މާލޭގެ ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުގައި، ޕެނަލްޓީ ޖަހައިގެން 4-3 އިން އިންޑިއާ ބަލިކޮށް ބަންގްލަދޭޝް އިން މުބާރާތުގެ ތަށި އުފުލާލައިފިއެވެ. މިއީ ސާފް 20 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލް މެޗެއްގެ ނަތީޖާ ނެރެން ޕެނަލްޓީއަށް ދާން ޖެހުނު ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއަކީ 2024 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ނޭޕާލް ބަލިކޮށްގެން ތަށި ހޯދި ޓީމެވެ.
ރާއްޖޭގައި މި މުބާރާތް ބޭއްވި ނަމަވެސް، ބަންގްލަދޭޝްގެ ކޮންމެ މެޗެއްގައިވެސް އެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ގަލޮޅު ދަނޑަށް ވަދެ، ވަރަށް ފޯރިގަދަކޮށް އެޓީމަށް ސަޕޯޓް ކުރަމުން ގޮސްފައިވެއެވެ. ސަޕޯޓަރުން ފުރާލާފައި އޮތް ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގެ ތެރޭގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އިންޑިއާގެ ފުރަތަމަ ޕެނަލްޓީ ރިޝީ ސިންގް ފޮނުވާލުމުން، ބަންގްލަދޭޝްގެ ކީޕަރު މުހައްމަދު އިސްމާއިލް މާހިން ވަނީ އެ ބޯޅަ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މާހިން ވަނީ މި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑްވެސް ހާސިލްކޮށްފައެވެ. އިންޑިއާގެ ދެން ތިބި ކުޅުންތެރިން ކަމަށްވާ މުހައްމަދު އަރުބާޝް، ސަމްސޮން، އަދި ވިޝާލް ޔާދަވް ވަނީ އެމީހުންގެ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ.
ބަންގްލަދޭޝްގެ މުރުޝިދު އަލީ، ޗަންދަން ރޯއީ، އަދި އަބްދުލް ފަހީމް ވަނީ އެ ޓީމުގެ ފުރަތަމަ ތިން ޕެނަލްޓީވެސް ކީޕަރުގެ ވާތު ތިރީ ކަނަށް ވައްދާލާފައެވެ. ހަތަރުވަނަ ޕެނަލްޓީ ޖަހަން ސެމިއުލް ރަކްސަމް ދިޔަ ވަގުތު، އިންޑިއާގެ ކީޕަރު އަދި ކެޕްޓަން ސޫރަޖް ސިންގްގެ ފަޔަށް ތަދެއް އަރައިގެން ފަރުވާ ދޭން ޖެހުނެވެ. ފަރުވާއަށްފަހު ރަކްސަމް ފޮނުވާލި ޕެނަލްޓީ ޖެހުނީ ގޯލުގެ ހުރަސް ދަނޑީގައެވެ.
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ އިންޑިއާގެ އޮމަންގް ޑޯޑަމް ފޮނުވާލި ޕެނަލްޓީ ގޯލުގެ މަތިން ބޭރަށް ދިއުމުންނެވެ. ޑޯޑަމް އަކީ ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން އާއެކު ތިން ގޯލު ޖަހައިގެން މުބާރާތުގެ ޖޮއިންޓް ޓޮޕް ސްކޯރާގެ މަގާމާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާއެވެ. މުބާރާތުގެ ފެއާޕްލޭ އެވޯޑް ހާސިލްކުރީ ދިވެހިރާއްޖެއެވެ.
ބަންގްލަދޭޝްއަށް ޗެމްޕިއަންކަން ކަށަވަރުވީ އެ ޓީމުގެ ރޮނަން ސުލިވަން ފޮނުވާލި ހިތްގައިމު "ޕެނަންކާ" ޕެނަލްޓީއަކުންނެވެ. މި ކާމިޔާބީއާއެކު ބަންގްލަދޭޝްއިން ވަނީ ދެވަނަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

