ ކޮމިޓީގެ މެމްބަރަކަށް ހޮވިފައިވަނީ އައިޝަތު ނަޖާ ވަހީދެވެ. އެއީ 811 ވޯޓު، ހޯއްދަވައިގެންނެވެ. ޕީއެންސީން ދެންވާދަކުރެއްވި ނަބާހާއަށް 734 ވޯޓު ލިބިފައިވާއިރު އާއިޝަތު ހަސަންއަށް ލިބިފައިވަނީ 629 ވޯޓެވެ.
މި ނަތީޖާތަކަށް ބަލާއިރު، ހުޅުދޫ ދާއިރާގެ ގިނަ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، މިއީ ސަރުކާރު ހިންގާ ޕީއެންސީއަށް އެ ދާއިރާއިން ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

